އޭލެވްލް އިމްތިހާނު ކެންސަލް ކޮށްފި

މިހާރު ރާއްޖޭގައި ހަދަމުން ގެންދާ އޭލެވެލް އިމްތިހާނުގެ ޕޭޕަރުތައް ލީކްވުމުން ތާވަލާ އެއްގޮތަށް ކުރިއަށް ނުގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އޭ ލެވެލް އިމްތިހާނުގެ ޕޭޕަރުތައް ލީކުވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިހާތަނަށް ތިން ޕޭޕަރެއް ލީކުވެފައިވާތީ، މިހާރު ކުރިއަށް ގެންދާ އިމްތިހާނު ތާވަލާ އެއްގޮތަށް ދެން ކުރިއަށް ނުގެންދާނެ ކަމަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިމްތިހާނު ހަދާ ދަރިވަރުންނަށް ދެ ފުރުސަތެއް ދޭން ނިންމައިފައެވެ.
“އެޑެކްސަލް އިން އަޅުގަނޑުމެންނަށް މިވަނީ ދެ ޗޮއިސްއެއް ދީފައި. އެއް ޗޮއިސްއަކީ މިހާރު އެގްޒާމް ހަމަދަމުންދާ ދަރިވަރުން މިހާރުގެ ސީރީޒް އިން ވިތްޑްރޯ ކޮށްފައި އަންނަ އޮކްޓޯބަރު/ ނޮވެންބަރު މަހުގެ ސީރީޒަށް ބަދަލުވުން. ދެވަނަ އޮޕްޝަނަކީ އޭޕްރީލް މޭގައި ކިޔެވުން ނިންމާލަން ބޭނުން ދަރިވަރުންނަށް ކިހިނެތްތޯ ހެދޭނީ. އެކުދިންނަށް ދެވެން މިއަންނަނީ ޓީޗާސް ބޭސްޑް އެސެސްމަންޓަކަށް ދިއުން” މިނިސްޓަރު ވިދާޅުވިއެވެ.
ޓީޗާސް ބޭސްޑް އެސެސްމަންޓް ހަދާނީ ދަރިވަރުން ކިޔަވާ ސްކޫލުތަކުންނެވެ. އެ އެސެސްމަންޓްގެ ނަތީޖާއަށް ބަލައި އެޑެކްސަލް ގަބޫލުކުރާ ސެޓްފިކެޓެއް ދޭނެއެވެ. ނަމަވެސް އެ އެސަސްމެންޓް ހަދައިފިނަމަ ސްކޮލާޝިޕް ލިބުމުގެ ފުރުސަތު ގެއްލޭނެތީ، އެޑިއުކޭޝަން މިނިސްޓްރީގެ އިލްތިމާސަކީ ހުރިހާ ދަރިވަރުންވެސް އޮކްޓޫބަރު/ނޮވެންބަރުގައި އިމްތިހާނު ހެދުމެވެ.
އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނު ފަށާފައި ވަނީ މި ހަފުތާގެ ހޯމަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ