މެއި މަހުން ފެށިގެން ބިލުކުރާނީ ކުޑަ ޓެރިފް ރޭޓުގައި ކަމަށް ފެނަކައިން ބުނެފި

ކުޑަ ޓެރިފްގައި ބިލް ކުރަން ފަށާނީ ނިމިދިޔަ މެއި މަހުން ފެށިގެން ކަމަށް ފެނަކައިން ބުނެފިއެވެ.
ގޭބީސީތަކުގެ ކަރަންޓު ރޭޓު ކުޑަ ކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ.
އެކްސްގައި އެ ދުވަހު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމަށް އަންގަވާފައިވާނެ ކަމަށެވެ.
ރައީސްގެ އެ ނިންމެވުމާއެކު ފެނަކައިން މިއަދު ބުނީ، މެއި މަހުން ފެށިގެން ބިލުކުރެވިގެންދާނީ ކުޑަ ޓެރިފް ރޭޓުގައި ކަަމަށެވެ. އެގޮތުން މޭ މަހުގެ ކަރަންޓު ބިލު އަދި ދައްކާފައި ނުވާ ފަރާތްތަކަށް ކުޑަ ޓެރިފް ރޭޓުގައި ބިލު އަލުން ޖެނެރޭޓްުރެވިގެންދާނެ ކަން ފާހަގަކޮށް ފެނަކައިން ބުނީ، މެއި މަހުގެ ބިލަށް މިހާރު ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ޖޫން މަހުގެ ބިލުން އެ ބައި އުނި ކުރެވިގެން ދާނެ ކަަމަށެވެ.
ކަރަންޓު ބިލު ބޮޑުވެ އެކަމުގެ ޝަކުވާ އާންމުން ދަނީ ސޯޝަލް މީޑިއާގައާއި އެހެނިހެން މަންސަ ތަކުގައިވެސް ކުރަމުންނެވެ. އެގޮތުން ސްޓެލްކޯއިން މާޗް މަހު ރޯދަ މަހާ ގުޅިގެން ދިން ޑިސްކައުންޓާ އެކު ވެސް ކަރަންޓު ބިލު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު އޭރު ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.
އަދި އޭޕްރިލް މަހުގެ ބިލު އެއްވަރުވުމުން ވެސް ގިނަ މީހުން ވަނީ ސޯޝަލް މީޑިއާގައި އެކަން ފާހަގަކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް މި ކަމާއި ގުޅިގެން ސެޓްލެކޯއިން ވަނީ ދެ މަހުގެ ކަރަންޓު ބިލުތަކުގެ ތެރެއިން ގިނަ ބިލުތައް އެއްވަރުވީ މިދިޔަ އޭޕްރިލް މަހަށް ވެސް ޑިސްކައުންޓް ދިނުމުގެ ސަބަބުން ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ