ރާއްޖޭގެ ޚާރިޖީ ވަޒީރުކަން މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ކުރައްވައި، މިހާރު އަވަހާރަވެފައިވާ އަލް މަރުހޫމް އަލްއުސްތާޒް ފަތުހުﷲ ޖަމީލަކީ، ރާއްޖޭގެ ދާޚިލީ ސިޔާސަތުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
މާޗް ،1 2012ގައި އަވަހާރަވި ފަތުހުﷲ ޖަމީލުގެ ހަނދާނުގައި ސަރުކާރުން އިންތިޒާމުކުރި ތައުބީންގެ ޖަލްސާގައި އިސްލާމީ މަރުކަޒުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޚާރިޖީ ދާއިރާގައި 30 އަށް ވުރެ ގިނަ އަހަރު ފަތުހުﷲ ޚިދުމަތްކުރައްވާފައި ވިޔަސް، ފަތުހުﷲގެ ދާޚިލީ ސިޔާސަތުގެ ޚިދުމަތް ވަކީން ކުޑަ ނޫން ކަމަށެވެ. ފަތުހުﷲ 40 އަށް ވުރެ ގިނަ ދުވަހު ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ އިރު އޭގެ ތެރެއިން 30 އަށް ވުރެ ގިނަ އަހަރު ޚިދުމަތްކުރެއްވީ ޚާރިޖީ ދާއިރާގައި ކަމަށްވާތީ، އެ މަނިކުފާނު ޚިދުމަތްކުރެއްވީ ހަމައެކަނި ރާއްޖޭގެ ޚާރިޖީ ދާއިރާގައި ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮންނަ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެހެން ނަމަވެސް ފަތުހުﷲ އަކީ ރާއްޖޭގެ ދާޚިލީ ޙަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުގެ ރިއާސަތުގައި ފަތުހުﷲ ޖަމީލަކީ ވަރަށް ދިގު މުއްދަތެއް ވަންދެން، 27 އަހަރު ވަންދެން އަޅުގަނޑުގެ ކެބިނެޓްގެ ވަރަށް މުހިންމު މެންބަރެއް. ހަމަ އެއާއަކީ ފަތުހުﷲ ޖަމީލަކީ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު އައްޔަންކުރި މެމްބަރެއްގެ ގޮތުގައި 17 އަހަރު ޚިދުމަތްކުރެއްވި ބޭފުޅެއް. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ވެސް ހަމަ 17 އަހަރު ޚިދުމަތްކުރެއްވި. އެހެންވީމާ އަޅުގަނޑުމެންގެ ދާޚިލީ ހަޔާތުގެ މުހިންމު ކަންތައްތައް ނިންމުމުގައި ފަތުހުﷲގެ ވިސްނުންފުޅާއި ފަތުހުﷲގެ ބައިވެރިވުން ވަރަށް ބޮޑު ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ،" މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގެ ދާޚިލީ ހަޔާތުގައި ފަތުހުﷲ ކުރެއްވި މުހިންމު ބައެއް ޚިދުމަތްތަކުގެ ތެރެއިން މައުމޫން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި 1980 ވަނަ އަހަރުގެ ކުރީކޮޅު ކުލީ ސިފައިންގެ ބަޔަކު ރާއްޖެ އަށް ގެންނަން އުޅުނު ބަޣާވާތުގެ ބައިވެރިން ރާއްޖޭން ފިލައިގެން ދިއުމުން، އެ މީހުން ރާއްޖެ ގެނައުމަށް ކުރެއްވި މަސައްކަތްތައް ހިމެނެ އެވެ. މައުމޫން ވިދާޅުވި ގޮތުގައި އެ ބަޣާވާތުގެ ބައިވެރިން ރާއްޖެ ގެނެސް، އެ މީހުންގެ މައްޗަށް ތަހުގީގު ހިންގުމުގައި ފަތުހުﷲގެ ބައިވެރިވުން ވަރަށް ބޮޑެވެ.
ނޮވެމްބަރު ،3 1988ގެ ބަޣާވާތް ނާކާމިޔާބުކޮށްލައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި އެ މަސައްކަތުގައި ވެސް ފަތުހުﷲގެ ހިއްސާ ވަރަށް ބޮޑުކަން މައުމޫން ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ޚާރިޖީ ދާއިރާގައި ފަތުހުﷲ ކުރެއްވި ޚިދުމަތްތަކުގެ މައްޗަށް ވެސް މައުމޫން ބައްލަވާލެއްވި އެވެ. އެ ގޮތުން ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވުމުގަ އާއި ސާކް އުފެއްދުމުގައި ފަތުހުﷲގެ ހިއްސާ ބޮޑު ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އަރަބި އިސްލާމީ ގައުމުތަކުން ރާއްޖެ އަށް ބޮޑެތި އެހީތައް ހޯއްދެވުމުގަ އާއި އދ. މަޖިލީހުގައި ރާއްޖެ ތަމްސީލުކުރެއްވުމުގައި ފަތުހުﷲ އަދާކުރެއްވި ދައުރު ވެސް މައުމޫން ފާހަގަކުރެއްވި އެވެ.
ފަތުހުﷲގެ ހަނދާނުގައި ބޭއްވި މި ޖަލްސާގައި، އެ މަނިކުފާނުގެ ހަޔާތްޕުޅުގެ މައްޗަށް ވާހަކަދެއްކެވި ހުރިހާ ބޭފުޅުން ވެސް އެންމެ ބޮޑަށް ފާހަގަކުރެއްވީ ފަތުހުﷲ މަޖާ މިޒާޖުފުޅެވެ. އެ ގޮތުން މައުމޫންގެ އިތުރުން، ފަތުހުﷲގެ އާއިލާގެ ބޭފުޅެއްގެ ގޮތުން ވާހަކަފުޅު ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި، ފަތުހުﷲގެ ތައުލީމީ ހަޔާތުގެ އެކުވެރިއެއްގެ ގޮތުން ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިނާއި، މިހާރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ ދެއްކެވި ވާހަކައިގައި ވެސް ފަތުހުﷲގެ މަޖާ މިޒާޖުފުޅާއި މީހުންނާ އެކު ބާއްވާ ގާތް އެކުވެރި ގުޅުމަށް އަލިއަޅުއްވާލެއްވި އެވެ.
މައުމޫން ވިދާޅުވީ އެ މަނިކުފާނާ ފަތުހުﷲއާ ބައްދަލުވެވަޑައިގަތީ ފަތުހުﷲގެ އުމުރުފުޅުން އެންމެ 15 އަހަރުގައި ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން، ފަތުހުﷲ އަވަހާރަވުމާ ހަމައަށް ވެސް ދެ ބޭފުޅުންގެ މެދުގައި އޮތީ ވަރަށް ގާތް ބަދަހި ގުޅުމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫނާއި ޑރ. ޒާހިރު ހުސައިން ވެސް ފާހަގަކުރެއްވި ގޮތުގައި ފަތުހުﷲއަކީ ވަރަށް ހިތް އަލި، ވިސްނުން ތޫނު އަދި ކިޔަވާވިދާޅުވުމަށް މޮޅު ބޭފުޅެކެވެ. ވަރަށް އަވަހަށް އެއްޗެހި ދަސްކުރައްވާ ކިޔެވުމަށް ޝައުގުވެރިކަން ބެހެއްޓެވި އަދި މިޒާޖުފުޅުގައި ވަރަށް ބޮޑަށް މީހުންނާ ގުޅިވަޑައިގެން އުޅުއްވި މީހުންނަށް އުފާވެރިކަން ގެނެސްދެއްވި ބޭފުޅެއް ކަމަށް މައުމޫނާއި ޒާހިރު ވެސް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ކެބިނެޓްގައި ވެސް ބައެއް ދުވަސްދުވަހު ތަންކޮޅެއް ސީރިއަސް ކަންކަމުގައި މަޝްވަރާކުރަމުންދާ އިރު، ފަތުހުﷲ މަޖާ ވާހަކަފުޅެއް ވިދާޅުވުމުން، ހުރިހާ ވަޒީރުންގެ ހިތްތަކަށް އުފާވެރިކަން ލިބި، އެ މައްސަލައެއް ހައްލުކުރަން ވަރަށް ބޮޑަށް ފަސޭހަވެގެންދާ ކަމަށެވެ.
މައުމޫން ވިދާޅުވީ ދާޚިލީ ސިޔާސަތުގައި އަދި ޚާރިޖީ ސިޔާސަތުގައި އަބަދުވެސް ގައުމީ މަސްލަހަތަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ފަތުހުﷲ އިސްކަން ދެއްވާ ކަމަށެވެ. މައުމޫނާއި މިހާރުގެ ފޮރިން މިނިސްޓަރު ސޮމަދު ވެސް ފާހަގަކުރެއްވި ގޮތުގައި ފަތުހުﷲއަކީ ޑިޕްލޮމެސީގައި ވަރަށް ކުޅަދާނަ ބޭފުޅެކެވެ.
އެ ގޮތުން، ޚާރިޖީ ވަޒީރު ކަމަށް ފަތުހުﷲ އައްޔަންކުރެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ފަތުހުﷲގެ ޑިޕްލޮމެޓިކް ހުނަރުތަކަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ފަތުހުﷲއަކީ ރާއްޖޭގެ ވިސްނުމާއި ސިޔާސަތު ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުންނަށް ވިސްނައިދިނުމުގައި ވަރަށް މޮޅު ބޭފުޅެއް ކަމަށާއި ރާއްޖެ އަށް އެންްމެ އެކަށީގެންވާ ގޮތަށް ކަންކަމުގައި ދައްކަންޖެހޭ ވާހަކަތައް ވެސް ވަރަށް ޑިޕްލޮމެޓިކްކޮށް އަދި ވަރަށް ހަރުދަނާކޮށް ދައްކަވާ ބޭފުޅެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ފަތުހުﷲގެ ހަނދާނުގައި ރައީސް މައުމޫނާއި ޑރ. ޒާހިރު ހުސައިން ތައްޔާރުކުރެއްވި ލުއި ފޮތް ރޭގެ ޖަލްސާގައި ނެރެދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުހައްމަދު ވަހީދުއްދީން (ޑީން) އެވެ. މި ޖަލްސާގައި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިންގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ފަތުހުﷲގެ އާއިލާގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
ސެޕްޓެެމްބަރު ،5 1942 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ފަތުހުﷲ ޖަމީލް އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި، މާޗް ،1 2012ގައި ސިންގަޕޫރުގެ ޖެނެރަލް ހޮސްޕިޓަލުގަ އެވެ.
ފަތުހުﷲ ޖަމީލް ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ކުރެއްވީ މާޗް 14 1978 ން ޖުލައި ،14 2005 އަށެވެ. ޚާރިޖީ ވަޒީރުކަމުން އިސްތިއުފާ ދެއްވުމާ އެކު، އޭރުގެ ރައީސް މައުމޫން، އެ މަނިކުފާނުގެ ޚާއްސަ މުޝީރެއްގެ މަގާމަށް، ފަތުހުﷲ އައްޔަންކުރެއްވި އެވެ. އަދި އެޕްރީލް ،30 2008 ގައި ފަތުހުﷲ އަށް ސީނިއާ މިނިސްޓަރުކަން ދެއްވި އެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމު އެޕްރީލް ،14 1977 ން 1978 އަށް ފުރުއްވައިފަ އެވެ. އަދި އޭގެ ކުރިން މަޖީދިއްޔާ ސްކޫލްގެ ދީނިއްޔާތު މުދައްރިސްކަން ކުރައްވާފައިވެ އެވެ.
ފަތުހުﷲ އަކީ ރާއްޖޭގެ ދާޚިލީ ސިޔާސަތުގައި ވެސް ވަރަށް މުހިންމު ބޭފުޅެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ