އުމަރު ނަސީރާއި މެދު އަމަލުކުރަމުން ދާގޮތުން ހައިރާންވޭ - ރޮޒެއިނާ

ޕީޕީއެމްއިން މިއަދު އުމަރު ނަސީރާއި މެދު އަމަލުކުރަމުންދާގޮތުން ހައިރާންވެވަޑައިގަންނަވާ ކަމަށާއި އުމަރު މައާފަށް އެދިވަޑައިގަތުމުގެ ކުރިން ޑީއާރުޕީގެ މެންބަރުންގެ ކިބައިން ރައީސް މައުމޫން މަޢާފަށް އެދިވަޑައިގަންނަން ޖެހޭ ކަމަށް ތުލުސްދޫ ދާއިރާގެ ޑީއާރުޕީ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ވީޓީވީއިން ރޭ ގެނެސްދިން ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަމަށް ކުރިމަތިލައްވާނެކަމަށް އިއުލާން ކުރައްވާފައިވާ ރޮޒެއިނާ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންއާއި ގުޅޭގޮތުން އެންމެ ޖަލްސާއެއްގައި އުމަރު ނަސީރު ދެއްކެވި ވާހަކަތަކެއްގެ ސަބަބުން އުމަރު ޕާޓީން ވަކިކުރަން ނިންމުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.
"މިއަދު އެންމެ ޖަލްސާއެއް ރައީސް މައުމޫނާއި ރައީސް މައުމޫންގެ ކޮއްކޯފުޅާ ދެކޮޅަށް ބޭއްވުނުއިރު އުމަރު ނަސީރު ކަނޑާލަން ނިންމައިފި ޕާޓީން. އެ ދުވަހު ރަނގަޅުވި ކަންތައްތައް މިއަދު ގޯސް މިވަނީ ކީއްވެގެންތޯ؟" ރޮޒެއިނާ ސުވާލުކުރެއްވި އެވެ.
މިއަދު ޕީޕީއެމްގެ މެންބަރުންގެ ކިބައިން އުމަރު މައާފަށް އެދެން އެޕާޓީން އުމަރަށް އެންގުމަކީ ޕީޕީއެމްއާއި ރައީސް މައުމޫންގެ ކިބައިގައި ޑިމޮކްރެޓިކް އުސޫލުތައް ހުރި މިންވަރު ހާމަވެގެން ގޮސްފައިވާ ކަމެއްކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
މިއަދު ފެންނަމުންދާ މަންޒަރުތަކުން ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން މީގެ ކުރިން ޑީއާރުޕީ ބައިބައިކޮށް ފުނޑުފުނޑުކޮށްލީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫންކަން މިހާރު ޔަގީންވެފައިވާ ކަމަށް ވެސް ރޮޒެއިނާ ރޭ ވިދާޅުވި އެވެ.
"އެއީ ޑީއާރުޕީގެ ޖަލްސާގައި ހުރި މޭޒު ތަޅާލާފައި ޑީއާރުޕީގެ ލީޑަރަށް ވަގަށް ގޮވާފައި ޑީއާރުޕީގެ ނަމުގައި އެތައް ޕްރެސް ކޮންފަރެންސެއް ބާއްވާފައި ޑީއާރުޕީގެ ނަމުގައި އެތައް ޖަލްސާތަކެއް އަޅުގަނޑުމެން ކެނޑިނޭޅި ޕާޓީގެ ކައުންސިލުން ނަހަދާށޭ ބުނަމުން ދަނިކޮށް ބާއްވާފައި، އެ ހުރިހާ ކަމަކަށް ރައީސް މައުމޫން ހިތްވަރު ދެއްވާފައި، ހަގީގީ ޑީއާރުޕީ އަކީ ޒެޑް ޑީއާރުޕީ ކަމަށް ވިދާޅުވެފައި މިއަދު ކިހިނެއްތޯ މިވީ؟" އޭނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ ޕީޕީއެމްގެ އަމަލުތައް ހުރިގޮތުން މިއަދު އިތުރު ކަންތައްތަކެއްވެސް ހާމަވެ ސާފުވެގެން ގޮސްފައިވާ ކަމަށާއި އެގޮތުން ރައީސް މައުމޫނަކީ އާއިލީ ވެރިކަމެއް ކުރެއްވުމަށް ވަރަށް ބޮޑަށް ބޭނުންވެވަޑައިގަންނަވާ ބޭފުޅެއްކަން މިހާރު ސާފުވެފައިވާ ކަމަށެވެ.
އަދި ޔާމީނަށް ނިސްބަތްކޮށް މީހަކު އެންމެ ފަހަރަކު ވާހަކައެއް ދެއްކުމަކުން އެމީހަކު ޕާޓީން ވަކިކުރާވަރުގެ ފިޔަވަޅެއް އަޅާ ހިސާބަށް ކަންކަން ނުދާނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ