"ގޯސްކޮށް ހިނގާފައިވާ ގިނަ ކަންކަމާއި ޔާމީނާއި ގުޅިފައިވާކަމަށް ރައްޔިތުން ގަބޫލުކުރޭ"

މިމަހުގެ 28 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީއާއި ވާދަކުރާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއާއި ރާއްޖޭގައި ހިންގާފައިވާ ހޯސްކަންކަމުގެ ކަންކަމުގެ ތެރެއިން ގިނަ ކަންކަން ގުޅިފައިވާކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ކެނެރީގޭގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫންގެ ދިގު 30 އަހަރާއި އަދި މިހާރުވެސް ރާއްޖޭގައި ހިންގާފައިވަ ގޯސްކަންތައްތަކުގެ ތެރެއިން ގިނަ ކަންކަން އަބްދުﷲ ޔާމީންއާއި ގުޅިފައިވާކަމަށް ގިނަ ބަޔަކު ދެކޭކަމަށެވެ. އަދި ރައީސް މައުމޫންގެ ކޮއްކޯފުޅެއްގެ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެން 50 ހާސް ވޯޓް ނުލިބުމަކީ ރައްޔިތުން ހިތުގައި ސުވާކު އުފެދޭނެކަމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ދެނުއޭސިޔާގައި އަނބިންނަށާއި ދަރިންނަށާއި ކޮއްކޮއިންނަށް އާންމު އުސޫލަކީ ބައިވަރު ވޯޓްލިބުން. އިންޑީއާއަށް ބެލެވިއަސް ސްރީލަންކާއަށް ބެއްލެވިއަސް އަދި އޭސިއާގެ އެހެން ގައުމުތަކަށް ބެއްލެވިއަސް. އެހެންނަމަވެސް މިތަނުގައި އަބްދުﷲ ޔާމީނަށް ހަމަ ވޯޓެއް ދެއްވެން ނެތީ. އަޅުގަނޑު ދެކޭ ގޮތުގައި ރައީސް މައުމޫންގެ ބޭފުޅަކު މިސާލަކަށް ނުކުމެވަޑައިގެންނަމަ އެ ވޯޓް ފަހަރެއްގައި ލިބިވަޑައިގަތީސް. އެކަމު އެބޭފުޅުންނަށް ކެންޑިޑޭޓެއްގެ ގޮތުގައި ހިޔާރު ކުރެވިފައި އެއޮތީ ހަމަ ކަނޑައެޅިގެން ނުބައި ބޭފުޅެއް. އަޅުގަނޑެއް ނުދެކެން އެބޭފުޅާއަކަށް މިހާރު އެލިބިވަޑައިގެންނެވި 50 ހާސް ވޯޓްވެސް ލިބިވަޑައިގަންނަވާނެކަމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ފުރަތަމަ ބުރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކާމިޔާބު ވެވަޑައި ނުގެންނެވުމުން ދެ ވަނަ ބުރުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން އިއްތިހާދު ހަދައިގެން ކާމިޔާބުކުރި ގޮތަށް މިފަހަރު ކަންތައް ވެދާނެތޯ ސުވާލު ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ މިހާރުގެ އިދިކޮޅު ފަރާތްތަކަށް އެއްގަލަކަށް ނޭރޭނެކަމަށެވެ.
"ކޯލިޝަނަކަށް އެބޭފުޅުން ވަޑައެއް ނުގަންނަވާނެ. އަޅުގަނޑަށް ސަތޭކައިން ސަތޭކަ ޔަގީން އެހުރިހާ ޕާޓީތައް އެކުވެއެއް ނުލައްވާނެ. އެކުވެއްލައްވާނަމަ މުޅި ރޭގައި އަޅުގަނޑަށްވެސް ހޭލާ އިންނާކަށް ނުޖެހުނިސް އެބޭފުޅު ގުޅުއްވާތީ. އަދި އަނެއްކާ މިއަދު ތިބޭފުޅުންނާއި ބައްދަލުވުން ލަސްވީވެސް ހަމަ އެބޭފުޅުން ގުޅުއްވާ ވަރުން، އެބޭފުޅުންނާއި ވާހަކަ ދެއްކުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒްކުރުމަށް ޝައުގުވެރިވާ ވާރާތްތަކަކީ ކޮބާތޯ ބަލައި އެބޭފުޅުންނާއި އެމްޑީޕީން ވާހަކަ ދެއްކުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން އެމްޑީޕީގެ ސިޔާސަތުތައް ބަޔާންކޮށް ތަފްސީލުތަކެއް އެފަދަ ފަރާތްތަކަށް ފޮނުވާފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ކޯލިޝަނެއް ހަދާނެކަމަށް ނުވަތަ ރައީސް ނަޝީދު ވިދާޅެއް ނުވެއެވެ. އަދި ވަޒީރުންގެ މަޖިލިސް ބަހާލުމަކީ އަދިވެސް ރާއްޖޭގެ ތަރައްގީއަށް ހުރަސްއެޅޭކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދު އެބޭފުޅުންނަށް ފޮނުވައިފިން އެތަފްސީލުތައް. އެބޭފުޅުން ބައްލަވާފައި އެބޭފުޅުން ވިދާޅުވާންވީ މި ޕްރޮގްރާމްތައް އެގެން ބޭފުޅަކު ހިންގަން ތައްޔާރަށްތޯ ހުންނެވީ. އަޅުގަނޑު ވާހަކަ ދައްކަމުން މިއަންނަނީ ރާއްޖޭގައި ގަދަރުވެރި އިއްޒަތްތެރި އަދި ސިޔާސީ ކަންކަމުގައި އަޑުހިފޭ ނަންހިފޭ ހުރިހާ ބޭފުޅުންނާއިވެސް،" ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިން ހަރަކާތްތައް މިއަދު ފަށާއިރު ނަޝީދު ވިދާޅުވީ ކެމްޕެއިން ހަރަކާތްތަކަށް މާބޮޑު ބަދަލެއް ނުގެންނާނެކަމަށާއި ކޮންމެ ފޮއްޓަކުން އިތުރަށް 50 ވޯޓްވެސް ހޯދަން ނުޖެހޭކަމަށެވެ. އަދި ރައްޔިތުންގެ ތެރޭގައި ތިއްބެވި ނަންހިނގާ ބޭފުޅުންނާއި އެކު އެމްޑީޕީން މަސައްކަތްކުރާނީ އެހެން ޕާޓީތަކުގެ މީހުންނާއި ވާހަކަ ދައްކައިގެން ވޯޓްހޯދުމަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.
"މިރާއްޖޭގައި ނެތް މިއަދު އެންމެ ރަށެއްވެސް އެމްޑީޕީ އަގުލަބިއްޔަތު ނުނަގާ. އެމްޑީޕީއަށްވުރެ މަތިން ވޯޓް ހޯދި އެއްވެސް ރަށެއް މިރާއްޖެއަކު ނެތް. ރިޔާސީ އިންތިހާބުގެ ނަތީއަކީ ވަރަށް މުހިންމު އެއްޗެއް އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ބަލާއިރު އެއްވެސް ގޮޑިއެއް (އިދިކޮޅު ޕާޓީތަކަށް) ލިބޭކަށް ނެތް،،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އިސްމަގާމުތަކުގައިވެސް ތިއްބެވީ އެމްޑީޕީގެ މެންބަރުންކަމަށާއި އަދި ރައީސް މައުމޫންގެ ދައުރުގައި ވަޒީރުކަން ކުރައްވާފައިވާ ބައެއް ބޭފުޅުން ގާސިމްއަށް ތާއީދުކޮށް މަސައްކަތް ކުރެއްވިނަމަވެސް ދެ ވަނަ ބުރުގައި އެބޭފުޅުން ތިއްބަވާނީ އެމްޑީޕީއާއެކުގައިކަމަށް އުންމީދު ކުރައްވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ