"ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނުކުމެ އެމްޑީޕީގެ ލާދީނީ ފިކުރުގައި "ފުލްސްޓޮޕް" ޖަހަންޖެހޭ"

އިދިކޮޅު އެމްޑީޕީން ގެންގުޅޭ ލާދީނީ ފިކުރަށް ނިމުމެއް ގެންނަ އިންތިޚާބަކަށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ހެދުމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ގޮވާލައްވައިފިއެވެ.ޗެނަލް13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ ނާޒިމް ވިދާޅުވީ، ދިވެހި ރައްޔިތުން އެމްޑީޕީގެ ލާދީނީ ފިކުރުގައި "ފުލްސްޓޮޕް" ޖަހަން ޖެހޭ ކަމަށެވެ. އެމްޑީޕީ އަކީ ފިކުރެއް ކަމަށާއި، އެފިކުރު ބައްޓަން ވެފައިވާ ގޮތަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މަސައްކަތް ކުރައްވާނެކަން ރައްޔިތުން ދަންނަންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ "ރިޕްލޭސްމެންޓް"އެއް ކަމަށާއި، އޭނާ ވެރިކަމަށް އިންތިޚާބު ކުރިނަމަވެސް، ނަޝީދުގެ ބާރު ހިނގާނެކަމަށެވެ. އެގޮތުން ދައުރުގެ މެދުތެރެއިން އިންތިޚާބު ބާއްވަން ނިންމީވެސް އެބޭނުމުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އިބޫއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ، ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނަވައިގެން އެދާއިރާ ތަރައްޤީ ކުރުމަށް އިބޫއަށް މަސައްކަތް ނުކުރެވުނުއިރު، ވެރިކަމަށް އިންތިޚާބު ކޮށްފިނަމަ، އެކަން ކުރެވޭނެ ކަމާމެދު ރައްޔިތުން ސުވާލު އުފައްދަން ޖެހޭ ކަމަށެވެ. މިނިސްޓަރ ވަނީ، އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގެ މައި ދޮރާާށި ކަމަށްވާ އެއާޕޯޓް ވިއްކާނުލާނެ ކަމުގެ ޔަޤީން ކަމާއި، އިސްލާމް ދީން ހިމާޔަތް ކުރާނެ ކަމުގެ ޔަޤީންކަން އިބޫ ރައްޔިތުންނަށް ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ނާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިބޫއާއި ކުރިމަތި ކުރެއްވި ސުވާލުތަކުގެ ޖަވާބު ރައްޔިތުންނަށްޓަކައި އެބޭފުޅާ ދެއްވަން ޖެހޭނެ ކަމަށެވެ." އެ ސުވާލުތަކަށް ޖަވާނު ނުދެވުމުން އެނގެނީ އަދިވެސް އެމްޑީޕީގެ ސިޔާސަތުތައް ބަދަލު ނުވާކަން. " ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.ހެލްތު މިނިސްޓަރ ނާޒިމް ވަނީ އިދިކޮޅު ފަރާތްތަކުން ޕޯޑިއަމްތަކުގައި ސަރުކާރު ބަދުނާމް ކުރުމަށް ސާބިތު ނުހިފޭ ވާހަކަތައް ދައްކަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އިސްބޭފުޅުންގެ ޝަހްސިއްޔަތު ކަތިލުމަށް އެފަދަ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ސަރުކާރު ޒިންމާދާރު ކުރުވުމަށް "އޮށްޓަރު" ހުރި ހުރި ވާހަކަތައް އިދިކޮޅު ފަރާތްތަކުން ދައްކަން ޖެހޭ ކަމަށެވެ. މިނިސްޓަރ ވަނީ ނަރުހުންގެ އެލަވަންސްތައް ކަނޑާލި ކަމަށް ބުނެ ބައެއް މީޑިޔާތަކުން ފެތުރި ވާހަކަވެސް ދޮގު ކުރައްވާފައެވެ. ނަރުހުންގެ މުސާރައިގެ އޮނިގަނޑު އެކުލަވާލާއިރު، އެލަވަންސްތައް އިތުރު ކުރަން މަޝްވަރާ ކުރެވެމުން އަންނަކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ، ހަޤީޤަތާއި ޚިލާފު ޚަބަރުތައް ބައެއް ފަރާތްތަކުން ފަތުރަނީ ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ