މެމްބަރު އީސަ ވަކި އެއްޗެއް ނާންގާ މަޖިލީހަށް ހާޒިރުނުވާތީ ރިޔާސަތުގެ ކަންބޮޑުވުން

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ވަކިއެއްޗެއް ނާންގާ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވާތީ ރިޔާސަތުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ތިބީ 33 މެމްބަރުން ކަމަށާއި ސަލާމުގައި ތިބީ ހަ މެމްބަރުން ކަމަށެވެ. އަދި ކަރަންޓީނުގައި ތިން މެމްބަރުން ތިއްބެވި ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުން ވަކި އެއްޗެއް ނާންގަވާ މަޖިލީހަށް ވަޑައިނުގަންނަވާ ކަމުގެ ކަންބޮޑުވުން އެމަނިކުފާނު މިއަދު ފާޅުކުރެއްވި އެވެ. އެގޮތުން މެމްބަރު އީސަގެ ނަން ރިޔާސަތުން ފާހަގަކުރެއްވި އެވެ. "ބައެއް އިއްޒަތްތެރި މެމްބަރުން އެބަތިއްބެވި ސަލާމް ވެސް މިތަނަށް ނުފޮނުއްވަވާ އަދި ކަރަންޓީނުގެ ހާލަތުގަ ނޫން ވިޔަސް މަޖިލީހަށް ވަޑައިނުގަންނަވާތާ، ޖަލްސާތަކަށް ވަޑައިނުގަންނަވާތާ ގިނަ ދުވަސްތަކެއް ވަމުންދާ ބައެއް އިއްޒަތްތެރި މެމްބަރުން އެބަތިއްބެވި. އަޅުގަނޑު މިއަދު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ މިތަނަށް ވަޑައިނުގަންނަވާ އަދި ސަލާން ނުފޮނުއްވާ ހުންނަވާ ސަބަބާ ގުޅޭގޮތުން ކަންބޮޑުވޭ،" އެމަނިކުފާނު ވިދާޅުވި އެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ އޮގަސްޓު މަހު ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 243 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ ހުއްދައާއި އެކު، ސަލާމާއި ޗުއްޓީގައި ތިބޭ މެމްބަރުން ފިޔަވައި، މެމްބަރުން މަޖިލީހުގެ މަސައްކަތަށާއި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާންވާނެ އެވެ. މަޖިލީހުގެ ސަލާމާއި ޗުއްޓީގައި ތިބޭ މެމްބަރުން ފިޔަވައި، އެ މަހެއްގެ ތެރޭގައި ބޭއްވޭ ޖަލްސާތަކުގެ ދެބައިކުޅަ އެއްބައި ޖަލްސާތަކަށް މެމްބަރަކު ހާޒިރުނުވެއްޖެނަމަ، އެ މެމްބަރެއްގެ މުސާރައިގެ 50 ޕަސެންޓަށްވާ މިންވަރު ކަނޑަންވާނެ އެވެ. ނަމަވެސް ބައެއް މެމްބަރުން އަހަރު ދުވަސް ވަންދެން އެއްވެސް ޖަލްސާއަކަށް ހާޒިރުނުވެ، ސަލާމުގައި ތިއްބެވި ކަމަށް މަޖިލިސް ރައީސް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ. ސަލާމުގައި ތިއްބެވުމުން މުސާރައިން އުނި ނުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ