ކޮވިޑުގެ ހާލަތު ގޯސްވާތީ ހަރުކަށި ފިޔަވަޅު އަޅަން މައުމޫން ގޮވާލައްވައިފި

ކޮވިޑު-19 ގައި ރާއްޖޭގެ ހާލަތު ގޯސްވަމުންދާތީ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނެއްކާ ވެސް ގޮވާލައްވައިފި އެވެ.
ކޮންޓްރޯލު ވެފައި އޮތުމަށް ފަހު، ކޮވިޑު ޖެހޭ މީހުންގެ އަދަދު މި ހަފުތާގައި ރިކޯޑު މިންވަރަކަށް އަނެއްކާ ވެސް ވަނީ އިތުރުވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް 319 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު އޭގެ ކުރީ ދުވަހު 164 މީހަކަށް އެ ބަލި ޖެހިފައި ވެ އެވެ.
އެކަމުގެ ކަންބޮޑުވުމާއެކު، މައުމޫން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ކޮވިޑުގެ ސާޖު އޮތީ ނުރައްކާ މިންވަރަކަށް ކަމަށެވެ. އެހެންވެ، ބަލިމަޑުކަން ކޮންޓްރޯލްކުރަން އިތުރު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އެ މަނިކުފާނު ގޮވައިލެއްވި އެވެ.
The current surge in Covid infections in Maldives is quite alarming. I call on the authorities to take more stringent measures to control this pandemic. @presidencymv @HPA_MV— Maumoon Abdul Gayoom (@maumoonagayoom) April 24, 2021
ކޮވިޑުގެ ހާލަތު ދޭތެރެދޭތެރެއިން ގޯސްވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަށް މައުމޫން އަބަދުވެސް އެދިވަޑައިގަންނަވަ އެވެ.
ރާއްޖޭގައި ބަލިޖެހޭ މިންވަރު އިތުރުވާން ފަށާފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހުގަ އެވެ. އެ އިންތިހާބާ ދިމާކޮށް ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައި ވެ އެވެ. އޭގެ ތެރޭގައި ވޯޓުލާން ކަރަންޓީން ނުވެ ރަށްރަށަށް ދިއުން ހިމެނެ އެވެ. އަދި އެންމެ ބޮޑަށް ކޮވިޑް ފެތުރެމުންދާ މާލޭގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ވެސް ވަނީ ވަރަށް ބޮޑަށް ލުއިކޮށްފަ އެވެ.
މާލެ ސަރަހައްދުގައި ކާފިއު އުވާލައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދީ، ކެފޭ/ރެސްޓޯރެންޓުތައް ވެސް ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފައި ވެ އެވެ.
މި ދުވަސްވަރު ދުނިޔޭގައި ރެކޯޑް އަދަދަކަށް އިންޑިއާގައި ކޮވިޑް ފެތުރޭއިރު، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމަކީ އިންޑިއާ އެވެ. މެދުއިރުމަތީގެ ގައުމުތަކަށް ވަޒީފާ އަށް ދާ އިންޑިއާގެ މީހުންގެ ކަރަންޓީން މަންޒިލަކަށް ރާއްޖެ ހަދާފައިވާއިރު، އެކަން ހުއްޓުވަން ދިވެހި ސަރުކާރުން ހަރުދަނާ ފިޔަވަޅެއް އަދި ނާޅަ އެވެ. އެޅިހާ ވެސް ފިޔަވަޅަކީ އިންޑިއާ އިން ޓޫރިސްޓުންގެ ގޮތުގައި އަންނަ އެންމެން ގޭގައި ކަރަންޓީވާން ޖެހޭ ގޮތަށް ހަމަޖެއްސުމެވެ. އެ ގައުމުން ޓޫރިސްޓް ވިސާގައި އަންނަ މީހުން ކަރަންޓީނުވާކަށް ވެސް ނުޖެހެ އެވެ. އެކަމަކު، ރަށްރަށުގައި މިހާރު އެންމެ ގިނަ ޓޫރިސްޓުންނަކީ އެ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ