އަންނަ ރިއާސީ އިންތިހާބުގައި ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއީދުކުރައްވާނީ ރައީސް މުހައްމަދު ވަހީދަށް ކަމަށާއި ރަނިންމޭޓެއްގެ ގޮތުގައި ނެރުއްވާނީ ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވައުދުގެ ދަތުރުގައި ށ. ފޯކައިދު އަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ މައުމޫންގެ ކަންކަން ކުރައްވާގޮތް ކޮންމެވެސް ވަރަކަށް ސާފުވެވަޑައިގަންނަވާތީ، އިންތިހާބުގައި މައުމޫން ވާދަ ނުކުރައްވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. މައުމޫން ވާދަނުކުރައްވަނީ ދެ ވަނަ ފަހަރަށް ވެސް ބަލިވެވަޑައިގަންނަވާނެކަން ކަށަވަރުވާތީ ކަމަށާއި އެހެންވެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި މައުމޫން ތާއީދުކުރައްވާނީ ވަހީދަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރިއާސީ އިންތިހާބަށް މައުމޫން ހައްދަވާ ޕީޕީއެމްގެ އިއްތިހާދުގައި، ބައެއް ވިޔަފާރިވެރިންނާއި ބޯދާ އުސޫލްގެ ބައެއް މީހުން ވެސް ބައިވެރިވާނެ ކަމަށެވެ.
"ނަމަވެސް މައުމޫން ހައްދަވާ އެ އިއްތިހާދު ނާކާމިޔާބުވެގެން ދާނެ. އޭގައި ނުހިމެނޭ އަދި އެ އިއްތިހާދުގައި ބައިވެރިވެވެން ނެތް ކިތަންމެ ބޭފުންނެއް އެބަތިއްބެވި. ކޮއްކޯފުޅު އަބްދުﷲ ޔާމީނަކަށް ވެސް ގަބޫލުފުޅެއް ނުކުރެއްވޭނެ ޑރ. ވަހީދު ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓަކަށް ވުމަކަށް. އަދި އެ ޕްރައިމަރީ ހުޅުވާލުން އަދި ރިއާސީ ކެންޑިޑޭޓް ކަނޑައެޅުން ލަސްވެގެން މިދަނީ އަޅުގަނޑު ހިތުން މިކަންކަން ރަނގަޅަށް ފުރިހަމަ ނުކުރެވޭކަމުން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މައުމޫނާއި ރައީސް ވަހީދު ސައްލާކުރައްވާތާ ދެ އަހަރުވެފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެ ސައްލާ ކުރިއަށް ގެންދަނީ ބައެއް ފަހަރު ބ. އަތޮޅު ފަޅު ރަށެއްގަ އާއި އަލިވާގޭގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބަޣާވާތަކަށް ބޭނުންވާ އެއް ކަމަކީ ބޭވަފާތެރި ނައިބު ރައީސަކު ހޯދުންކަން އެކަމަށް ފިކުރުކުރާ ކޮންމެ މީހަކަށް އެނގޭނެ އެވެ. ކުރީގެ ރައީސް މައުމޫނަށް ވެސް އެކަން އެނގިވަޑައިގަންނަވާ ކަމަށާއި ގާނޫނު އަސާސީ ދެ ފަހަރަށް އިސްލާހުކުރެއްވިއިރު ވެސް ނައިބު ރައީސެއްގެ މަގާމް ނޫ ގާނޫނު އަސާސީގައި ހިމަނުއްވާފައި ނުވަނީ އެ ސަބަބަކަށްޓަކައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަން ވައްޓާލާފައި ވަނީ "ބަޣާވާތަކުން" ކަމަށާއި އެކަން ކުރުމުގެ އަޑީގައި ހުންނެވީ މައުމޫން ކަމަށް އެ ޖަލްސާގައި އަނެއްކާ ވެސް ނަޝީދު ވަނީ ތުހުމަތުކުރައްވައިފަ އެވެ. އަދި އެކަމުގައި އެތައް ބަޔަކު ބައިވެރިވެފައިވާ ކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމުގައި ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ވައުދުތައް ފުއްދާފައިވާ މިންވަރު ރައްޔިތުންނަށް ވަޒަންކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ރާއްޖޭގައި ދަނޑުވެރިކަން ކުރާ މިންވަރު ދަށް ކަމަށާއި ރިސޯޓްތަކަށް އެތެރެކުރާ ގިނަ ބާވަތްތައް ވެސް ރާއްޖޭގައި ހެއްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ދަނޑުވެރިކަމުގެ މަންފާ ލިބޭގޮތަށް ރައްޔިތުންގެ ކަންކަން ކުރިއަށް ގެންދިއުމަކީ އެ ޕާޓީގެ ވައުދެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ވެރިކަމާ ހަވާލުވެ، ފޯކައިދޫގައި ބަނދަރު ހަނދައި ނަރުދަމާ ގާއިމްކޮށް، އެ ރަށު ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ހަމަޖެއްސުމުގެ އިތުރުން ދނޑުވެރިކަން ވެސް ތަރައްގީކުރާނެ ކަމަށެވެ.
ޑްރަގަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި ތިން އަހަރު ދުވަހުގެ ތެރޭގައި އެ ވައުދަށް ވެސް މަސައްކަތް ކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ. ރާއްޖެ އަށް ޑްރަގް އެތެރެވާ މިންވަރު ބަލައި، އެކަން ހުއްޓުވި ކަމަށް ވިދާޅުވި އެވެ. މި ސަރުކާރުގައި ޑްރަގް އެތެރެކުރާ މީހުންނާ އަޅާލުމެއް ނެތި މަސައްކަތް ކުރަމުން ދަނީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާން ކުދިން ޖަލަށްލުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަނެއްކާވެސް އަޅުގަނޑުމެން މި ވައުދު ވަނީ ރާއްޖެ އަށް ބާރުގަދަ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވާނަން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޒުވާން ކުދިން "ބޯންޖެހޭނެ" ކަމަށް އެމަނިކުފާނުގެ ވިދާޅުވި ވާހަކަ ސިޔާސީ ބޭނުންތަކަށް ބޭނުންކުރި ކަމަށެވެ. ބޯންޖެހޭނެ ކަމަށް އެ މަނިކުފާނު މާނަކުރެއްވީ "އެޑިކްޝަން" ނުވަތަ ދެވިހިފުމަށް ކަމަށް ވެސް ވިދާޅުވި އެވެ. ސިޔާސީ ޕާޓީތަކުން އަމިއްލަ މަގްސަދުތަކަށް އެ ވާހަކަ އޮޅުވާލިއަސް އެފަދަ ބަސްތަކުން ރެކި އެ ވާހަކަ ނުދައްކައި ވާން ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މި ރާއްޖޭގެ ވަރަށް ގިނަ ޒުވާނުން ތިބީ ބާރުގަދަ މަސްތުވާތަކެއްޗަށް އެޑިކްޓްވެފައި ނުވަތަ ބޯންޖެހިފައި. އަޅުގަނޑުމެންގެ އަމާޒަކަށް ވާންޖެހޭނީ އެ ކުދިންނަށް ފަރުވާ ލިބޭނޭގޮތެއް ހޯދުން. އަޅުގަނޑުމެންގެ އަމާޒަކަށް ވާންޖެހޭނީ އިތުރު ފުރުސަތުތައް އެ ކުދިންނަށްދީ، މުޖުތަމައަށް ނެރެވޭނޭގޮތްތަކެއް ހޯދުން،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖެ އަށް ބާރުގަދަ މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ހިފައި ހައްޔަރުކުރަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނުގެ ވެރިކަމުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ހަ މީހެއްގެ ވާހަކަ ވިދާޅުވެފައިވާނެ ކަމަށާއި އެފަދަ ފަރާތްތައް ހައްޔަރުކުރުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށްވިދާޅުވި އެވެ. ފުލުހުންގެ ވާޖިބަކީ ތަނެއްގައި ރާފުޅިއެއް ބަހައްޓާފައި ހުރުމުން ނުވަތަ ޒުވާން ކުއްޖަކު ހަކުރު ޕަކެޓެއް ހިފައިގެން އުޅުމުން މަތިންނާއި އަޑިން ނުވަތަ ހަތަރު ފަރާތުން އަރައި ހަމަލާދިނުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ. ދައުލަތުގެ ފައިސާ ބޭނުންކުރަން ޖެހޭނީ އެއަށް ވުރެ ޒިންމާދާރުކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ހޮނޑައިދޫ އަށް އެރުމަށް 400،000ރ. ހަރަދުކުރުން އެއީ ވަރަށް ބޮޑު ކޮރަޕްޝަންގެ އަމަލެއް. އެއީ ބޮޑު އިސްރާފެއް، އެ ފައިސާ އަޅުގަނޑުމެން ހަރަދުކުރަންވީ މި ރާއްޖޭގައި މަސްތުވާތަކެއްޗަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމަށް،" ނަޝީދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ވަހީދު، ރަނިންމޭޓަކީ ޑރ. ހަސަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ