އަމާޒަކީ މި އަހަރު އޯ ލެވެލްގައި އައްޑޫގެ އެއްވަނަ ސްކޫލަކަށްވުން: ފޭދޫ ސްކޫލް

ފޭދޫ ސްކޫލްގެ މި އަހަރުގެ އެންމެ ބޮޑު އަމާޒަކީ، އޯލެވެލް އިން އައްޑޫގެ އެއް ވަނަ ސްކޫލްގެ މަގާމު ހޯދުން ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އަލީ މުސްތޮފާ ވިދާޅުވެއްޖެ އެވެ.
"ހަވީރަ" ށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އެ އަމާޒު ހާސިލްކުރަން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އަދި އެކަން ހާސިލްވާނެ ކަމުގެ ޔަގީން ވެސް ބޮޑު ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.
ޕްރިންސިޕަލް ވިދާޅުވީ އޯ ލެވެލްގައި އަހަރުން އަހަރަށް އެ ސްކޫލް ހޯދަމުން އަންނަ ނަތީޖާ ވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.
"މި އަހަރުގެ އެންމެ ބޮޑު ޓާގެޓަކީ އޯ ލެވެލްގައި ވަރަށް ރަނގަޅު ނަތީޖާއެއް ނެރުން. އެކަން ހާސިލްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ވެސް އަޅުގަނޑަށް އެބަ އޮތް،" މުސްތޮފާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ސްކޫލްގެ ގްރޭޑްގައި 10 ގައި މިހާރު ވެސް ތިބި ބައެއް ކުދިންނަކީ ޕްރައިވެޓްކޮށް މިދިޔަ އަހަރު ވެސް އޯ ލެވެލް ހަދައިގެން ހުރިހާ މާއްދާއަކުން އޭ ސްޓާ ގެނައި ކުދިން. އެހެންވީމާ އެ [ވަރުގަދަ ނަތީޖާއެއް ހޯދާނެކަމުގެ] ޔަގީންކަން އެބަ އޮތް."
މުސްތޮފާ ވިދާޅުވީ މި އަހަރުގެ އޯ ލެވެލްގައި ވަރުގަދަ ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ފެންވަރު ރަނގަޅު ޓީޗަރުން ވެސް އެ ސްކޫލްގައި އެބަ ތިބި ކަމަށެވެ. އަދި ޓީޗަރުންގެ ދަތި ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
މި އަހަރު ފޭދޫ ސްކޫލުން އޯ ލެވެލްގައި 52 ދަރިވަރަކު ބައިވެރި ވާނެ އެވެ.
"އަޅުގަނޑުމެންގެ ޓީޗަރުންގެ ފެންވަރަށް ބަލާ އިރު، މިދިޔަ އަހަރު ވެސް ރަނގަޅު ނަތީޖާއެއް ނެރުނު. ޓޮޕް ޓެންގައި ވެސް ކުދިން ހިމެނުނު. އެހެންވީމާ ޓީޗަރުންގެ ފެންވަރު އެބަ ހުރި،" ޕްރިންސިޕަލް ވިދާޅުވި އެވެ. "އެހެންވީމާ އައްޑޫގެ އެހެން ސްކޫލްތަކާ އަޅާކިޔާލާ އިރު [ފެންވަރުގެ ގޮތުން] ފަރަގެއް ނުހުންނާނެ."
މުސްތޮފާ ވިދާޅުވީ އަހަރު ފެށޭ އިރު ސްކޫލްގައި ތިބޭ ބައެއް ބިދޭސީ ޓީޗަރުން ބައެއް ފަހަރު ބަދަލުވާ މައްސަލަ ދިމާވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެސް އޮތް މައްސަލައަކީ ޓީޗަރުން ރޯލްވާ މައްސަލަ. އެކަމަކު އިރާދަކުރެއްވިއްޔާ މި އަހަރު އެވަރުގެ ބޮޑު އިޝޫއެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ޕްރިންސިޕަލް އަދި ވިދާޅުވީ އޯ ލެވެލްގައި ވަރިގަދަ ނަތީޖާއެއް ހޯދަން ސްކޫލުން އަމާޒި ހިފާފައިވާ އިރު، ދަރިވަރންގެ ނަތީޖާ ރަނގަޅު ކުރަން ތަފާތު ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދާ ކަމަށެވެ.
އަދި ސްކޫލުން މަސައްކަތް ކުރާ ވަރަށް، ދަރިވަރުން މަސައްކަތްކޮށްފި ނަމަ މަދުވެގެން 17 ވަރަކަށް ދަރިވަރުން ޓޮޕް 10 ގައި ލައްވާލާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.
"ދެން މުޅި ދުނިޔޭގެ އެއް ވަނަގައި ވެސް ދަރިވަރުންތަކެއް ހިމެނޭނެ ކަމަށް އުންމީދު ކުރަނީ މި ފަހަރު. އެ ދެން އައުޓްސްޓޭޑިން ދެއްތޯ؟" ޕްރިންސިޕަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ