އިންތިހާބުގައި ފައިސާގެ ނުފޫޒު ވަރަށް ބޮޑަށް ބޭނުންކުރާނެ - ގާސިމް

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި ފައިސާގެ ނުފޫޒު ވަރަށް ބޮޑަށް ބޭނުންކުރަމުންދާނެކަމަށާއި، އެކަމަށް ރައްޔިތުން ސާބިތުވެ ތިބެންޖެހޭކަމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅު ހޮޅުދޫގައި ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓުލާން ޖެހޭނީ ރައްޔިތުން ތިބި ހާލަތުން ނެރެދެވޭނެ ފަދަ ލީޑަރަކަށް ކަމަށެވެ.
ގާސިމް ވިދާޅުވީ ދެވަނަބުރަކަށް ނުގޮސް އިންތިހާބުގައި ނަތީޖާ ނެރެން ޖެހޭނެ ކަމަށާއި އެއީ އިގުތިސޯދީ ގޮތުނާއި އިޖުތިމާއީ ގޮތުން އެންމެ ހަމަޖެހުން ބޮޑު ގޮތް ކަމަށެވެ.
"ދެވަނަ ބުރަކަށް ރިޔާސީ އިންތިހާބުގެ އެކަންތައްތައް ގެންދަންޖެހިއްޖެނަމަ ދައުލަތުގެ ވަރަށް ބޮޑެތި ހަރަދުތަކެއް އަނެއްކާވެސް ކުރަންޖެހި، އޭގެ ސަބަބުން ނުނިކުމެގެން ނުދާނެ ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް މީގެތެރެއިން ނިކުމެގެން ދާނެކަން ދެވަނަ ބުރަކަށް ހިނގައްޖެއްޔާ އަޅުގަނޑަށް މިހާރު ވެސް ލޮލަށް، އަޅުގަނޑުގެ ހަވަނަ ހިއްސަށް ފެންނަ ކަހަލަ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އެއް ދިމާއަކަށް މިއަދު ވިސްނާ އަތާއި އަތް ގުޅައިލައިގެން ދީނާއި މިނިވަންކަން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރަންޖެހޭ ކަމަށާއި މިކަންތައްތަކުގެ ވާހަކަ ތަކުރާރުކޮށް ދެއްކެމުން ދަނީ މިކަމުގެ ސީރިއަސްކަން ބޮޑުވުމުގެ ސަބަބުން ކަމަށެވެ.
ގާސިމް ވިދާޅުވީ ކޮންމެ ވައުދެއްވެސް އެމަނިކުފާނު ވެވަޑައިގަންނަވަނީ އެކަންކަން ކޮށްދެވޭނެތީ ކަމަށާއި ރާއްޖޭގެ ރައްޔިތުން އޭނާ ވެރިކަމަށް ހޮއްވަވައިދެއްވައިފިނަމަ މިހާރު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ފުއްދާނީ ކިހިނެއްތޯ ސުވާލު އުފައްދާ ބައެއް މީހުން ހަސަވެރިވިނަމަވެސް އެކަންތައްތައް ކުރުމަކީ އެއްވެސް ކަމެއް ނޫންކަމަށް ގާސިމް ވދާޅުވިއެވެ.
އޭނާ ވިދާޅުވީ 2008 ވަނަ އަހަރުގެ ތެރޭގައި ށ. ކޮމަންޑުއަށް ވަޑައިގެން ، އެރަށުގެ ހާލަތު ދެކެވަޑައިގެންނެވިކަމަށާއި ، އަދި އެރަށުގެ ކައިރީގަ އޮންނަ ފަޅުރަށް ، ދަށު ކޮމަންޑުއާއި ، ކޮމަންޑޫ ، އެމަނިކްފާނުގެ ވެރިކަމެއްގައި ކޮށްދެއްވާނެކަމަށް މީގެކުރިން ވިދާޅުވެފައިވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ހާރުން މިހާރަށް، ކޮމަންޑޫގެ ރައްޔިތުން ، ދެ ކޮމަންޑޫ ގުޅުވާލުމަށް ބޭނުންވާ އެންވައިރޮންމެންޓަލް އެސެސްމަންޓް ރިޕޯޓް 15 ދުވަސްތެރޭގައި ގެނަޔަސް އަމިއްފުޅު ޑްރެޖަރު ބޭނުންކޮށްގެން އެދެރަށް ގުޅުވާލަ ދޭނެކަމަށެވެ. އަދި ދިވެހި ސަރުކާރަށްވެސް މެޝިނަރީސްގެ ގޮތުން ވާދަނުކުރެވޭނެ ކަމަށް އޭނާ މިރޭ ވިދާޅުވި އެވެ.
"މިކަހަލަ ކަންތައްތައް ކުރާނަމޭ ބުނީމަ ބަޔަކު ދެން ޖެލަސްވިޔަސް، އަޅުގަނޑު ދަންނަވާލާނީ އެއީ ވިސްނާނުލާ ރުޅި އަންނަ މީހުން އެކަންކޮށްފާނެ، އެހެންނަމަވެސް އަޅުގަނޑު މިވާހަކަ މިދައްކަނީ އަޅުގަނޑުގެ ކެޕޭސިޓީ ހުރީމަ މާތް ﷲ ގެ ވާގިފުޅާއިއެކީގައި، އެކަންކުރުމުގެ ގާބިލުކަން ހުރީމަ އަޅުގަނޑު އެކަން މިކުރަނީ، އަޅުގަނޑު އަތުގައި އެބައޮތް މާތް ﷲ ގެ އިރާދަފުޅާއިއެކު މެޝިނަރީޒްގެ ގޮތުން ރާއްޖޭގެ ސަރުކާރު އަޅުގަނޑާއި ކޮމްޕީޓް ނުކުރެވޭވަރަށް އަޅުގަނޑު އަތުގައި މެޝިނަރީސް އެބަހުރި." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އިންޑިއާއިން ބޮޑު ހިލަޔާއި ، ހިލަވެލި ދޫކުރުން މުޅިން ހުއްޓާލައިފަވާކަމަށެވެ. އެކަމުގެ ސަބަބުން އެފަދަ ތަކެތި ބޭނުންކޮށްގެން ކުރަންހުރި ގިނަ މަސައްކަތްތަކެއް ހުއްޓޭނެކަމަށާއި ، އެކަމުގެ ދަތިކަން ރައްޔިތުންނަށް ފޯރާނެކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ