މައްސަލަ ނިންމުން ލަސްވާކަމުގެ ޝަކުވާ ލިބޭނަމަ ސުޕްރީމް ކޯޓުން ފިޔަވަޅު އަޅަނީ
ރާއްޖޭގެ ޝަރުއީ އެއްވެސް ކޯޓަކަށް ހުށަހަޅޭ މައްސަލައެއް ލަސްވާ ކަމުގެ ޝަކުވާ ސުޕްރީމް ކޯޓަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއް ލަސްވާ ސަބަބު ބަލައި އެކަމާ މެދު ފިޔަވަޅު އެޅުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވައި މިއަދު ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ރާއްޖޭގެ ޝަރުއީ ކޯޓަކަށް މައްސަލަ ހުށަހެޅުމަށްފަހު އެ މައްސަލައެއް ބެލުން ދިގުލައިގެން ދާ ކަމަށް ފެނިއްޖެ ހިނދަކު ދައުވާ ކުރާ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި ނަމަ އެ މައްސަލައެއް ކޯޓުން ބަލާނެ ކަމަށެވެ. އަދި ބުނީ އެ މައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެލުމަށްފަހު އެކަމާއި ދޭތެރޭ ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. ސާކިއުލާގައި އަޅާނެ ކަމަށް ބުނެފައިވާ ފިޔަވަޅުތައް: މައްސަލަ ބަލާ ފަނޑިޔާރު ބަދަލު ކުރުން. ސުޕްރީމް ކޯޓުން ކަނޑައަޅާ ޝަރުއީ ވަފުދަކާ އެ މައްސަލަ ބެލުން ހަވާލު ކުރުން. މަގްބޫލު ސަބަބެއް ނެތި މައްސަލަ ނިންމުން ލަސްކޮށްފައިވާ ކަމަށް ފެނިއްޖެ ނަމަ އެކަމަކާ މެދު ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އެޅުން. މައްސަލަ ނިންމުން ލަސްވާކަމުގެ ޝަކުވާ ލިބޭނަމަ ސުޕްރީމް ކޯޓުން ފިޔަވަޅު އަޅާނެ ކަމަށް މިއަދު ބުނެފައިވާއިރު ފަނޑިޔާރުންނަށް މައްސަލަތަކުން ތަނާޒުލް ވެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް އެ ކޯޓުން ދާދިފަހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ