ގައިންގަޔަށް އަރާ ބައްޔެއް ހުރި ބިދޭސީއަކު ގެއްލިގެން ހޯދަނީ

ގައިންގަޔަށް އަރާ ބައްޔެއް ހުރި ބިދޭސީ ފިރިހެނަކު ގެއްލިގެން ހޯދާތީ، އޭނާއަށް ވަޒީފާ ދިން ފަރާތުން އެ ކަން ސޯޝަލް މީޑިއާގައި ހާމަކޮށްފި އެވެ.
ވީކިހިނެއް؟ - ފޭސްބުކްގައި ޕޯސްޓްކޮށްފައިވަނީ މުހައްމަދު ޝަރީފް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ޕޯސްޓްގައި ލިޔެފައިވާ ގޮތުން ބިދޭސީ މީހާ ގެއްލިގެން އުޅެނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ހެނދުން ފެށިގެނެވެ.
ތަފްސީލް - އޭނާ ލިޔެފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ ރުހުލް އަމީން،31، ބަންގްލަދޭޝް އެވެ. އެ ގޮތުން:
އޭނާ މަސައްކަތް ކުރަމުން ދިޔައީ ވިލިމާލޭގައި ހުންނަ ފެކްޓަރީއެއްގައި
ވިލިމާލެ ފެރީން އެއާޕޯޓަށް ދާން ވެގެން ނުކުތް ގޮތަށް ހަބަރެއް ނުވޭ
ސިއްހީ ފަރުވާއަށް ބަންގްލަދޭޝްއަށް ފުރުމަށް ހަމަޖެހިފައިވޭ
އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި ގައިންގަޔަށް އަރާ ބައްޔެއް ހުރީ ޖެހިފައި
އިތުރު މައުލޫމާތު ހޯދުމަށް 'ދައުރު' އިން ގުޅުމުން އޭނާ ބުނީ އެޗްޕީއޭއިން ހިއްސާކުރި ރިޕޯޓުން އޭނާއަށް ޖެހިފައި ހުރި ބައްޔެއް ނޭނގޭ ކަމަށެވެ. ރިޕޯޓްގައި އޮންނަނީ 'ކޮމިއުނިކެބަލް ޑިޒީސް' ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ކަމަށް އޭނާ ބުންޏެވެ.
މައްސަލަ ފުލުހަށް ހުށަހަޅާފައިވޭތޯ ސުވާލުކުރުމުން ޝަރީފް އެޗްޕީއޭ އިން އޭނާ ނުފުރާކަން ޔަގީންކޮށްދޭތީ އޭނާ ހޯދުމުގެ މަސައްކަތް އެ ފަރާތުން ކުރަމުންދާ ކަމަށެވެ. އަދި ފުލުހަށް ރިޕޯޓް ނުކުރާ ކަމަށް ބުންޏެވެ.
އެޗްޕީއޭއަށް ވެސް ފިލައިގެން އުޅޭ މީހަކަށް ވެފައި އެހެން މީހުންނަށް ބަލި ފެތުރޭ ގޮތަށް ބިދޭސީ މީހާ އުޅެފާނެތީ އެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށް ޝަރީފް ބުންޏެވެ.
މި ބިދޭސީ މީހާގެ އެއްވެސް މައުލޫމާތެއް އޮތް ނަމަ 7478833 އަށް ގުޅުމަށް ޝަރީފް އެދިފައިވެ އެވެ.
މި ކަމާ ގުޅިގެން ފުލުހުންގެ އަދި އެޗްޕީއޭގެ ބަހެއް ވެސް ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ