ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި ފަލަސްތީނު މީހުން މިއަދު ކުރި މުޒާހަރާގެ ތެރޭގައި ޒަޚަމްވާ މީހުންނަށް ފުރަތަމައެހީ ދޭން އުޅުނު ފަލަސްތީނު ވޮލަންޓިއަރެއްގެ ގަޔަށް އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ޝަހީދު ކޮށްލައިފިއެވެ.
އުމުރުން 20 އަހަރަށްދާ އަބްދުﷲ އަލް ޤަތަތީއަކީ ކުރިމަތިލުންތަކުގައި ޒަޚަމްވާ މީހުންނަށް ކުއްލިފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ފަލަސްތީނު ސަރުކާރުގެ މެޑިކަލް ޓީމުގައި ހިމެނޭ ވޮލަންޓިއަރެއް ކަމަށް ވެއެވެ.
އޭނާގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހާފައިވަނީ، ޣައްޒާގެ ދެކުނުން ސަރަހައްދީ އިމަށް މީހުން ޖަމާވެފައިތިބި ސަރަހައްދެއްގައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އިސްރާއީލު ސިފައިންގެ މީހަކުޖެހި ބަޑީގެ ވަޒަން އަރާފައިވަނީ އަބްދުﷲގެ މެޔަށް ކަމަށެވެ.
ފަލަސްތީނު މީހުން ކޮންމެ ހުކުރު ދުވަހަކު ކުރަމުންދާ މުޒާހަރާގައި މިއަދުވެސް ސަރަހައްދީ އިމަށް އެތައްހާސް ބަޔަކު އެއްވި ކަމަށާއި، މިއަދުގެ އެއްވުމުގެ ތެރެއަށް އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން އިތުރު 25 މީހުން ޒަޚަމްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ. ޒަޚަމްވި މީހުންގެ ތެރެއިން ބޮލަށް ވަޒަންއެރި މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް ބުނެފައި ވެއެވެ.
އަބްދުﷲ އަލް ޤަތަތީއަކީ، ފަލަސްތީނު މީހުން މާޗްމަހުން ފެށިގެން ސަރަހައްދީ އިމުގައި މުޒާހަރާ ކުރަންފެށިފަހުން އިސްރާއީލު ސިފައިން ބަޑިޖަހައި މިހާތަނަށް ޝަހީދުކޮށްލި ފުރަތަމައެހީގެ ދެވަނަ ވޮލަންޓިއަރެވެ.
މިއަހަރުގެ ޖޫންމަހުގެ ދެވަނަދުވަހު ޣައްޒާ-އިސްރާއީލު ގުޅޭ ސަރަހައްދީ އިމުގެ ޚާން ޔޫނިސްގައި އިސްރާއީލު ސިފައިންގެ މީހަކު ފިލާހުރެ ޖެހި ބަޑީގެ ވަޒަން އަރައިގެން އުމުރުން 21 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ރަޒާން އަލް ނައްޖާރުވަނީ ޝަހީދުވެފައެވެ.
އޭނާއަކީވެސް ހެލްތު މިނިސްޓްރީގެ މެޑިކަލް ވޮލަންޓިއަރެކެވެ. އޭނާގެ މެޔައަށް އެރި ވަޒަން ނުކުމެގެންދިޔައީ ބުރަކަށިންނެވެ. ވަޒަން އެރުމާއެކު އޭނާ ވަގުތުން ޝަހީދުވިއެވެ.
ޒަޚަމްވާ މީހުންނަށް އެހީވާން އުޅުނު ފަލަސްތީނު މެޑިކަލް ވޮލަންޓިއަރެއްގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ