ލާމަރުކަޒީ ގާނޫނުގައި ގިނަ މައްސަލަތަކެއް އެބަހުރި: އުމަރު

ލާމަރުކަޒީ ގާނޫނުގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. ލާމަރުކަޒީ ނިޒާމަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ވުޖޫދަށް އައީ ސިޔާސީ ގޮތުން އެންމެ ރަނގަޅު މާހައުލެއްގައި ނޫން ކަމަށާއި އެ ގާނޫނު ވުޖޫދަށް އައިއިރު ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އޭރުގެ އިދިކޮޅު ޕާޓީތަކުގެ އަތުގައި ކަމަށެވެ. އެހެންވެ ގާނޫނުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް އުމަރު ވިދާޅުވި އެވެ."މި ގާނޫނު އުފަންވެގެން އައިއިރު އޭގައި ހުރީ ކޮންމެހެން ހުންނަން ނުޖެހޭ ކަންކަން ވެސް. އަދި އޭގައި ކޮންމެހެން ހުންނަންޖެހޭ ކަންކަން ނެތިފައި ވެސް އެބަހުރި. އެހެންވީމަ ރާއްޖެ އަށް ލާމަރުކަޒީ ނިޒާމު އުފަންވެގެން އައީ އެންމެ ރަނގަޅު ސިޔާސީ މާހައުލަކަށެއް ނޫން،" އުމަރު ވިދާޅުވި އެވެ.  އޭނާ ވިދާޅުވި ގޮތުގައި ނުބައި މާހައުލަކަށް އުފަންވާ ނިޒާމުތައް ދުނިޔޭގެ އެހެން ގައުމުތަކުގައި ވަނީ  ފެއިލްވެފަ އެވެ. އަދި އުމަރު ވިދާޅުވީ މިދިޔަ ސަރުކާރުތަކަށް ވެސް ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ކަމުނުދިޔަ ކަމަށެވެ. ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރީ އެ ސަރުކާރެއް ބޭނުންވާ ގޮތަކަށް ލާ މަރުކަޒީ ނިޒާމު ބަދަލުކުރަން ކަމަށާއި އެކަމަކު ދަތިތަކާ އެކު ވެސް ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އަދިވެސް ދެމި އޮތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.ފޮޓޯގެލަރީ: އެންމެ ރަނގަޅު ކައުންސިލްތައް ހޮވުން13 ފޮޓޯ"މި ނިޒާމު އުނދަގޫ މަރުހަލާތަކުގެ ތެރެއިން ވެސް ދަތުރު ކުރަމުން ކުރިއަށް ދިޔަ. ވޭތުވެދިޔަ ފަސް އަހަރު ވެގެން ދިޔައީ އުނދަގޫ އަދި ގަދަ ކަނޑުތަކެއްގައި ލާމަރުކަޒީ ނިޒާމު ދަތުރުކުރި ފަސް އަހަރަށް. މި ފަސް އަހަރު ތެރޭގައި އަޅުގަނޑުމެން ވަނީ މި ނިޒާމު ވަރަށް ރަނގަޅަށް ދަސްކޮށްފައި،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ތަރައްގީ ކުރާނެ އެވެ. އަދި އެ ނިޒާމު ފުރިހަމަ ގޮތުގައި ހިންގަން ފުރުސަތު ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމީން ވެސް ދެއްވާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. ގިނަ ގައުމުތަކުގައި އޮންނަނީ ސަރުކާރުން ކޮންޓްރޯލް ކުރާ ލާމަރުކަޒީ ނިޒާމެއް ކަމަށް ވިޔަސް ރާއްޖޭގައި އެކަން ކޮންޓްރޯލް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. "ނިއުޒިލެންޑްގައި ކައުންސިލެއް އުވާލުމުގެ ބާރު މިނިސްޓަރަށް ލިބިގެންވޭ. ރާއްޖޭގައި އެހެންނެއް ނޫން. ރާއްޖޭގައި ކޯޓަކަށް ދާން މިޖެހެނީ ކައުންސިލެއް އުވާލާ ކަމަށް ވަންޏާ." އުމަރު ވިދާޅުވި އެވެ.   ކައުންސިލްތަކުގެ މަސައްކަތްތަކާ ބެހޭގޮތުން އުމަރު ވިދާޅުވީ ރާއްޖޭގެ 90 އިންސައްތަ ކައުންސިލްތަކަކީ ރަނގަޅަށް މަސައްކަތް ކުރަމުންދާ ކައުންސިލްތައް ކަމަށާއި ނަމަވެސް މަދު ކައުންސިލްތަކެއްގައި ކަންކަން ހިންގަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށެވެ. އެފަދަ ކައުންސިލްތަކަށް ނަސޭހަތް ދީ، އަދި ކަންކަން ރަނގަޅު ނުކުރާ ނަމަ މަދު ފަހަރުތަކުގައި ފިޔަވަޅު އަޅާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.އުމަރު ވިދާޅުވީ މި ސަރުކާރު ވުޖޫދަށް އައިއިރު ކައުންސިލްތަކާ މެދު ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އިތުބާރު ގެއްލިފައިވާ ކަމަށާއި އެކަމަކު އެކަން މިހާރު ރަނގަޅު ކޮށްފައިވާ ކަމަށެވެ. އަދި ރަނގަޅަށް ނުހިންގާ ކައުންސިލްތަކާ މެދު އެލްޖީއޭ އިން ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން މުއައްސަސާތަކަށް ވެސް މިހާރު އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.   މިރޭގެ ހަފުލާގައި ވަނީ އެންމެ ރަނގަޅު އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް އެވޯޑް ދީފަ އެވެ. އެކަމަކު އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ދެ ސިޓީ ކައުންސިލުން ކުރެ އެއްވެސް ކައުންސިލަކަށް އެވޯޑް ދީފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ