ގޭންގްތައް ރޫޅާ ނުލައި މާރާމާރިތައް މަދުނުކުރެވޭނެ: އުމަރު

މާރާމާރިތައް މަދުކުރުމަށް ރާއްޖޭގައި ހިންގާ ގޭންގްތައް ރޫޅާލަން ޖެހޭކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީލު ވިދާޅުވެއްޖެއެވެ.
"އައްޑޫލައިވް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވަނީ މިދިޔަ އަހަރު މާރާމާރިއެއްގައި މީހަކު މަރުނުވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާ އެއީ ސަރުކާރުގެ ކާމިޔާބީއެއްކަމަށް ފާހަގަކުރެއްވުމުން އެކަމަށް ރައްދުދެއްވާފައެވެ. އެގޮތުން އުމަރު ވިދާޅުވީ، މިދިޔަ އަހަރު މާރާމާރިއެއްގައި މީހަކު މަރުނުވީކީ ސަރުކާރުގެ ސިޔާސަތަކަށް އައި ބަދަލަކާއި ގުޅިގެންނޫންކަމަށެވެ.
"އެއީ ގެންގްތަކުގެ މެދުގައި އޮތް ވާދަވެރިކަން އެމީހުން ޕީސްކޮށްގެން ތިބީ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތީގެ އަދަދުވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން ކަމަށާއި، އެކަން އެނގެނީ މަސްތުވާތަކެތި އަތުލައިގަންނަ މިންވަރުންކަމަށެވެ.
މާރާމާރިތައް މަދީ ގޭންގްތަކުގެ މެދުގައި އެމީހުން އަމިއްލައަށް ޕީސް ހަދައިގެން ތިބުމުން ކަމަށާއި، "އެ އެއްޗެހި ޑިސްރަޕްޓް ކުރުމުން ޕީސް ގެއްލޭ" ކަމަށާއި، އަދި ޕީސް ގެއްލުމުން އެއްބަޔަކު އަނެއްބަޔަކާ ތަޅައިގަންނަކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މާރާމާރީތައް ހިންގަނީ، ސަރުކާރުން އެ ގޭންގްތައް ރޫޅާ ނުލާތީ ކަމަށާއި، ގޭންގްތައް ރޫޅާ ނުލާއޮތުމުން ކަންކަން ކުރުމުގެ ފުރުސަތު އެމީހުންނަށް ލިބޭކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، ގޭންގް ތަކުގެ މެދުގައި ހަމަޖެހުން ގާއިމުވެފައި އޮތީ އެމީހުން ބޭނުންވާ މިންވަރަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރެވި އެ އެއްޗެހި ޑިސްޓްރިބިއުޓް ކުރެވޭނެ ޗެނަލްތައް އެ އެންމެންނަށް ހުޅުވިފައި އޮތުމުން ކަމަށެވެ.
"މާނައަކީ ފްރީ މާކެޓެއް އެމީހުންނަށް [ގޭންގްތަކަށް] އޮތީ. އެ މާކެޓް ޑިސްރަޕްޓް ކޮށްލީމަ އެމީހުންގެ މެދުގައި ވާދަވެރިކަން އުފެދޭނީ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މާރާމާރި މަދުވީ ސަރުކާރުގެ ސިޔާސަތަށް އައި ބަދަލެއްގެ ސަބަބުން ނޫންކަމަށާއި، އަދި އެކަން އެގޮތަށް އޮތީ ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ