ރައީސަށް މަޖިލީހުގައި ރިޔާސީ ބަޔާން ހުށަހެޅުއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް: އިލްހާމް

އެމްޑީޕީގެ އިސް ބޭފުޅުން އިންޒާރު ދެއްވާފައި އޮތަސް އަންނަ ބުރާސްފަތި ދުވަހު ރައީސް މުހައްމަދު ވަހީދަށް އެމަނިކުފާނުގެ ފުރަތަމަ ރިއާސީ ބަޔާން ރައްޔިތުންގެ މަޖިލީހުގައި ހުށަހެޅުއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕީޕީއެމްގެ އިލްހާމް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އިލްހާމް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު މަޖިލިސް ހުޅުއްވުމަށް ރައީސް ވަހީދު ވަޑައިގަތުމަށް އެމްޑީޕީގެ މެމްބަރުން ހުރަސްއަޅާނެ ކަމަށް ވިދާޅުވިޔަސް އެކަމާ ޕީޕީއެމުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
ޕާޓީން އެފަދަ ކަމެއް ނުނިންމާ އޮތީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަމަލުކުރައްވާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
"މީގެ ކުރިން މަޖިލީހުގެ ޖަލްސާތަކަށް ހުރަސްއަޅުއްވާ މެމްބަރުން ނެރުއްވާފައި ވެސް ޖަލްސާ ކުރިއަށް ގެންގޮސްފައި އެބަހުރި. އެހެންވީމާ [މާޗް 1 ގައި] އެގޮތަށް މެމްބަރުން ނެރުއްވައި، ގަވާއިދުގައި ބުނެފައިވާ ގޮތަށް ޖަލްސާ ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން އެބައޮތް. އަޅުގަނޑުމެންނަކީ އެ އަނިޔާ ވެސް ލިބިފައިވާ މީހުން،" އިލްހާމް ވިދާޅުވި އެވެ.
ރައީސް ވަހީދަކީ ގާނޫނީ ހައިސިއްޔަތެއް ނެތް ރައީސެއް ކަމަށާއި އެފަދަ ބޭފުޅަކު މަޖިލިސް ހުޅުއްވާދެއްވުމަކީ އެތަން ތަޣައްޔަރުވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުން މަޖިލިސް ސަލާމަތްކުރަން ނުކުތުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
"އަޅުގަނޑު ހުރިހާ ރައްޔިތުންގެ ކިބައިން ވެސް އެދެން މާޗް 1 ވަނަ ދުވަހަށް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭނެ. ރައްޔިތުންގެ މަޖިލީސް އަޅުގަނޑުމެން ސަލާމަތްކުރަން ޖެހޭނެ. ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ހައިސިއްޔަތު ގެއްލިދާނެ ކަމެއް ކުރަން އެއްވެސް ބަޔަކަށް ދޫކުރުމަކީ އެދޭ ކަމެއް ނޫން،" މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ލޮނުޒިޔާރަތް ކޮޅުގައި ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ ބަޔާން ހުށަހެޅުއްވުމުގެ ފުރުސަތު ރައީސް ވަހީދަށް ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ބުރާސްފަތި ދުވަހުގެ ކުރިން އިންތިހާބެއް ބާއްވާނެ ތާރީހެއް ވެސް ދޭނ ްޖެހޭނެ ކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ