ޕްރައިމަރީއާ މެދު އަދި ޚިޔާލެއް ނުކުރަން: މައުމޫން

ޕީޕީއެމްގެ ރިއާސީ ޕްރައިމަރީއާ މެދު އަދި ޚިޔާލުނުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.އަނބިކަނބަލުންގެ ބޭސްފަރުވާ އަށް އިންޑިއާ އަށް ވަޑައިގަތުމަށް ފަހު އެނބުރިވަޑައިގެން ޖީއެމްއާރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރުމުން ހިނިފުޅުވަޑުވާލެއްވުމަށް ފަހު ވިދާޅުވީ ޕާޓީގެ ޕްރައިމަރީ އޮންނާނެ ތާރީހެއް އަދި ޕާޓީން ނުނިންމާ ކަމަށެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރައްވާނީ ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓަކު ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވި އެވެ.މައުމޫން އިންޑިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން ވެސް ނޫސްވެރިން ވަނީ ރިއާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމާ ގުޅޭ ސުވާލުތައް ކުރިމަތިކޮށްފަ އެވެ. އެ ފަހަރު ވެސް ވިދާޅުވެފައި ވަނީ ވާދަކުރެއްވުމާ މެދު "ވަކި ގޮތެއް ނުނިންމަން" ކަމަށެވެ."ކޮންމެއަކަސް ޕްރައިމަރީ އޮންނާނެ، އޮވެގެން ޕްރައިމަރީން ވާދަކޮށް ހޮވޭ މީހަކު ރިއާސީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރާނީ. އަދި އެ ހިސާބަކަށް އަޅުގަނޑުމެން ނުދަމު. އެހެންވީމަ އަދި އެކަމަކާ [ޕްރައިމަރީއާ މެދު] އަޅުގަނޑު ހިޔާލެއް ވެސް ނުކުރަން،" މައުމޫން ވިދާޅުވި އެވެ.ޕްރައިމަރީއާ މެދު މައުމޫން އަދި ޚިޔާލު ނުކުރެއްވިޔަސް އެ ޕާޓީގެ ބައެއް މެމްބަރުން ގެންދަވަނީ ޕްރައިމަރީ އަށް ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ. އެގޮތުން މައުމޫން ޕްރައިމަރީ އަށް ނުނިކުންނަވާ ނަމަ، ރިޔާސީ ކެންޑިޑޭޓުގެ މަގާމަށް ވާދަކުރައްވާނެ ކަމަށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ