އިއުލާން ނުކުރިޔަސް، އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިންގެ ފޯރި ގަދަވެފައި!

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ނިމުމާއެކު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެކި ދާއިރާތަކަށް އެ ޕާޓީގެ ބައެއް މެމްބަރުން ފޯރިގަދަ ކެމްޕެއިނެއް ފަށައިފި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހަކީ އެ ޕާޓީގެ ކަންކަން ނިންމުމަށް މަޝްވަރާ ހޯދައި ފަހު ބަސް ބުނާ ތަނެވެ. ވަކި ގޮތަކަށް ގައުމީ މަޖިލީހުން ފާސްކޮށްފި ނަމަ، އެ ގޮތަކަށް ޕާޓީން އަމަލުކުރަން ޖެހޭނެ އެވެ. އެހެންވެ، ގައުމީ މަޖިލީހުގެ ބާރުވެރިކަން، އެ ޕާޓީގެ ކޮންމެ ލީޑަރަކަށް ވެސް މުހިންމެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑަނޭޅިޔަސް ސޯޝަލް މީޑިއާގައި އެކި މެމްބަރުން ގެންދަވަނީ ވަރަށް ފޯރިގަދަ ކެމްޕެއިނެއް ކުރަމުންނެވެ. އެކި ރަށްރަށުގެ ދާއިރާތަކުގެ ރައީސުންގެ މަގާމަށާއި އެހެން ބައެއް މަގާމުތަކަށް ވެސް ކުރިމަތިލާކަން ބައެއް މެމްބަރުން ވަނީ ހާމަކޮށް، ކެމްޕެއިން ބައްދަލުވުންތައް ވެސް ފަށައިފަ އެވެ. ތާއީދު ހޯދުމުގެ އެކި ހަރަކާތްތައް ވެސް ކުރިއަށް އެބަގެންދެ އެވެ.
ދާއިރާތަކުގެ ރައީސްކަމާއި ޕްރޮވިންސްތަކުގެ ރައީސްކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރޭގައި މި ސަރުކާރުގެ އެކި ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑިރެކްޓަރުންނާއި ސަރުކާރުގެ ބައެއް އޮފީސްތަކުގެ ވެރިން ވެސް ހިމެނެ އެވެ.
އެގޮތުން، ހުވަދޫ ޕްރޮވިންސްގެ ރައީސްގެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު ވާދަކުރައްވާނެ ކަން ވަނީ އިއުލާން ކުރައްވައިފަ އެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވަނީ ގދ. ގައްދޫ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައިފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެ ޕާޓީގެ ލީޑަޝިޕްގެ އެހެން ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި ޕްރޮވިންސްތަކުގެ ސެކްރެޓޭރިއޭޓާއި ދާއިރާތަކުގެ ރައީސުން ހިމެނެ އެވެ. އަދި ޗެއާޕާސަންގެ ނައިބުންނާއި އަންހެނުންގެ ރޫހުގެ ރައީސާ އާއި ޒުވާނުންގެ ހިތްވަރުގެ ރައީސާއި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސަކީ ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނެވެ.
ދާއިރާތަކުގެ ރައީސްކަމާއި ޕްރޮވިންސްތަކުގެ ރައީސްކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރޭގައި މި ސަރުކާރުގެ އެކި ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑިރެކްޓަރުންނާއި ސަރުކާރުގެ ބައެއް އޮފީސްތަކުގެ ވެރިން ވެސް ހިމެނެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް މިހާރު އެކުލެވިގެން ވަނީ 147 މެމްބަރުންގެ މައްޗަށެވެ. އެ އަދަދު ބަދަލުވުމުގެ ފުރުސަތު އޮވެ އެވެ. އެއީ މަޖިލިސް މެމްބަރަކީ ދާއިރާގެ މެމްބަރަށް ވުން ނުވަތަ މަޖިލިސް މެމްބަރުގެ އިތުރުން ދާއިރާގެ މެމްބަރަކަށް އެހެން ބޭފުޅަކު އިންތިހާބުކުރާ ފަދަ ހާލަތްތަކުގަ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، ކޮންމެ ދެ މަހަކުން އެއް މަހު، ގައުމީ މަޖިލީހުގެ އާންމު ބައްދަލުވުމެއް ބާއްވަން ވާނެ އެވެ. ކުއްލިއަކަށް މުހިއްމު ކަމެއް ދިމާވެއްޖެ ނަމަ، ހާއްސަ ބައްދަލުވުމެއް ވެސް ބޭއްވިދާނެ ކަމަށް އެ ގަވާއިދުގައި ބުނެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުން އިންތިހާބު ކޮށްފައި ވަނީ މާޗު 11، 2016 ގަ އެވެ. ޖުމުލަ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ގައުމީ މަޖިލީހަށް މެމްބަރުން އިންތިހާބުކުރާއިރު، ކުރިއަށް އޮތް އެތެރޭގެ އިންތިހާބު ފަސްކޮށްފައި ވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގަ އެވެ. އިންތިހާބު ބާއްވާނެ ތާރީހެއް އެ ޕާޓީން އަދި ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ