ހައްޖާބެހޭ އާ އުސޫލާމެދު މިނިސްޓަރާއި ޗާންސެލާ ހިޔާލު ތަފާތުވެއްޖެ

ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ނަމުގައި އަލަށް އެކުލަވާލި އުސޫލާމެދު ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެ އުސޫލުގެ ދަށުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު، ހައްޖު ކޯޕަރޭޝަން ވުޖޫދުން ނައްތާލުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ މިއަދު ޝަހީމް ވަނީ ޓްވީޓެއް ވެސް ކުރައްވާފަ އެވެ.
ހައްޖު ކޯޕަރޭޝަން އުފެއްދީ، ހައްޖަށާއި އުމްރާއަށް މީހުން ގެންދިޔުމުގައި ލުއި ފަސޭހަތަކެއް ހޯދައިދިނުމަށެވެ. އެ ކޯޕަރޭޝަން އުފައްދައި ސައުދީން ދޭ ހައްޖު ކޯޓާގެ ދެބައިކުޅަ އެއް ބައި ކޯޓާ އަބަދުވެސް ދިޔައީ އެ ކޯޕަރޭޝަނަށް ދެމުންނެވެ.
ނަމަވެސް އަލަށް ގެޒެޓްކުރި އުސޫލުގައި ވަނީ ހައްޖު ކޯޓާ ބެހުމަށް ބަދަލެއް ގެނެސްފަ އެވެ. އެ ބަދަލުގެ ސަބަބުން ހައްޖު ކޯޕަރޭޝަނަށް 50 ޕަސެންޓް ކޯޓާ ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ، އުސޫލުގައިވާ ގޮތުން ހައްޖު ކޯޓާގެ ތެރެއިން ހައްޖު ކޯޕަރޭޝަނަށް ދޭނެ މިންވަރު ކަނޑައަޅާނީ މިނިސްޓަރެވެ. ގިނަވެގެން ހައްޖު ކޯޕަރޭޝަނަށް ދެވޭނީ 50 ޕަސެންޓް ކޯޓާ ކަމަށް ވެސް އުސޫލުގައިވެ އެވެ.
މިކަމާ ގުޅިގެން މިއަދު މިނިސްޓަރު ޒިޔާދު ވިދާޅުވީ، ކުރިއަށް އޮތްތާ ވެސް ހައްޖު ކޯޕަރޭޝަނަށް 50 ޕަސެންޓް ކޯޓާ ލިބިގެންދާނެ ކަމަށެވެ. އެކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އާ އުސޫލުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ އުސޫލަށް ގާނޫނީ އިދާރާތަކުގެ ލަފާ ވެސް ހޯދާފައިވާ ކަމަށެވެ.
އުސޫލުގެ ދަށުން ހައްޖަށް ގެންދިޔުމަށް ޝައުގުވެރިވާ ފަރާތަކަށް ފުރުސަތު ހުޅުވާލުމުން 16 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި އެކަމުން ވެސް އޮތް ތަރުހީބު އެނގިގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަން ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝަހީމް ވިދާޅުވުމުން ވަރަށް ބޮޑު ހައިރާން ކަމެއް ލިބިވަޑައިގަތް ކަމަށާއި އެ ކޯޕަރޭޝަން ނައްތާލަން މިނިސްޓްރީން އެއްވެސް ކަމެއް ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް މިއަދު އަވަސްއަށް ވިދާޅުވީ، ހައްޖު ކޯޕަރޭޝަނަށް ލިބިފައިވާ އިމްތިޔާޒުތައް ހަނިކުރުމަކީ ކޯޕަރޭޝަން ވުޖޫދުގައި އޮތް ނަމަވެސް ވުޖޫދުން ނައްތާލުން ފަދަ ކަމެއް ކަމަށެވެ.
މި އަހަރު ސައުދީން ވަނީ ރާއްޖެއަށް 2،000 ކޯޓާ ދީފަ އެވެ. ހައްޖު ކޯޕަރޭޝަން ވުޖޫދަށް އައިސްފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވީ ޝަހީމެވެ. އެ ކޯޕަރޭޝަން ވުޖޫދަށް އައި ފަހުން ހައްޖަށް ދިޔުމުގެ އަގު ހެޔޮވެ، އެ ހިދުމަތަށް ބޮޑެތި ފަސޭހަތަކެއް ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ