އިއްޔެއިން ފެށިގެން ކަރަންޓް ކަނޑާލާފައިވާ މ. ކޮޅުފުށި ކައުންސިލް އިދާރާއަށް ހަފްތާއެއްގެ މުހުލަތެއް ދިނުމަށްފަހު ވަގުތީގޮތުން ކަރަންޓްގެ ހިދުމަތް ދީފި އެވެ.
ހަތް މަސްދުވަހުގެ ކަރަންޓު ބިލް ނުދައްކާވާތީ މިމަހުގެ 10 ވަނަ ދުވަހު އިންޒާރުގެ ނޯޓިސް އެއް ދިނުމަށްފަހު ކޮޅުފުށި ކައުންސިލް އިދާރާއިން ކަރަންޓް ކަނޑާލާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކޮޅުފުށި ކައުންސިލް ރައީސް ހުސައިން ޝާމިލް ވިދާޅުވީ އިއްޔެއިން ފެށިގެން ކައުންސިލް އިދާރާއިން ކަރަންޓް ކަނޑާލާފައިވާތީ ވަރަށް ބޮޑަށް ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ.
ޝާމިލް ވިދާޅުވީ ފެނަކަ ކޯޕަރޭޝަނާއި ވާހަކަ ދެއްކުމުން ކަރަންޓް ބިލަށް ފައިސާ ދެއްކުމަށް ހަފްތާއެއްގެ މުހުލަތެއް ދިނުމަށްފަހު ވަގުތީގޮތުން ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި ޑިސެމްބަރު މަހާއި ދެމެދު ފިނޭންސް މިނިސްޓްރީން ކަރަންޓް ބިލްތަށް ދެއްކުމަށް އެއްވެސް ފައިސާއެއް ދީފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނުލިބޭ މިދިޔަ އަހަރު އޮކްޓޫބަރުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކަރަންޓް ބިލް ދެއްކުމަށް އެއްވެސް ފައިސާއެއް. އެކަމަށް އަޅުގަނޑުމެން ތަކުރާރުކޮށް އެދުމުންވެސް އެއަކަށް ޖަވާބެއް ނުދެއްވާ. ދެން އަޅުގަނޑުމެންނަށް ލިބުނީ މިއަހަރުގެ ބަޖެޓުގައި ހިމަނާފަ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗްގެ ނިޔަލަށް ހުރި ބިލްތަކަށްވާ ފައިސާ. އެ ބިލްތަކަށް ފައިސާ ދެއްކުމަށް އަޅުގަނދުމެން މިހާރު ތައްޔާރުވަމުން މިދަނީ." އޭނާ ވިދާޅުވި އެވެ.
ޝާމިލް ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހު އައި އިންޒާރުގެ ލިޔުމާއެކު ސިޓީއެއް ފިނޭންސް އަށް ހުށަހަޅާފައިވާނޭ ކަމަށެވެ. ނަމަވެސް އެ ސިތީއަކަށް އެއްވެސް ޖަވާބެއް ނާންނަ ކަމަށާއި ފޯނަށް ގުޅުމުންވެސް ޖަވާބު ނުދަެއްވާ ކަމަށެވެ.
އޭނާ ވިދާޅުވީ އާސަންދައިގެ ދަށުން ބޭސް ދޫކުރުމަށް ހަދާފައިވާ ބޭސްފިހާރަ ހުންނަނީ ކައުންސިލް އިދާރާގެ ގޯތި ތެރޭގައި ކަމަށާއި އެތަނަށް ކަރަންޓު ދޫކުރަނީވެސް އެ އިދާރާއިން ކަމަށްވުމުން ކަރަންޓު ކަނޑާލުމުގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވާ ކަމަށެވެ. އަދި ވަކި ޓެމްޕަރޭޗާއެއްގައި ބަހައްޓަންޖެހޭ ބޭހާއި އިންޖެކްޝަން ފަދަ ތަކެތި ހަލާކުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ރަށުގެ މަގުމަތީގެ ލައިޓް ތަކާއި ބަނދަރު މަތީގެ ލައިޓްތަކުންވެސް އިއްޔެއިން ފެށިގެން ކަރަންޓް ކަނޑާލާފައިވާތީ ރައްޔިތުންނަށް ރޭގައި ވަރަށް ބޮޑު ދަތިތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.
ޝާމިލް ވިދާޅުވީ ކައުންސިލް އިދާރާއަށް އައި އިންޒާރުގެ ލިޔުމާއެކު އެ ރަށުގައި ހުންނަ ޕޮލިސްޓޭޝަންގެ އިދާރާއަށްވެސް ކަރަންޓު ކަނޑާލުމަށް އިންޒާރުގެ ލިޔުން ދީފައިވާ ކަމަށެވެ. ނަމަވެސް ޕޮލިސްޓޭޝަނުގެ ލައްކައެއްހާ ރުފިޔާ އަރާފައިވާ ބިލްތަކަށް ފައިސާ ދެއްކުމަށް އިއްޔެ ފައިސާ ހަމަޖައްސައިދީފައިވާ ކަަމަށެވެ.
"އަޅުގަނޑުމެންނަށް އިންޒާރުގެ ނޯޓިސް ދިން ދުވަހު ޕޮލިސްޓޭޝަނަށްވެސް ދިން ހަމަ ކަރަންޓު ކަނޑާލަން ނޯޓިސް. އެކަމަކު އެމީހުންގެ ބިލްތައް ޕޭ ކުރަން ފައިސާ ހަމަޖައްސާފަ މިވަނީ. އަޅުގަނޑުމެންނަށް ފައިސާ ހަމަޖައްސައިނުދެވެންވީ ކީއްވެތޯ؟ މިވެސް ހަމަ ސަރުކާރުގެ އިދާރާއެއް ނޫންތޯ؟ އަޅުގަނޑުމެން އޮންނާއީ 41،799.98 ރުފިޔާ ކަރަންޓު ބިލްތަކަށް ދައްކަން. އެކަމަަކު އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގަ ޕޮލިސްޓޭޝަނުގެ ބިލްތަކަށް އަރާ ލައްކައެއްހާ ރުފިޔާ. އެމީހުންނަށް ފައިސާ ހަމަޖއްސާދިނީމަ ބިލްތައް ޕޭ ކޮށްފައިވާތީ އެތަނުން ކަރަންޓެްއް ނުކަނޑާ. މި ރަށުގެ ސަރުކާރުގެ އެހެން އިދާރާތަކަށް ފައިސާ ހަމަޖެހޭއިރު ކީއްވެގެންތޯ ކައުންސިލް އިދާރާއަށް ފިނޭންސް އިން އެ ފައިސާ ނުދެނީ؟ ހަޣިގަތަށް ބުނަންޔާ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ސަރުކާރުގެ އިދާރާއެއްގެ މަސއްކަތަށް ބުރޫ އަރާގޮތަށް މިފަދަ އަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން." އޭނާ ވިދާޅުވި އެވެ.
ޝާމިލް އިތުރަށް ވިދާޅުވީ ކައުންސިލުން ކޮންމެ އަހަރަކަށްވާ ބަޖެޓް ކަނޑައެޅުމަށްފަހު ފިނޭނސް އަށް ހުށަހަޅާ ކަމަށާއި ނަމަވެސް ފިނޭންސް އިން ފައިސާ ދޫކުރަނީ ކައުންސިލަށް ބޭނުންވަ ވަރަށްވުރެން މަދުން ކަމަށެވެ.އަދި ފިނޭންސ އިން ކައުންސިލަށް ފައިސާ ދޫކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ލީކްލ ގަވަރމެންތް އޮތޯރިތީއަށްވެސް މިމައްސަލަ ހުށަހެޅި ކަމަށާއި އެހެންނަމަވެސް އެ އޮތޯރިޓީންވެސް އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކައުންސިލްގެ ދެ މެމްބަރަކު ވަނީ އެކި އެކި ސަބަބު ތަކާއިހެދި އިސްތުފާ ދެއްވާފަ އެވެ. މިހާރު އެ ކައުންސިލްގައި ހިމެނެނީ އެމްޑީޕީ އެއް ކައުންސިލަރަކާއި އަދާލަތުގެ އެއް ކައުންސިލަރަކާއި ޕީޕީއެމްގެ ކައުންސިލަރަކެވެ. ނަމަވެސް ނިމިދިޔަ ލޯކަލް ކައުންސިލް އިންހާބުގެ ދާއިމީ ނަތީޖާ ދައްކާގޮތުން ކައުންސިލަށް ހޮވިފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ތިން ކައުންސިލަރެކެވެ.
ހަފްތާއެއްގެ މުހުލަތަކާއެކު ކޮޅުފުށި ކައުންސިލް އިދާރާއަށް ވަގުތީގޮތުން ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ