އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ގޮތުގައި 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2021 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ) ކަމަށެވެ.
މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށާއި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވިއެވެ.
އަންނަ އަހަރުވެސް ވާނީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށް ކަމަށާއި އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓް ރޭވިފައިވަނީ ކޮވިޑް-19 ގެ ސަބަބުން ލިބޭ އިގްތިޞާދީ އަދި އިޖުތިމާއީ ގެއްލުންތަކުން ވީހާވެސް އަވަހަށް އަރައިގަނެ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގެ އެންމެ މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގެ މައްޗަށް ކަމަށް އަމީރު ވިދާޅުވިއެވެ.
މިއީ އާންމު ގޮތެއްގައި ދައުލަތަށް ލިބޭ އާމްދަނީއާ އަޅައިބަލާއިރު ވަރަށް ބޮޑުތަން ކުޑަ އަދަދެއް ކަމަށާއި އެހެންނަމަވެސް މިއީ މި ހިނގާ 2020 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީއަށްވުރެ 21 އިންސައްތަ އިތުރު އަދަދެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އާމްދަނީ އަނބުރާ އާންމު ލެވެލްއާ ހަމައަށް އަންނާނެކަމަށް ބެލެވެނީ 2023 ގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަންނަ އަހަރު އާމްދަނީ ލިބޭނެ މައިގަނޑު ގޮތްތަކަށް ބަލާއިރު ޓެކުހުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެ އެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރެވެނީ 5.6 ބިލިއަން ރުފިޔާ އެވެ.
އަދި މިއަހަރަށް ހުށަހެޅި ބަޖެޓަށް ވުރެ އަންނަ އަހަރުގެ ބަޖެޓު ކުޑަކުރި ނަމަވެސް، އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑުވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން 2021 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ އެވެ.
މީގެއިތުރުން އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 124.8 ޕަސެންޓްކަން އަމީރު ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް 35 ބިލިއަން ރުފިޔާގެ ބަޖެޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ