ޑޮލަރެއްގެ އަގު 20ރ. އަށް ބޮޑުވެދާނެ: ގާސިމް

ޑޮލަރުގެ އަގު އިތުރަށް ބޮޑުވުމުގެ ބިރު އެބަ އޮތް ކަމަށާއި މި އަހަރު ނިމޭއިރު ޑޮލަރެއްގެ އަގު 19ރ. ނުވަތަ 20ރ. އަށް އަރާނެ ކަމަށް ބެލެވޭ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ މިހާރު ވެސް ޑޮލަރުގެ އަގު ބާޒާރުގައި އުޅެނީ 17ރ. އަށް ކަމަށާއި ހައްޖު މޫސުމާ ގުޅިގެން ވެސް ޑޮލަރުގެ އަގު އިތުރަށް ބޮޑުވާނެ ކަމަށެވެ.
ބޭންކުން 15.42ރ. އަށް ވިއްކާ ޑޮލަރުގެ އަގު ބޮޑުވުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ވިއްކާލުމާއި ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާ ވިއްކާލުން ހިމެނޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެ ކުންފުނިތަކުން އަހަރަކު ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ ޑޮލަރު [ބޭރަށް] ގެންދޭ" އޭނާ ވިދާޅުވި އެވެ.
ޖީއެމްއާރަށް އެއާޕޯޓް ދިން މައްސަލައިގައި ގާސިމް ގެންދަވަނީ ފެށުނީއްސުރެ ވެސް ދެކޮޅު ހައްދަވަމުންނެވެ. އެއާޕޯޓް ދީފައިވަނީ ގައުމަށް އެންމެ ފައިދާ ހުރި ގޮތެއްގައި ނޫން ކަމަށާއި އެކަމުގެ ގެއްލުން މިހާރު ވެސް ފެންނަމުންދާ އޭނާ ވިދާޅުވި އެވެ. އެގޮތުން ޑިއުޓީ ފްރީ ފިހާރަތައް ދިވެހިންގެ އަތުން ނަގާފައި ވާއިރު، ފިއުލް ޗާޖާއި ލޭންޑިން ޗާޖް ބޮޑުކުރަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެއާ ޓެކްސީ އާއި ޓީއެމްއޭ އަށް ދީފައިވާ ބިމުގެ އަގު ވެސް ބޮޑުކުރަން ނިންމާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ "ލޯބީގެ ކަތުރަކުން އަޅުގަނޑުމެން ކޮށާލުން" ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށާއި މުޅި އިގްތިސާދަށް ގެއްލުން ގެއްލުންވުމުގެ ބިރު އެބައޮތް ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންވެ އެއާޕޯޓް މައްސަލައިގައި ކަންކަން ވަރިހަމަ ކުރައްވައިގެން ނުހުންނަވާނެ ކަމަށް އޭނާ މިއަދު ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ