މިނިވަން ޖުޑިޝަރީއެއް ނެތް ކަމަށް ބުނެ ރައްޔިތުން ދަނީ ރޮއި އާދޭސް ކުރަމުން: މެންބަރު އިމްތުޔާޒް

މިނިވަން ޖުޑިޝަރީގެ ވައުދު ރައީސް އަބްދުﷲ ޔާމީނަށް ފުއްދާދީފައިނުވާ ކަމަށާއި ރެއާ ދުވާލު ރައްޔިތުން ދަނީ މިނިވަން ޖުޑިޝަރީއެއް ނެތްކަމަށް ބުނެ، މިކަން ހައްލު ކުރުމަށް ރޮއި އާދޭސް ކުރަމުން ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.
 
މ. ކުނޫޒްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ، ރާއްޖޭގައި އިންސާފުވެރި ނުވަތަ މިނިވަން ޖުޑިޝަރީއެއް ނެތް ކަމަށް ބައިނަލްއަގްވާމީ އިދާރާތަކުންވެސް އިއްތިފާގުވަމުންދާ ކަމަށާއި މުނި ދުނިޔޭގެ ތަހުޒީބު ހުރިހާ ބޮޑެތި ޑިމޮކްރަސީތަކުންވެސް، ރާއްޖޭގައި މިނިވަން ޖުޑިޝަރީއެއް ނެތް ކަމަށް ގޮވާލަމުންދާ ކަމަށެވެ.
 
"ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ޖުޑިޝަރީއަށް އަތްބާނަމުންދާ ވާހަކައާއި ޕޮލިޓިސައިޒުވެފައިވާ ވާހަކައާއި ސިޔާސީ މީހުންނައި ސީދާ ވިއްދާލައިގެން އަނިޔާވެރި ހުކުމްތައް ކުރަމުންދާ ވާހަކައާއި އިންސާފުގެ ކަންފުޅެއް ނެތް ކަމަށް މުޅި ދުނިޔެ އެދަނީ ބުނަމުން." އިމްތިޔާޒް ވިދާޅުވި އެވެ.
 
އިމްތިޔާޒް ވިދާޅުވީ، ޖުޑިޝަރީގެ މިނިވަން ނިޒާމެއް ރާއްޖޭގައި ނެތް ކަމަށް ސަރުކާރުން ބުނަމުންދާ އިރު، މި ނިޒާމުގެ ތެރެއިން އިންސާފުން މަސައްކަތް ކުރާ ފަރާތްތައް އުޅޭ ކަމަށެވެ. އަދި އިންސާފު ގާއިމްކޮށްދެން ބޭނުންވާ ފަރާތްތައްވެސް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އިމްތިޔާޒް ވިދާޅުވީ، ރާއްޖޭގައި ސަރުކާރާ ދެކޮޅު ސިޔާސީ ހުރިހާ ބޭފުޅުންނާ މެދު ދައުވާ ލުރެވި، ހުކުމްތައް ކުރެވުމަކީ އިއްތިފާގެއްގެ ގޮތުގައި ބަލައިނުގެވޭނެ ކަމަށެވެ.
 
"ރައީސް މުހައްމަދު ނަޝީދު އެވަނީ ޖަލު ހުކުމެއް، ޝެއިހު އިމްރާނު ޖަލުގައި، ކާނަލް ނާޒިމް ޖަލު ހުކުމެއްގައި ގާސިމް އިބްރާހިމް ޖަލު ހުކުމެއްގައި އަދީބު ޖަލު ހުކުމެއްގައި މެންބަރު ފާރިސް ހުކުމަކާ ނުލާ ޖަލުގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ޖަލުގައި ފަނޑިޔާރެއް ޖަލުގައި. މިހެން ގޮސް ކިޔާނެ ކަމެއް ނެތް ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވާ އެންމެން ޖަލުގައި. ގާތްގަނޑަކަށް 1700 ސިޔާސީ މީހުން ޝަރުއީ އެކި މަރުހަލާތަކުގައި އެބަތިބި." އިމްތިޔާޒް ވިދާޅުވި އެވެ.
 
ރާއްޖޭގައި ކަންކަން ސިޔާސީ ވެފައިވާ މިންވަރު ފާހަގަކުރައްވާ އިމްތިޔާޒް ވިދާޅުވީ، މެންބަރު ސައުދު ހައްޔަރު ކުރުމަށް ނެރުނު އަމުރުގައި ސަރުކާރުން ދެން ހައްޔަރު ކުރުމަށް ބޭނުންވާ މެންބަރު އަމީތުގެ ނަން ލިޔެވިފައި އޮތް ކަމަށެެވެ. އެންމެ ސަފްހާއަކުން އެ ފެނިގެންދިޔައީ ރާއްޖޭގެ ޖުޑިޝަރީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ