ސްކޫލްކުދިން ބުރުގާ އެޅުން މަނާކުރި ކުރުމަށް ކަރްނާޓަކާގެ ހައި ކޯޓުން ތާއީދުކޮށްފި

މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ސްކޫލަށް ދިއުން އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުން މަނާކުރި ކުރުން، ކަރްނާޓަކާގެ ހައި ކޯޓުން ދަމަހައްޓައިފިއެވެ.
ކަރްނާޓަކާ ސްޓޭޓްގެ ސަރުކާރުން، މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކޮށް ފާސްކުރި ގަނޫނަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ.
މިކަމާހެދި، ކަރްނާޓަކާގެ ސްކޫލްތަކުގައި ކިޔަވާ މުސްލިމް ދަރިވަރުންނާއި، ބެލެނިވެރިން ވަރަށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފައި ވެއެވެ. އަދި މުޒާހަރާތައް އިންޑިއާގެ އެހެން ސްޓޭޓްތަކުގައިވެސް ކޮށްފައި ވެއެވެ.
މުސްލިމުން ބުނަމުންދިޔައީ، މިއީ އިންޑިއާގެ މުޖުތަމައުން މުސްލިމުން އެކަހެރިކޮށް ނިކަމެތިކޮށްލުމުގެ ބޭނުމުގައި ހިންގާ ޖަރީމާއެއް ކަމަށެވެ.
އިންޑިއާގެ އާބާދީގައި 1.35 ބިލިއަން މީހުން ހިމެނޭއިރު އޭގެތެރެއިން 13 އިންސައްތައަކީ މުސްލިމުންނެވެ. އިންޑިއާ ވެފައިވަނީ ދުނިޔޭގައި ދެވަނައަށް އެންމެ މުސްލިމުން ގިނަ ގައުމަށެވެ.
ކަރްނާޓަކާ ސްޓޭޓުން މުސްލިމް އަހެން ދަރިވަރުން ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކުރި މައްސަލައިގައި އެތައް ބަޔަކު ކޯޓަށް ޕެޓިޝަންތައް ހުށަހަޅާފައި ވެއެވެ.
ކަރްނާޓަކާ ހައި ކޯޓަށް ހުށަހެޅި މައްސަލަތައް ބެލުމަށްފަހު ހުކުމް އިއްވަމުން ޗީފް ޖަސްޓިސް ރީޓޫ ރާޖް އަވާޝީ ވިދާޅުވީ، އަންހެނުން ބުރުގާ އެޅުމަކީ "ދީނީ ކަމެއްގެގޮތުގައި ނުބެލެވޭ" ކަމަށެވެ.
ސްކޫލްތަކުގެ ދަރިވަރުންގެ ޔުނިފޯރމް ގައިޑްލައިން ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބިގެންވާ ކަމަށްވެސް ހައި ކޯޓުން ބުނެފައި ވެއެވެ. އަދި ކޯޓަށް ހުށަހެޅި ހުރިހާ ޕެޓިޝަންތައް ބޭރުކޮށްލާފައި ވެއެވެ.
މިމައްސަލާގައި ކޯޓުގައި ވަކާލާތުކުރި ދަރިވަރުން ބުނެފައިވަނީ، ބުރުގާ އެޅުމަކީ އިންޑިއާގެ ގާނޫނުއަސާސީން އެމީހުންނަށް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށާއި، ބުރުގާ އެޅުމަކީ ދީނުގެ އަސާސީ ޕްރެކްޓިސްއެއް ކަމަށެވެ.
ކޯޓުގެ ނިންމުން އިއުލާންކުރުމަށްޓަކައި އެ ސްޓޭޓްގެ ސްކޫލްތަކައި ކޮލެޖްތައް ބަންދުކޮށް، ބައެއް ސަރަހައްދުތަކުގައި އާންމު އެއްވުންތައް ބޭއްވުން އޮތީ މަނާކޮށްފައެވެ. މިއީ، އެއްވެސް ހަމަނުޖެހުމެއް ހިނގާފަނެތީ އެޅި ފިޔަވަޅުތަކެކެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ކަރްނާޓަކާ ސްޓޭޓުގެ ހައި ކޯޓުގެ މި ނިންމުމުގެ ސަބަބުން އިންޑިއާގެ އެހެން ސްޓޭޓްތަކުންވެސް ބުރުގާ މަނާކުރަން މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ސްކޫލް ޔުނިފޯރމާ ގުޅޭގޮތުން އިންޑިއާގެ މައި ސަރުކާރުގެ އެއްވެސް ގަވާއިދެއް ނޯވެއެވެ. އަދި ސްޓޭޓްތަކުގައިވެސް އެފަދަ ގަވާއިދެއް ނޯވެއެވެ.
ބުރުގާ މަނާކުރި މައްސަލާގައި ކަރްނާޓަކާ ސްޓޭޓްގެ ސްކޫލްތަކުގައި ކިޔަވާ މުސްލިމް ދަރިވަރުން އިޖުތިޖާޖް ކުރުމުގެ ގޮތުން ސްކޫލަށް ކިޔަވަންދިއުން ވަނީ ހުއްޓާލާފައެވެ.
ކަރްނާޓަކާ ސްޓޭޓަކީ އިންޑިއާގެ ދެކުނު ފަޅިން މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީން ވެރިކަންކުރާ ހަމައެކަނި ސްޓޭޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ