ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބެ އިލްޔާސް އިބްރާހިމާއ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު މި އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ އަށް ތާއިދުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމާއި އޭނާގެ ރަނިން މޭޓް ޑރ. ހަސަން ސައީދުގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް ފަހު، ނޫސްވެރިންނަށް ގާސިމް ވިދާޅުވީ އޭނާ އާއި ހަސަން ރޭ އިލްޔާސްއާ ބައްދަލުކުރެއްވީ ވެސް އެ ބޭފުޅުންގެ ކޯލިޝަނަށް ތާއީދުކޮށްދެއްވުމަށް ދެންނެވުމަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް ތާއިދުކޮށްދެވުމަށް އަޅުގަނޑު އިލްޔާސް އިބްރާހިމަށް ދެންނެވުމުން، އެމަނިކުފާނު އަޅުގަނޑުމެންނަށް ޔަގީންކޮށްދެއްވި އެ މަނިކުފާނު ނިންމަވާނީ ރަނގަޅަށް ކަމަށް،" ރޭ ދަންވަރު، އިލްޔާސްގެ ގެ މ. އަލިވާގޭގައި ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން "ހަވީރު"ން ސުވާލު ދެންނެވުމުން ގާސިމް ވިދާޅުވި އެވެ.
އިލްޔާސް އެ ވިދާޅުވި "ރަނގަޅު ގޮތަކީ" އިންތިހާބުގައި އޭނާއަށް ތާއިދުކުރެއްވުން ކަމަށް ގަބޫލުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ޕީޕީއެމުން މިހާރު ވަކިވެވަޑައިގެންފައިވާ އިލްޔާސް އިއްޔެ "ހަވީރަ"ށް ވިދާވީ މި އަހަރުގެ ރިޔާސީ އިންތިހާބު ވަރަށް މުހިންމު ވާއިރު އޭނާގެ ތާއީދު ކޮންމެވެސް އެއް ކެންޑިޑޭޓަކަށް އޮތްކަން ހާމަކުރައްވާނެ ކަމަށެވެ. އެކަމަކު އެއްވެސް ޕާޓީއަކަށް ސޮއިކުރެއްވުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ވެސް ޖުމްހޫރީ ޕާޓީގެ ކޯލިޝަންގައި ބައިވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ގާސިމް ވިދާޅުވި އެވެ. އުމަރާ ވެސް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށާއި އޭނާ އަދި ކޯލިޝަންގައި ބައިވެރިވެވަޑައިނުގެން އުޅުއްވަނީ ހިޔާލު ތަފާތުވުންތަކެއް އޮވެގެން ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.
މި ފަހަރުގެ އިންތިހާބުގައި އިލްޔާސް، ގާސިމަށް ތާއިދުކުރެއްވި ނަމަވެސް އެ ޕާޓީ އަށް އޭނާ ސޮއިނުކުރައްވާނެ ކަމަށް "ހަވީރަ"ށް ވަނީ އެނގިފަ އެވެ.
އިލްޔާސް އާއި އުމަރު އަޅުގަނޑަށް ތާއީދުކުރާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ