ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ހުށަހެޅީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް: ޝަރީފް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ބަދަލުކުރުމަށް ފާއިތުވި 18 ވަނަ ރައްޔިތުން މަޖިލިހުގައި ހުށަހެޅުއްވި އިސްލާހަކީ އެމްޑީޕީގެ ރައީސް، އަދި މިހާރު ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގަތުމުން ހުށަހެޅުއްވި އިސްލާހެއް ކަމުގައި މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ. ޝަރީފު މިފަދައިން ވިދާޅުވީ އެ އިސްލާހު މަޖިލިހަށް ހުށަހެޅުމަށް ޝަރީފުގެ އަތަށް 20،000،000 (ވިހި މިލިއަން) ރުފިޔާ ދެއްވި ކަމުގައި ވިދާޅުވެ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ދެއްވާފައިވާ ބަޔާނެއް ސޯޝަލް މީޑިޔާއަށް އެމްޑީޕީގެ އެކްޓިވިސްޓަކު ލީކުކޮށްލުމުން އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ފުލުހުންގެ ޤާނޫނަށް ގެންނަ އިސްލާހެއްގެ ދަށުން ފުލުހުންގެ ކޮމިޝަންޑް އޮފިސަރުން ވަޒީފާއިން ވަކިކުރެވޭ ގޮތަށް ޤާނޫނު އިސްލާހުކުރުމަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅު ހައްދަވައި މަޖިލިހުގައި ބިލެއްދޫ ދާއިރާ މެންބަރާ ޒުވާބުކުރެއްވުމުން ރައީސް ނަޝީދުވަނީ ޝަރީފު މަޖިލިހުން ބޭރުކުރައްވާފައެވެ. ލީކުކޮށްފައިވާ ބަޔާނުގައި އަދީބު ވިދާޅުވެފައިވަނީ އިސްލާހު ހުށަހެޅުމުގެ ކުރިން ޝަރީފުގެ އަތްޕުޅަށް 5 މިލިއަން ރުފިޔާ އަދި އިސްލާހު ފާސްވުމަށްފަހު 20 މިލިއަން ރުފިޔާ ދެއްވި ކަމުގައެވެ. މި ވާހަކަތަކާ ގުޅިގެން ޝަރީފަކީ އަދީބާ ގުޅިވަޑައިގެން އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ބޭފުޅެއް ކަމުގައި ބުނެ އެމްޑީޕީ އެކްޓިވިސްޓުން އޭނާއަށް ފާޑުކިޔާފައިވެއެވެ. އެ ފާޑުކިޔުންތަކަށް ޖަވާބުދެއްވައި ކުރެއްވި ޓުވީޓެއްގައި ޝަރީފު ވިދާޅުވީ އަދީބު އަންގަވައިގެން އެއްވެސް އިސްލާހެއް މަޖިލިހަށް ހުށަހަޅުއްވާފައިނުވާނެ ކަމުގައެވެ. އަދި ހުށަހެޅުއްވި އިސްލާހަކީ ޕާޓީގެ ރައީސް (ރައީސް ނަޝީދު) އެދިވަޑައިގަނެގެން ބޭނުންފުޅުވެގެން ހުށަހެޅުއްވި އިސްލާހެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި އެނޫން ގޮތަކަށް އެކަންވިނަމަ، އޭނާއާމެދު ފިޔަވަޅުއެޅީސް ކަމުގައިވެސް ޝަރީފު ވިދާޅުވިއެވެ. އަދި ކިތަންމެ ބިރެއް ދެއްކި ނަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ޝަރީފު ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ