ރާއްޖެއަށް ބޭނުންވާ ބޭސް ކުރިން އެނގޭނެ ނިޒާމެއް ގާއިމް ކުރަނީ

ރާއްޖެއަށް ބޭނުންވާ ބޭސްތައް އެނގޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް ފާމަސުޓިކަލްސްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ ސްޓޭޓް ފާމަސުޓިކަލްގެ މަސައްކަތަކީ ދިވެހިން ތަހައްމަލު ކުރަމުންދާ ބަލިތަކާއި އެ ބަލިތަކަށް ނަގާ ބޭސް ދެނެގަތުންކަމަށެވެ. އެއިރުން ބޭސް ހުސްވުން ނުވަތަ ނުލިބުމުގެ މައްސަލަ ހައްލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 
"ކުދި އާބާދީގައި ހާއްސަކޮށް ކުދިކުދި ރަށްރަށުގައި މިސާލަކަށް ދަންނަވަންޏާ ހަކުރުބަލީގެ ކިތައް މީހުންތޯ އެ ރަށުގައި ދިރިއުޅެނީ އެނގިއްޖެ ކަމަށްވަންޏާ މެދުނުކެނޑި އަޅުގަނޑުމެންނަށް ސްޓޮކް ކުރެވޭނެ އެރަށުގައި. އެބަ އެނގޭ އެ ބޭސްތައް ބޭނުން ކުރާނެކަން،" ޝާހު ވިދާޅުވި އެވެ. 
ޑރ. ޝާހު ވިދާޅުވީ ބޭނުންވާ ބޭސްތައް އެނގޭނެ ނިޒާމު ގާއިމް ކުރުމުން ބޭސް އަބަދުވެސް ބަހައްޓާނީ ސްޓޮކްކޮށްފައި ކަމަށެވެ. 
"އެހެންވީމަ އެ ލެވެލްއަށް އަޅުގަނޑުމެންގެ މަސައްކަތް ދެނެގަތުމަށްޓަކައި އަޅުގަނޑު މިދެންނެވި އިލެކްޓްރޯނިކް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. ކުރީމަ އަޅުގަނޑުމެންނަށް ނަންބަރސްތައް ދިމާކޮށް، އެތަންތަނަށް ބޭނުންވާ ބޭސް ސްޓޯ ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ. 
މި ސަރުކާރު ވެރިކަމަށް އައި ފަހުން ބޭސް ނުލިބުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. ރައީސް މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ބޭނުންވެވަޑައިގަތީ އިންޑިއާއަށް ބަރޯސާވުން ކުޑަކުރަން އެ ގައުމުން ބޭސް ގެނައުން ހުއްޓާލާށެވެ. 
ނަމަވެސް އިންޑިއާއިން ބޭސް ގެނައުމަށް ފަހުން އެ ގައުމުގެ ސަރުކާރުން ހިންގާ ކުންފުންޏަކާއެކު ސަރުކާރުން ސޮއި ކުރި އެވެ. އޭގެ ފަހުން ވެސް ބޭހުގެ މައްސަލަ ހައްލެއް ނުވެ އެވެ. ބޭސް ލިބުމުގެ ދަތިކަން އޮތް ކަމަށް މިފަހުން ހެލްތު މިނިސްޓަރު ގީލާ އަލީ ވެސް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
"ތަފާތު އެކި މަސައްކަތްތައް ސިއްހީ ދާއިރާއިން ކުރަމުންގެންދޭ މިކަންކަމަށް ހައްލެއް ހޯދުމަށް. އެހެންނަމަވެސް ބޭސް ލިބުމަކީ އަދިވެސް ދަތިވެފައި އޮތް ކަމެއް. ދެން ބޭސް އުފައްދާ ފަރާތްތަކުން ހަމަ އޭގެ ނަފާ އެންމެ ބޮޑަށް ލިބޭ ގޮތަށް ބޭސް ވިއްކަމުންދާނީ،" ގީލާ ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ