އެލްކުލެސިކޯ މެޗަށް ބާސެލޯނާއިން ހާއްސަ ޖާޒީއެއް

ފުޓުބޯޅައިގައި ޒަމާނުއްސުރެން އެންމެ ވާދަވެރި ދެކުލަބު ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ސްޕެއިނުގެ ބާސެލޯނާއާއި ރެއާލްމެޑްރިޑް ބައްދަލު ކުރާ އެލްކުލެސިކޯ މެޗަށް ބާސާއިން ތަފާތު ޖާޒީއެއް ފަރުމާ ކޮށްފި އެވެ. ބާސެލޯނާގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި މިއަދު އެ ޓީމުގެ ކުރީގެ ކެޕްޓަން ކާލޮސް ޕުޔޯލް ދައްކާލި ޖާޒީ އަކީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ކުޅޭ އެލްކުލެސިކޯ މެޗުގައި ބާސެލޯނާ ބޭނުން ކުރާނެ ޖާޒީ އެވެ. ލީގުގެ އެހެން މެޗުތަކުގައި ބޭނުން ކުރާ ޖާޒީއާއި ތަފާތުކޮށް ފަރުމާކޮށްފައިވާ މި ޖާޒީގައި އެ ޓީމު ކުޅޭނީ ހަމައެކަނި އެލްކުލެސިކޯގެ ހާއްސަ މެޗު އެކަންޏެވެ. މި ސީޒަނުގައި މިހާތަނަށް ތިން ޖާޒީއެއް ބާސެލޯނާއިން ކުރިން ނެރިފައިވާ އިރު، މިފަހަރު އަލަށް މި ނެރޭ ޖާޒީ އަކީ ބާސެލޯނާގެ ޖާޒީއާއި، ކެޓަލޫންޏާގެ ދިދަ ގުޅުވާލައިގެން ފަރުމާކޮށްފައިވާ ޖާޒީއެކެވެ. މި ޖާޒީން ދޭ މެސެޖަކީ "އެއް ޖާޒީއަކުން އެންމެންގެ ބަދަހިކަން"، މިފަދައިން ކަމަށް ބާސެލޯނާގެ ޕޭޖުގައި ވަނީ ބުނެފަ އެވެ. ބާސެލޯނާއިން މި ހާއްސަ ޖާޒީ މިއަދު ވިއްކަން ފަށާފައިވާ އިރު، މި ޖާޒީ ލިބެން ހުންނަނީ ހަމައެކަނި އެކުލަބުގެ އޮފިޝަލް ސްޓޯރުގައި އެކަނި ކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ. އަދި އަންނަ މަހުގެ އެއްވަނަ ދުވަހު އެ ޖާޒީ ވިއްކުން ހުއްޓާލާނެ ކަމަށާއި، މިއީ ބާސެލޯނާއިން މިއަހަރު ނެރޭ ފުރަތަމަ "އެކްސްކުލޫސިވް" ޖާޒީ ކަމަށް ބާސެލީނާއިން ވަނީ ބުނެފަ އެވެ. މިފަހަރުގެ ލީގުގައި ބާސެލޯނާއާއި ރެއާލް ބައްދަލު ކުރި ފުރަތަމަ މެޗުން ރެއާލް ކުރި ހޯދީ 1-3 އިންނެވެ. ލީގުގައި ރެއާލް މިވަގުތު ތާވަލުގެ ދެވަނައިގައި އޮތީ 40 ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި ބާސެލޯނާ 37 ޕޮއިންޓާ އެކު އޮތް އިރު، އެއްވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 47 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލް މެޑްރިޑުން ލީގުގައި ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ލެވަންޓޭއާ ދެކޮޅަށެވެ. ޖެހިގެން އަންނަ ދުވަހު ބާސެލޯނާ ނުކުންނާނީ ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލުގައި އެ ޓީމު ބަލިކުރި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ