މަހުލޫފް ޕީޕީއެމް ދޫކޮށްފައެއް ނުދާނެ: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ޕީޕީއެމުން ވަކިވެވަޑައިގެން އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ފަހު މާލެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި، މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ވިދާޅުވީ މަހްލޫފަކީ އެމަނިކުފާނާއި ޕާޓީ އަށް އިހްލާސްތެރި ބޭފުޅެއް ކަމަށެވެ. އެފަދަ އިހްލާސްތެރި ބޭފުޅަކު ޕީޕީއެމާ ދުރަށް ވަޑައިނުގަންނަވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ."މަހްލޫފަކީ ވަރަށް އިހްލާސްތެރި ބޭފުޅެކޭ. ޕީޕީއެމަށް ވެސް އިހްލާސްތެރި ބޭފުޅެކޭ. އަޅުގަނޑަށް ވެސް ވަރަށް އިހްލާސްތެރި ބޭފުޅެކޭ. އެހެންވީމަ އެއްވެސް ހާލެއްގައި ޕީޕީއެމް ދޫކޮށްލައްވާފައެއް މަހްލޫފް ވަޑައެއް ނުގަންނަވާނެއޭ،" މައުމޫން ވިދާޅުވި އެވެ.މަހްލޫފް ޕާޓީ ބަދަލުކުރައްވަން އުޅޭކަމުގެ އަޑު ފެތުރިފައި ވަނިކޮށް އޭނާ ވަނީ ޕީޕީއެމްގެ ތަރުޖަމާނުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން ޕާޓީގެ ހަރަކާތްތަކުން ނުފެންނައިރު މީޑިއާގެ ސުވާލުތަކަށް ވެސް ޖަވާބެއް ނުދެއްވަ އެވެ. މައުމޫނަށް މަރުހަބާ ދެންނެވުމަށް ޕާޓީގެ އިސް ފަރާތްތަކާ އެކު އެއާޕޯޓަށް ވަޑައިނުގެންނެވި ނަމަވެސް މަހްލޫފް ރޭ ވަނީ އެއް ނަމްބަރު ފާލަން ކައިރިއަށް ވަޑައިގެން މައުމޫނާ ބައްދަލުކުރައްވައިފަ އެވެ. އަދި ޕާޓީގެ ގިނަ ބަޔަކު މަހްލޫފާ ސަލާންކޮށް ހެދި އެވެ. ޓުވިޓާ މެދުވެރިކޮށް ދާދި ފަހުން އޭނާ ވިދާޅުވެފައި ވަނީ "އަޅުގަނޑު ދުވަހަކު ވެސް ލާރި އަށް ނުގުޑާނެ" ކަމަށާއި "އަމިއްލަ ނަފްސު ފައިސާ އަށް ވުރެ މާ އަގުބޮޑު" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ