ނޫސްވެރިން ޒިންމާދާރުވެ ޚަބަރު ފެތުރުމުގައި އަމާނާތްތެރިވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
އަމިއްލަ މިޑީއާ އިދާރާއެއް ކަމަށްވާ ވީމީޑިއާގެ ވެސް ވެރިޔާ ގާސިމް އިބްރާހިމް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މިރޭ އާންމުކުރި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ނޫސްވެރިކަމުގެ މަސައްކަތަކީ ބޮޑު ގައުމީ ވާޖިބެއް ކަމަށް ބަލައި އެ ވާޖިބު ނޫސްވެރިން ތެދުވެރިކަމާއެކު އާދާކުރަން އެދި ވަޑައިގަންނަވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރު ވަނަ ބާރުގެ ގޮތުގައި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ނަންކުރަނީ ޞުލްޙަ މަސަލަސްކަމަށްޓަކައި އަދި ޢަދުލު އިންސާފު ޤާއިމްކޮށް، އަނިޔާވެރިކަން ނައްތާލުމަށް ކުރާ މަސައްކަތުގައި ނޫސްވެރީންނަށް އޮތް ޒިންމާގެ ބޮޑުކަމުން ކަމަށެވެ. އަދި ގައުމާއި ބައިނަލްއަޤްވާމީ ކަންކަންވެސް ހަމަމަގުން ކުރިއަށް ދޭތޯ ބަލައި ރައްޔިތުންގެ ސަމާލުކަމަށް ގެންނާންވީ ކޮންމެ ކަމެއް ފުރަތަމަ ވަގުތުގައި ގެނައުމަށް ނޫސްވެރީންގެ ލޮލާއި ސިކުނޑިތައް އަބަދުވެސް ހޭލައި ތިބެޖެހޭތީ ކަމަށެވެ.
"... ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން މިދަނީ އެއްދުވަހުން އަނެއްދުވަހަށް ހުޅުވެމުންނެވެ. ޚަބަރުފަތުރާ އިދާރާތައްވެސް މިދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިފަދަ ވަގުތެއްގައި ނޫސްވެރީން ވިސްނަވަންވީ އެންމެ މުހިންމު އެއްކަމަކީ މަސައްކަތުގައި ޒިންމާދާރުވެ ވަޑައިގަތުމެވެ. ޚަބަރު ފެތުރުމުގައި އަމާނާތްތެރިވެ ވަޑައިގަތުމެވެ. ނޫސްވެރިކަމުގެ މަސައްކަތަކީ ބޮޑު ޤައުމީ ވާޖިބެއްކަމުގައި ދެކެވަޑައިގެން ތެދުވެރިކަމާއެކު އެކަން ކުރެއްވުމެވެ،" ގާސިމް ވިދާޅުވި އެވެ.
އެމަނިފާނު ވިދާޅުވީ ރާއްޖެެއަށް މިވަގުތު އެންމެ މުހިންމު އެއްކަމަކީ ނޫސްވެރިކަމާ އަދި އެ ޚިދުމަތާ ގުޅުންހުރި އެކި ފަންނުތަކުން މަތީ ތަޢުލީމު ޙާޞިލްކޮށްގެން ތިބި މީހުން އިތުރު ކުރުން ކަމަށާއި ޒަމާނާއި ނޫސްވެރިކަން ތަރައްގީވެ ޚިދުމަތާ ވައްޓަފާޅި މބަދަލުވެގެންދާ ދިއުމާ އެއްސަފެއްގައި ރާއްޖޭގެ ނޫސްވެރިކަންވެސް ފައިހަމަ ކުރުން ކަމަށެވެ. އަދި ވިދާޅުވީ ޚަބަރު ފެތުރުމުގައި ޒަމާނީ ޓެކްނޮލޮޖީއާ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުމަށް ދިވެހި ނޫސްވެރީން އަހުލުވެރި ކުރުވުން ވެސް މުހިންމުވެފައިވާ ކަމަށެވެ.
ނޫސްވެރިންގެ ދުވަހާއެކު ދިވެހި ނޫސްވެރިކަމަށާއި ނޫސްވެރީންނަށް ހުރި ދަތިތައް ގިރާ ކުރުމުގައި ސަރުކާރާ، މީޑިއާ އިދާރާތައް ހިންގާ ފަރާތްތަކާ، ނޫސްވެރީންނާ އާންމުން އަތުގުޅައިލަން ގޮވާލައްވާ ގާސިމް ވިދާޅުވީ ދިވެހި ނޫސްވެރިކަމަކީ، ދިވެހި ބަހަށް ވެސް ލިބޭ ދިރުމެއް އަދި ދިވެހީންގެ ސަޤާފަތާ އަމިއްލަވަންތަކަމަށް ލިބޭ ރައްކާތެރިކަމެއް ކަމަށެވެ. ދިވެހި މުޖްތަމަޢުގައި ޤާނޫނީ ހަމަތަކާ އިންސާފު ޤާއިމުކުރުމަށް ލިބޭ ބާރެއް ކަމަށް ވެސް ވިދާޅުވި އެވެ.
ނޫސްވެރިން ޒިންމާދާރުވެ، އާމާނާތްތެރިވާން ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ