ވިލިނގިއްޔަށް ދިމާވި ކަރަންޓުގެ މައްސަލައެއްގައި ގޭގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ބައެއް ސާމާނަށް ގެއްލުންވެއްޖެ

ގއ. ވިލިނގިލީ ފެނަކަ އިންޖީނުގޭން ދޫކުރި ކަރަންޓަށް ދިމާވި މައްސަލައެއްގައި އެ ރަށުގެ ބައެއް ގޭގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނަށް ގެއްލުން ވެއްޖެ އެވެ.
ވިލިގިލީ ކައުންސިލުގެ ރައީސް މުހައްމަދު މުސްތަފާއާ ހަވާލާދީ "ސަން އޮންލައިން" ގައި ބުނެފައިވަނީ އެ މައްސަލަ ދިމާވީ އެ ރަށުގެ ކަރަންޓު ފެންވަރު ރަނގަޅު ކުރުމަށް ފެނަކައިން މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ.
"ރަށުގެ ހަމަ ވަރަށް ގިނަ ގޭގޭގެ ކަރަންޓު ސާމާނަށް ވަނީ ގެއްލުންތަކެއް ލިބިފައި، ހަލާކުވެފައި،" މުސްތަފާ ވިދާޅުވި އެވެ.
ވިލިނގިލީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖަރު ހައިތަމް އަބްދުލް މުހުސިން ވިދާޅުވީ ކަރަންޓު މައްސަލައެއް ދިމާވި ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވި އެވެ.
ފެނަކަ ކޯޕަރޭޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ދިމާވީ އެ ރަށު އިންޖީނުގޭގެ ޓާރާންސްފޯމަރެއް ބަދަލު ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އެ މަސައްކަތް ކުރަމުންދަނިކޮށް، ބައެއް ގެތަކުގެ އިލެކްޓްރޯނިކް ސާމާނުތަކަށް ގެއްލުންވީ ބާރުގަދަ ކަރަންޓެއް ދޫކުރެވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލިބުނު ގެއްލުން އަންދާޒާކޮށް، އެކަން ދިމާވާން މެދުވެރި ސަބަބު ދެނެގަތުމަށް އެސެސްމެންޓެއް ހެދުމަށް ވިލިނގިލީ ފެނަކައިގެ ރީޖަނަލް ސެންޓަށް އަންގާފައިވާނެ ކަމަށެވެ.
އިންޖީނުގޭގެ ޓްރާސްފޯމަރު ބަދަލު ކުރުމުގެ މަސައްކަތް ކުރީ އެކަން ކުރުމުގެ ގާބިލްކަން ލިބިގެންވާ ބައެއްކަމަށާއި އެހެންނަމަވެސް އެ މައްސަލަ ކުރިމަތިވާން ދިމާވި ސަބަބު ދެނަގަތުމަށް އެސެސްމެންޓް ހެދުމަށް ވާނީ އަންގާފައިކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރައްޔިތުންގެ މުދަލަށް ލިބުނު ގެއްލުމުގެ ބަދަލު ފެނަކައިން ދޭނެތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ އެކަން ވެސް ދެނެގަނެވޭނީ އެސެސްމެންޓް ހެދުމުންކަމަށެވެ.
"އެކަން ވެސް ދެނެގަނެވޭނީ އެސެސްމެންޓް ހެދުމުން. ހާލަތު ދެނެގަތުމުން. ކީއްވެގެން، ކިހިނަކުންވީ ކަމެއްކަން އެނގިގެން،" އޮފިޝަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ