ހިޖުރީ އާ އަހަރުގެ ތަހުނިޔާ ގާސިމް ފޮނުއްވައިފި

ހިޖުރައިގެ ހާދިސާއިން އިބްރަތް ހާސިލްކޮށް އެއްއަހަރަށްވުރެ އަނެއް އަހަރު ބާއްޖަވެރިކޮށް އުފާފާގަތިކުރުމަށް ހިންމަތާއެކު މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ ކަމުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހީމް މިހެން ވިދާޅުވީ މިއަދު ފެށުނު ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާ އާއްމު ކުރެއްވި މެސެޖުގަ އެވެ.
ގާސިމް އިބްރާހިމްގެ ހިޖުރީ އާ އަހަރުގެ މެސެޖުގައި އިސްލާމީ ކަލަންޑަރުން 1435 ވަނަ އަހަރު ނިމި 1436 ވަނަ އަހަރަށް ފެށޭ މި ތާރީހީ މުނާސަބާގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާ، އަދި އިސްލާމީ އުންމަތުގެ އެންމެހާ އުޚުއްވަތްތެރިންނަށް ތަހްނިޔާއާ މުބާރަކްބާދު ވަނީ ދަންނަވާފަ އެވެ.
ގާސިމް އިބްރާހިމްގެ މެސެޖުގައި ކޮންމެ އިސްލާމީ އާ އަހަރެއްގެ ފެށުން ހަނދާން އާ ކޮށްދެނީ އިސްލާމީ އުންމަތުގެ ބިންގާ އެޅުއްވުމަށްޓަކައި ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވި މުހިއްމު ހާދިސާ ކަމުގައި ވިދާޅުވި އެވެ. އަދި އެއީ އެކުވެރިކަމާ އަޒުމު ވަރުގަދަކަމާ ތެދުނިޔަތާއެކު ﷲގެ ހަޟްރަތުން ވާގިއެދިތިބެ އިސްލާމްދީން އިއްޒަތްތެރިކުރުމަށް ފެށިގެންދިޔަ ބަރަކާތްތެރި މަސައްކަތްތަކުގެ ފޮނި ކާމިޔާބީ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެފަދަ ކޮންމެ މުހިއްމު ހާދިސާއަކުން އިބްރަތް ހާސިލްކޮށް އެއް އަހަރަށްވުރެ އަނެއް އަހަރު ބާއްޖަވެރިކޮށް އުފާފާގަތިކުރުމަށް ހިންމަތާއެކު މަސައްކަތްކުރުމަށް ވެސް ގާސިމް އިބްރާހިމް ވަނީ އެދިވަޑައިގެންނެވި އެވެ.
"މި ފެށުނު 1436 ވަނަ އަހަރަކީ އިސްލާމީ އުންމަތަށް އަމާންކަމާ ނަޞްރާ ނަސީބުގެ އަހަރެއް ކަމުގައި ލައްވާށި އެވެ. ދިވެހިންނަށާ ދިވެހިރާއްޖެއަށް ތިޔާގިކަމާ މަސަލަސްކަމާ ކާމިޔާބު މިންވަރުކުރައްވާނޭ އަހަރެއްކަމުގައި ލައްވާށިއެވެ. އާމީން،" ގާސިމް އިބްރާހިމްގެ މެސެޖުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ