ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވަރުގަދަ ޗެލެންޖްތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް ކުރައްވައިފި އެވެ.
މައުމޫން ހަމީދު އިއްޔެ ވަނީ އެޗްއާރްސީއެމްއަށް "ހިއުމަން ރައިޓްސް ޑޭ ޗެލެންޖް"ގެ ގޮތުގައި ހަ ޗެލެންޖެއް ކުރައްވާފަ އެވެ. ފުރަތަމަ ޗެލެންޖެއް ކަމަށް މައުމޫން ހަމީދު އެދިވަޑައިގަތީ، ގާނޫނާ އެއްގޮތަށް ރާއްޖޭގައި ހުރި އެންމެ ޖަލެއް ވެސް ދެއްކުމަށެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ބައެއް ވެސް މައުމޫން ޓްވީޓް ކުރެއްވި އެވެ.
ދެވަނަ ޗެލެންޖެއްގެ ގޮތުގައި މައުމޫން ހަމީދު އެޗްއާރްސީއެމްއަށް ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގުޅޭ ސުވާލެކެވެ. "ދޫނިދޫ ޖަލަކީ ކަސްޓޯޑިއަލް ޖަލެއް ނަމަ، އަދީބު އެތަނުގައި ބެހެއްޓުން ގާނޫނާ އެއްގޮތް ވަނީ ކިހިނެއް؟" މައުމޫން އެއްސެވި އެވެ. އެފަދަ ޖަލުތަކަކީ ތަހުގީގަށް ބަންދުކުރާ މީހުން ބައިތިއްބާ ޖަލެވެ. ނަމަވެސް އަދީބު މިހާރު ގެންދަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ތިންވަނަ ޗެލެންޖް ގުޅުވާލީ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާ އެވެ. ހުރިހާ ހެކިތަކެއް އޭނާއަކީ ކުށްވެރިއެއް ނޫން ކަމަށް ބަޔާންކުރާއިރު ވެސް ނާޒިމް ހުންނެވީ ޖަލުގައި ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
ހަތަރުވަނަ ޗެލެންޖް އައީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ކޮށްފައިވާ ހުކުމާ ގުޅުވައިގެންނެވެ. އިމްރާން ރެލީއެއްގައި ދެއްކެވި ވާހަކައެއްގެ ސަބަބުން ޓެރަރިޒަމްގެ ކުށް ސާބިތުކޮށް ބޮޑު ހުކުމެއް އިއްވާފައިވާއިރު ހަމަ ރެލީގައި ބޮމެއް ގޮއްވާލުމަށް ބޮން ހެދި ކަމަށް ކޯޓުގައި އިއުތިރާފުވި މީހާއަށް އެއްވެސް ދައުވާއެއް ކޮށްފައިނުވާކަން މައުމޫން ފާހަގަކުރެއްވި އެވެ.
"ކާކު އިންސާނީ ހައްގުތަކެއް ރައްކާތެރި ކުރެވުނީ؟،" މައުމޫން ހަމީދު އެއްސެވި އެވެ.
ފަސްވަނަ ޗެލެންޖެއްގެ ގޮތުގައި މައުމޫން ހަމީދު ފާހަގަކުރެއްވީ، "ފައިސާ ގޯނި" މައްސަލަ އެވެ. ފައިސާ ގޯނި ހިފައިގެން ހިންގެވި ކަމަށް ވިދާޅުވާ މެންބަރަށް ގާނޫނީ އެއްވެސް ފިޔަވަޅެއް ނާޅައި، ގާސިމް އިބްރާހިމާއި އަހުމަދު ފާރިސް މައުމޫންއަށް ރިޝްވަތުގެ ދައުވާކުރުމަކީ ހަމަހަމަކަން ނެތުން ކަމަށެވެ.
ހަވަނަ ޗެލެންޖެއްގެ ގޮތުގައި މައުމޫން ހަމީދު ވިދާޅުވެފައިވަނީ، ގެއްލުވާލާފައިވާ މީހުންނާއި ރަހުމުކުޑަކޮށް މަރާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށެވެ. ނަމަވެސް ފެނިގެން ދަނީ އޭގެ ބަދަލުގައި އެންމެން ނެތިކޮށްލާނެ ކަމުގެ ބިރު ދައްކަމުންދާކަން ކަމަށެވެ.
މައުމޫން ހަމީދު އެޗްއާރްސީއެމްއަށް ޗެލެންޖްތަކެއް ކުރައްވާފައިވާއިރު، އިއްޔެ އެ ކޮމިޝަނުން ބުނެފައިވަނީ، މި އަހަރުގެ ތެރޭގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ބުނެފަ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދަށް އައުމެވެ.
މައުމޫން ހަމީދުގެ ޗެލެންޖްތަކެއް އެޗްއާރްސީއެމްއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ