ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ ފަރާތްތަކަށް ދައުލަތުގެ ބައެއް މުއައްސަސާތައް މެދުވެރިކޮށް ލިބެމުންދާ ހިދުމަތްތައް ދިނުމުގެ ކުރިން ޕެންޝަން ފަންޑަށް ފައިސާ ދައްކާފައިވާ ޔަގީންކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށްޓަކައި ޕެންޝަން އޮފީހުން މަސައްކަތް ފަށައިފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޕެންޝަންސް އޮފީހުގެ ޑިރެކްޓަ އިސްމާއީލް ސުޖާއު ވިދާޅުވީ ޕެންޝަން އޮފީހުން މަސައްކަތް ކުރަނީ ޕެންޝަނާ ބެހޭ ގާނޫނާ، ހެދިފައިވާ ގަވައިދު ތަކުގެ ދަށުން ޕެންޝަން ފަންޑަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމަށެވެ. ޕެންޝަން ފަންޑަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ ޕެންޝަން އޮފީހުގެ ޒިންމާއަކަށްވާތީ ކޯޓް މަރުހަލާއިންނާ ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ނަމަވެސް އެފައިސާ ހޯދުމުގެ މަސައްކަތް ޕެންޝަން އޮފީހުން ކުރާނެ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކުރާ ކަމެއް މިކުރަނީ ފަހަރެއްގައި ވެސް ބަޔަކަށް ދަތިކޮށް އުދަގޫކުރާކަށް ނޫން. އަދި އަޅުގަނޑުމެންގެ ނެތް ބަޔަކަށް ދަތިކޮށްގެން މަޖުބޫރުކޮށްގެން ޕެންޝަން ފަންޑަށް ފައިސާ ހޯދުމުގެ ވިސްނުމެއް ވެސް. އެހެންނަމަވެސް ޕެންޝަން ފަންޑަށް ހޯދަންޖެހޭ ފައިސާ ހޯދުމުގައި އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެއީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް،" ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕެންޝަން އޮފީހުން އިމިގްރޭޝަނާ، އޮޑިޓާ ޖެނަރަލްގެ އޮފީހާއި އަދި މީރާއާއެކު އެއްބަސްވުންތަކެއްގެ ދަށުން ބައެއް މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމަށެވެ. އެ އޮފީސް ތަކާއެކު މަސައްކަތް ކުރަނީ ޕެންޝަން ފަންޑަށް ފައިސާ ދައްކަންޖެހޭ ބައެއް ފަރާތްތަކުން އެ އޮފީސްތައް މެދުވެރިކޮށް ހިދުމަތް ހޯދާއިރު، ޕެންޝަން ފަންޑަށް ފައިސާ ނުދައްކާނަމަ ހިދުމަތްދިނުމުގެ ކުރިން ޕެންޝަން ފަންޑަށް ފައިސާ ދެއްކުމުން ނޫނީ ހިދުމަތް ނުލިބޭ ކަހަލަ އުސޫލެއް ހަމަޖެއްސުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް އިމިގްރޭޝަނަށް ބައެއް ކުންފުނިތަކުން ދާނެ ކޯޓާ ހޯދަން. އަޅުގަނޑުމެން މިއެދެނީ ކޯޓާ ދޫކުރުމުގެ ކުރިން ބަލާށޭ އެކުންފުންޏަކުން ޕެންޝަން ފަންޑަށް ފައިސާ ދައްކާފައިވޭތޯ. މިގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަން ފެށުމުން ވަޒީފާދޭ ބައެއް ތަންތަނުން މިހާރު ޕެންޝަން ސްކީމުގައި ރަޖިސްޓްރީކޮށް ފައިސާ ދައްކަމުންދޭ. އަދި އަޅުގަނޑުމެން މިދަނީ އެ މައުލޫމާތުތައް ބައެއް އޮފީސް ތަކާ ހިއްސާ ވެސް ކުރަމުން. އެކޮނޮމިކް މިނިސްޓްރީން ވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެއްބާރުލުންދޭ،" ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ ކުންފުނިތަކުގެ މައްސަލަ ކޯޓަށް ހުށަހަޅާ ކޯޓުން ހުކުމްކުރުމުން ގިނަ ކުންފުނިތަކުން ފައިސާ ދައްކާ ކަމަށެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ހުށަހަޅާނެ ކަމަށް ބުނެފައިވާތީ އެ އިސްލާހުތަކުގެ މައުލޫމާތު ލިބިފައިވޭތޯ ދެންނެވުމުން ސުޖާއު ވިދާޅުވީ އަދި މިހާތަނަށް ލިބިފައިވަނީ ބިދޭސީ މުވައްޒަފުން ޕެންޝަން ސްކީމުގައި ބައިވެރިކުރުމާ ބެހޭގޮތުން ހުށަހެޅިފައިވާ އިސްލާހުގެ ތަފްސީލްތައް ކަމަށެވެ.
ޕެންޝަން ފަންޑަށް ފައިސާ ދެއްކުމުގައި ބައެއް ފަރާތްތަކުން ފަރުވާކުޑަކުރަމުންދާއިރު މިދިޔަ މަހުގެ ނިޔަލަށް ގަވައިދުން ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ ކުންފުނިތަކުގެ ގޮތުގައި ޕެންޝަން އޮފީހުން މިހާރު ވަނީ 104 ކުންފުންޏެއްގެ ނަން އާންމުކޮށްފަ އެވެ.
ޕެންޝަން ފަންޑަށް ފައިސާ ދެއްކިކަން ޔަގީންކުރަން ފިޔަވަޅުތައް އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ