ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަންޑު އެކައުންޓުން 2015 ވަނަ އަހަރު އަމިއްލަ ބޭނުމަށް ފައިސާނަގާ ބޭނުންކޮށްފައިވާތީ ދައުވާ ކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.
އެކައުންޓުން 18،000 ރުފިޔާ ނަގާފައިވާކަމާއި އެފައިސާ ނަގާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ސިވިލް ސަވިސްގެ ގަވާއިދާ ޚިލާފަށް ކަމަށްބުނާ މައްސަލަ ތަޙްޤީޤުކުރުމަށްފަހު ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާރއާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ، އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ އެފައިސާ ނަގާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ސިވިލް ސަރވިސްގެ ގަވާއިދާ ޚިލާފަށް ކަމަށް ތަހުގީގަށް ފާހަގަ ކުރެވުނު ކަމަށެވެ. އަދި އެފައިސާ އެ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ އާ ޙަވާލުކޮށްފައިވާއިރު އެފައިސާ ޙަވާލުކޮށްފައިވަނީ ކޮންކަމަކަށް އެނގޭނެ އެއްވެސް ލިޔުމެއް ނެތްކަމާއި، އެ ފައިސާ ޙަވާލުކުރިތާ އެއް އަހަރުގެ މުއްދަތު ފާއިތުވީއިރުވެސް ފައިސާ ޚަރަދުކުރިކަމުގެ ބިލެއް ނުވަތަ މުދަލެއް ސްކޫލަށް ލިބިފައިނުވާކަން ފާހަގަ ކުރެވުނު ކަމަށެވެ.
އެ ފައިސާ ނެގި ދުވަސްވަރު ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާ އޭނަގެ އަންހެނުންގެ ނަންމަތީގައި ސައިކަލެއް ގަނެފައިވާކަމާއި، ސައިކަލު ގަނެފާވާއިރު ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާ ގެ އަމިއްލަ ބޭންކް އެކައުންޓް އަދި ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާ ގެ ކުންފުނީގެ އެކައުންޓުގައި އެއްފަހަރާ ސައިކަލަށް ފައިސާ ދެއްކޭވަރަށް ފައިސާ ނެތްކަން ފާހަގަ ކުރެވުނު ކަމަށްވެސް އޭސީސީން ބުނެއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން ގއ.އަތޮޅު ތަޢުލީމީ މަރުކަޒު އޮޑިޓް ކުރުމުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް މިފައިސާ ނަގާފައިވާ މައްސަލަ ފާހަގަކުރެއްވުމުން، މި ފައިސާ ދޫކުރިތާ އެއް އަހަރުފަހުން ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެކައުންޓަށް އަނބުރާ ފައިސާ ޖަމާކޮށްފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.
މިފައިސާއަކީ އެމަރުކަޒުގެ އެޑްމިނިސްޓްރޭޓަރއަށް އެޑްވާންސްކޮށް ދީފައިވާ އެއްމަހުގެ މުސާރަކަމަށް ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާ ބުނި ނަމަވެސް މިފައިސާއަކީ އެމަރުކަޒަށް ތަކެތި ގަތުމަށް ބޭނުންވާ ފައިސާކަމަށް ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާ ބުނުމުން ދީފައިވާ ފައިސާކަމަށް ޕޭމަންޓް ވައުޗަރު ތައްޔާރުކުރި އަދި ފައިސާ ދޫކުރި މުވައްޒަފުކަމަށްވާ ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ބުނިނަމަވެސް، މިފައިސާ ނަގާފައިވަނީ އެމަރުކަޒުގެ ބޭނުމަށްނޫންކަން ލިބިފައިވާ ހެކިތަކުން ތަޙުޤީޤަށް ފާޙަގަ ކުރެވޭ ކަމަށް އޭސީސީން ބުނެއެވެ.
ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައިވާއިރު ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ އަދި އެމަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
ފަންޑުން އަމިއްލަ ބޭނުމަށް ފައިސާ ނެގުމުން ދައުވާ ކުރަން ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ