އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޖީނުގެ އަށް ދިމާވި މައްސަލައަކާ ގުޅިގެން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ސަރަހައްދުން މިއަދު ކަރަންޓު ހިނގައްޖެ އެވެ.
ޓީއެމްއޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ލަތީފް ވިދާޅުވީ އެ ތަނަށް ކަރަންޓު ދޫކޮށްފައި ހުންނަނީ އައިއެންއައިއޭ އިން ކަމަށާއި އެ އިންޖީނުގެ އަށް ދިމާވި ކޮންމެވެސް މައްސަލައަކާ ގުޅިގެން ޓީއެމްއޭ ސަރަހައްދުން ވެސް މިއަދު ހެނދުނުން ކަރަންޓް ކެނޑުނީ ކަމަށެވެ.
"ހަވީރަ"ށް އެނގިފައިވާ ގޮތުގައި ކަރަންޓު ދިޔައީ ހަމައެކަނި ޓީއެމްއޭ ސަރަހައްދުންނެވެ. އަދި ކަރަންޓު ދިޔައީ އެއާޕޯޓުގެ އިންޖީނެއްގައި އަލިފާން ހިފައިގެން ކަމަށް ވެސް އެނގިފައިވެ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އެއާޕޯޓުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ލަތީފް ވިދާޅުވީ ކަރަންޓު ދިޔުމުން ގިނަ ދަތިތަކެއް ކުރިމަތިވި ނަމަވެސް އެތަނުގެ ފްލައިޓް އޮޕަރޭޝަންތައް ހުއްޓާނުލާ ކަމަށެވެ. އަދި ޖަނަރޭޓަރުގެ އެހީގައި ކަރަންޓު ދޫކޮށްފައިވަނީ ކޮންމެހެން ބޭނުން ކުރަން ޖެހޭ ކޮމްޕިއުޓަރުތަކާއި ރޭޑިއޯ ފަދަ ވަސީލަތްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިތަނަކީ ފުލީ އެއާކޮންޑިޝަން ތަނެއް. އެކަމަކު ކަރަންޓު ދިޔުމުގެ ސަބަބުން އެ ފަދަ އެއްވެސް ހިދުމަތެއް ނުދެވޭއިރު ކޮމްޕިޓަރު ފަދަ އެއްޗެހި ވެސް ބޭނުން ކުރަމުން ދަނީ އެންމެ މިނިމަމްކޮށް،" ލަތީފް ވިދާޅުވި އެވެ.
ޓީއެމްއޭއިން ކަރަންޓު ދިޔަ ނަމަވެސް އެތަނާ ޖެހިގެން އޮންނަ މޯލްޑިވިއަން އެއާޓެކްސީ (އެމްއޭޓީ) އަކުން ކަރަންޓެއް ނުދެ އެވެ.
އެމްއޭޓީން ބުނީ އެތަނަށް ކަރަންޓު ދޫކޮށްފައިވަނީ އެ ކުންފުނިން އަމިއްލައަށް ކަމުން، އެއާޕޯޓަށް މިއަދު ދިމާވި މައްސަލައާ ގުޅިގެން ކަރަންޓަށް ހުއްޓުމެއް އައިސްފައި ނުވާ ކަމަށެވެ.
ޓީއެމްއޭ ސަރަހައްދުން ކަރަންޓް ހިނގައްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ