ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި މި ޒަމާނުގެ ދިރާސާތަކުގެ އަލީގައި ރާއްޖޭގެ ގާނޫނުތައް ތަންފީޒު ކުރުމުގެ ދާއިރާ ހަރުދަނާ ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.ފުލުހުންގެ އިންސްޓިޓިއުޓް ފޯ ސެކުއިރިޓީ އެންޑް އެންފޯސްމަންޓް ސްޓަޑީސް (އައިއެސްއެލްއީއެސް) ހިންގި ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ބޭރުގެ ފަރާތްތަކުން އެޅި ފިޔަވަޅުތައް ދިރާސާކޮށްގެން ރާއްޖޭގައި ހުރި މައްސަލަތައް ހައްލު ކުރަން ނުކުމެއްޖެނަމަ، އަގުހެޔޮކަމާއި އަވަސްކަމާ އެކު އެކަންކަމަށް ހައްލު ލިބޭނެ ކަމަށެވެ.އުމަރު ވިދާޅުވި ގޮތުގައި ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ މުއައްސަސާތަކުގެ ހަތަރު ބައިކުޅަ އެއްބައި މަސައްކަތަކީ ގާނޫނު ތަންފީޒު ކުރުމެވެ. އަދި ހަތަރު ބައިކުޅަ ތިން ބައި ނުވަތަ އެންމެ ބޮޑު މަސައްކަތަކީ ހިދުމަތް ދިނުމާ ގުޅޭ ކަންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވީ ކުށް ކުރުމުގެ މައްސަލަތަކާއި ރާއްޖެ އަށް އަންނަ ނުރައްކާތެރި މީހުންނާއި ފިލައިގެން އުޅޭ ބިދޭސީންގެ މައްސަލަތަކާއި ނުރައްކާތެރި ހަތިޔާރު އެތެރެ ކުރުމުގެ މައްސަލަތަކަކީ ދިރާސާކޮށްގެން ހައްލު ކުރަން ޖެހޭ ކަންތައްތައް ކަމަށެވެ."އެމީހުން [ބޭރުގެ މީހުން] ކުރި ތަޖުރިބާ އަޅުގަނޑުމެން ދަސްކޮށްގެން، އަޅުގަނޑުމެންގެ އަމިއްލަ ހައްލެއް ނެރެވިއްޖެނަމަ އަޅުގަނޑުމެންގެ ހިދުމަތުގައި ވަރަށް ކުރި އަރައިގެން ދެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް،" އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި އުމަރު ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވީ ރައްޔިތުންނާއި އަދުލު އިންސާފުގެ ނިޒާމާ ދޭތެރޭގައި ފަރަގުތަކެއް އެބަހުރި ހުރި ކަމަށެވެ. އެގޮތުން ކުށެއް ކުރާ ކަމަށް ތުހުމަތު ކުރެވިގެން ގެއެއް ބަލައި ފާސް ކުރަން ފުލުހުން ބޭނުންވެއްޖެ ނަމަ، ކޯޓު އަމުރެއް ހޯދަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.ކޯޓު އަމުރު ލިބެން ގިނަ ވަގުތު ހޭދަވާ ކަމަށާއި ރާއްޖެ އިން ބޭރުގައި ވެސް މި ފަދަ ކަންކަން ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.ބެޗްލާސް އޮފް ސައިންސް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓްގެ ދާއިރާ އިން މިއަދު ވަނީ 39 ދަރިވަރަކު އެސޯސިއޭޓެޑް ޑިގްރީ ހާސިލްކޮށްފަ އެވެ. އަދި 46 ދަރިވަރަކު ޑިޕްލޮމާ އެސޯސިއޭޓަޑް ޑިގްރީ ހާސިލްކުރި އެވެ.ސެޓްފިކެޓް ހާސިލްކުރި ދަރިވަރުންގެ ތެރޭގައި އެމްއެންޑީއެފާއި ކަސްޓަމާއި
އިމިގްރޭޝަނާއި ކަރެކްޝަނަލް ސާވިސް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގައި މަސައްކަތް ކުރާ
އޮފިސަރުން ހިމެނެ އެވެ. އައިއެސްއެލްއީއެސް އަށް ވަނީ ކޮލެޖެއްގެ ދަރަޖަ ލިބި، ޑިގްރީ ފެންވަރުގެ
ކޯސްތައް ހިންގުމަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ހުއްސަ ދީފަ އެވެ. އެތަނުގެ ގިނަ ޕްރޮގްރާމްތަކަކީ އެކްރެޑިޓް ކުރެވިގެން ކުރިއަށް
ގެންދާ ޕްރޮގްރާމްތަކެެކެވެ.
ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާ ޒަމާނާ އެއްގޮތަށް ހަރުދަނާ ކުރަންޖެހޭ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ