ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އީޔޫގެ ވަފުދާ މައުމޫން މަޝްވަރާކޮށްފި

ރާއްޖެ މިހާރު ވަޑައިގެން އުޅުއްވާ، އީޔޫގެ ވަފުދާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައްދަލު ކުރައްވާ ކުރިޔަށް އިތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
އީޔޫގެ އެމްބަސިޑަރާއި ވަފުދާއެކު މަޝްވަރާ ކުރެއްވުމަށް ފަހު ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް އެ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އިންސާފުވެރި ދެފުށް ފެންނަ އިންތިހާބެއް މި އަހަރު ބޭއްވުމުގެ މުހިންމު ކަމާ ބޭހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
އީޔޫގެ ވަފުދާ ރައީސް މައުމޫން ބައްދަލު ކުރެއްވި އިރު، ދާދި ފަހުން އެމަނިކުފާނު ވަނީ ޖަރުމަނުގެ އެމްބަސިޑަރާ ވެސް ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން މަޝްވަރާތައްކޮށްފަ އެވެ.
ރިޔާސީ އިންތިހާބު ގާތްވަމުން އަންނަ އިރު އިދިކޮޅު ފަރާތްތަކުން ނެރޭނެ ކެނޑިޑޭޓަކާ ގުޅޭ މަޝްވަރާތައް އަދިވެސް ނުނިމެ އެވެ. އަދި އެއް ކެނޑިޑޭޓެއްގެ މަޝްވަރާތައް ކުރަމުން އަންނަ އިރު އިދިކޮޅު ޕާޓީތަކުން އަންނަނީ އެ ޕާޓީތަކުގެ ލީޑަރުން މިނިވަން ކުރުމަށް ބޭރުގެ އެކި ފަރާތްތަކާ ވާހަކަދައްކާ މަޝްވަރާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ