ޕްރައިމަރީ އަށް ފަހު ޕާޓީގައި ބައިބައިވުން އުފެދެން ތަނެއް ނެތް: މައުމޫން
ޕީޕީއެމްގެ ޕްރައިމަރީ ކިތަންމެ ވާދަވެރި ނަމަވެސް ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފެދުމަށް ތަނެއް ނެތް ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ޕްރައިމަރީގެ ތެރޭގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ތަފާތު ހިޔާލުތައް ފާޅުކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ޕްރައިމަރީގެ ނަތީޖާ އަށް ފަހު ޕީޕީއެމްގެ ތެރޭގައި ވަކި މީހަކަށް ތާއީދުކުރާ ބަޔަކު ތިބެގެން ނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެކި މެންބަރުން ތަފާތު ބޭފުޅުންނަށް ޕްރައިމަރީގަައި ތާއީދުކުރެއްވި ނަމަވެސް މުޅި ޕާޓީގެ ފިކުރު ކުރިއަށް ނެރެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ޕާޓީގެ މެންބަރުން މަސައްކަތްކުރާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑުމެން ސާބިތުވެ ތިބެންވީ އެއް ގޮތެއްގައި. އަޅުގަނޑުމެން މިހާރު ފާޅުކުރަންވީ އެއް ހިޔާލެއް. ދައްކަންވީ އެއް ވާހަކައެއް. ފާޅުކުރަންވީ އެއް އަޒުމެއް. ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ފަހު އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމަކަށް ތަނެއް ނެތް. ނުވެސް އޮންނާނެ،" މައުމޫން ވިދާޅުވި އެވެ. "މި ޕާޓީއަކު މައުމޫނަށް ތާއީދުކުރާ ބައެއް. ޔާމީނަށް ތާއީދުކުރާ ބައެއް އަދި އެހެން ބޭފުޅަކަށް ތާއީދުކުރާ ބައެއް ތިބެގެން ނުވާނެ. އެންމެން ވާން ޖެހޭނީ ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި. މެންބަރުން އިހުލާސްތެރި ވާން ޖެހޭނީ މި ޕާޓީ އަށް."މައުމޫން ވިދާޅުވީ އެ ޕާޓީން އޮތީ އެހެން ޕާޓީތަކާ އެކު ވާހަކަ ދައްކައިގެން ކުރިއަށް ދާން ތައްޔާރަށް ކަމަށެވެ. އަދި ޕީޕީއެމުން ބޭނުންވާ ސިޔާސަތުތައް ގަބޫލުކުރާ ކޮންމެ ޕާޓީއަކާ އެކު ވެސް އެއިރެއްގެ ސިޔާސީ މަސްރަހު ބަދަލުވަމުން އަންނަ ގޮތުން "އެންމެ ޔަގީންކަން ބޮޑު ގޮތަށް" މަސައްކަތް ކުރުމަށް ޕީޕީއެމް ފަސްނުޖެހޭނެ ކަމަށް ވިދާޅުވި އެވެ."އަޅުގަނޑުމެންގެ ބޭނުމަކީ އަޅުގަނޑުމެންގެ ޕާޓީ މާ މޮޅުކޮށްގެން ގަދަބަސް ބުނެގެން އެހެން މީހުންގެ ނަފްރަތު ހޯދާކަށް ނޫން. ޝައްކެއް ވެސް ނެތް އަޅުގަނޑުމެންގެ ޕާޓީ އަކީ ވަރަށް ބޮޑު ޕާޓީއެއް،" މައުމޫން ވިދާޅުވި އެވެ. ރިޔާސީ އިންތިހާބު އައުމުގެ ކުރިން ކޮންމެ މެންބަރަކު އިތުރު ދެ މީހުން ޕާޓީ އަށް ވެއްދުމަށް މަސައްކަތްކުރުމަށް ރޭ ވެސް މައުމޫން އިލްތިމާސްކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ ގޮތަށް މަސައްކަތްކޮށްފި ނަމަ އަންނަ މޭ މަހުގެ ނިޔަލަށް 93،000 މެންބަރުން ތިބޭނެ ކަމަށެވެ. އަދި އެ ޕާޓީގެ މެންބަރުންގެ އަދަދު 100،000 އުފުލައިލެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ދިވެހިންގެ އިސްލާމްދީނާއި ގައުމަށް ސަލާމަތްކަމާއި އަދި ގައުމުގެ ތަރައްގީ ބޭނުންވާ ކޮންމެ ބަޔަކާ އެކު ވެސް ޕީޕީއެމުން ވާހަކަ ދެއްކުމަކީ އުފާކުރާނެ ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ޕީޕީއެމަށް ލިބޭ ކާމިޔާބީ އަކީ ރައްޔިތުންނަށް ލިބޭ ކާމިޔާބީއެއް ކަމަށް ވެސް ސިފަކުރެއްވި އެވެ. ބޮޑުބެރާއި މިޔުޒިކާ އެކު ކުރިއަށް ދިޔަ ހަފްލާގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީންއާ ހަވާލުކޮށް ދެއްވީ މައުމޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ