އާ ގާނޫނު އަސާސީ ތަސްދީގުކުރުން: މިއަދަކީ ރައްޔިތުން ފުރިހަމަ އަށް ތަމްސީލުވާ ވެރިކަމެއްގެ ސިއްކަ ޖެހޭ ދުވަސް: ރައީސް މައުމޫން

އާ ގާނޫނު އަސާސީއާ އެކު މިއަދަކީ ރައްޔިތުންގެ ފުރިހަމަ ތަމްސީލުވުން ހިމެނޭ ވެރިކަމެއްގެ ސިއްކަ ރާއްޖޭގައި ޖެހޭ ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގާތްގަނޑަކަށް ހަތަރު އަހަރަށް ފަހު އެކުލަވާލި އާ ގާނޫނު އަސާސީ ބުރާސްފަތި ދުވަހު ތަސްދީގު ކުރެއްވުމުގެ ކުރިން ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، ދިވެހިންގެ ލޮބުވެތި ވަތަނުގައި، އިސްލާމީ ހިދާޔަތުގެ އަލީގައި، ޒަމާނީ އުސޫކުތަކާއި ޑިމޮކްރެސީގެ ހަރުދަނާ ހަމަތަކާ އެއްގޮތަށް، ދައުލަތް ހިންގުމުގެ ކަންކަން ތަރުތީބުކުރެވޭ ދުވަސް ކަމުގަ އެވެ.
"ދައުލަތް ހިންގާ ފަރާތްތަކުން ރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީވެ، ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަބަދުމެ ރައްކާތެރިވެ، ދައުލަތް ހިންގުމުގެ ބާރުތައް މިނިވަން މުސްތަގިއްލު ފަރާތްތަކެއްގެ މައްޗަށް ހަމަހަމަހަމައަށް ބަހާލެވިގެންވާ، ރައްޔިތުންގެ ފުރިހަމަ ތަމްސީލުވުން ހިމެނޭ ވެރިކަމެއްގެ ސިއްކަ، ރާއްޖޭގައި ޖެހޭ ދުވަސް،" ރައީސް މައުމޫން ވިދާޅުވި އެވެ.
ގާނޫނު އަސާސީ ތަސްދީގު ކުރެއްވުމަށްޓަކައި ދަރުބާރުގޭގައި ބުރާސްފަތި ދުވަހު ހެނދުނު 00: 10 ގައި ބޭއްވި ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމަށް ގެންނަ ބޮޑު ބަދަލަކީ ހަމައެކަނި ބޭރުފުށުން ރީތިވެލުމަށް ގެންނަ ބަދަލެއް ނޫން ކަމަށާއި އެ ގެންނަ ބަދަލާއި އިސްލާހަކީ ދިވެހިންގެ އަމާޒުތަކާއި ގައުމުގެ އުއްމީދުތަކާއި ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭ ހެޔޮ އިސްލާހުތަކެއް ކަމަށެވެ.
"މިއަދު އަޅުގަނޑުމެން މި ނަގުލުވާ ނިޒާމަކީ، އަޅުގަނޑުމެންނަށް ކުރެވޭ އުއްމީދުތަކާއި އަޅުގަނޑުމެން ދެކޭ ހުވަފެންތަކާއި އެއްފަދައިން އަޅުގަނޑުމެންގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ އިހުސާސް ވެސް އަޅުގަނޑުމެންގެ ހަމަ ކޮންމެ މީހެއްގައި އުފައްދާނެ ނިޒާމަކަށްވުން އަޅުގަނޑު އެދެން. ވަކި ޒަމާނެއްގައި ދިވެހިންގެ ބޭނުންތައް ހުންނަ ގޮތް ބައްޓަންކުރާނީ އެ ޖީލެއްގެ ދިވެހިން. އެކަމަކު ބައެއް ކަންކަމީ، އަބަދުގެ އަބަދަށް ވެސް އެ ކަމުގެ ވުޖޫދާއި ދައުރު އެކަށައެޅި ދެމިގެންދާނެ ކަންކަން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫނުގެ ވާހަކަފުޅުގައި ވިދާޅުވީ ގާނޫނު އަސާސީއެއް އެކުލަވާލައި ނިމި، ތަސްދީގުވެ ހިންގަން ފެށުމަކީ ދިގު މަރުހަލާތަކެއްގެ ނިމުން ކަމުގައި ވެދާނެ ކަމަށާއި އެހެން ނަމަވެސް ހަގީގީ މަސައްކަތް އޮތީ ކުރިއަށް ކަމަށެވެ. އެގޮތުން އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާއެކު ދިމާވާނެ ހުރިހާ ހުރަސްތަކެއް ގިރާކުރުމަށާއި ގޮންޖެހުންތައް ނެތި ކޮށްލުމަށާއި އުނދަގޫތައް ފިލުވާލުމަށް މަސައްކަތްކުރުމުގެ ކުޅަދާނަކަމާއި ކެރުން ދިވެހިންގެ ކިބައިގައި ވާ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
"...މި ގާނޫނު އަސާސީއަށް ފުރާނަ ދީ، ދިރުން ދިނުން. ނިޒާމުތައް ފާސްކުރުން. ގާނޫނުތައް ހެދުން. އުސޫލުތައް ކަނޑައެޅުން. މީހުން ހަމަޖެއްސުން. މީހުން ބިނާކުރުން. ދިވެހިންނަކީ އެ ބައިމީހުންނަށް ދިމާވި ކޮންމެ ގޮން ޖެހުމަކާ ފިސާރި ކެރިގެން ކުރިމަތިލީ ބައެއް. ކުރިމަތިލާ ބައެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ހަތަރު ވަރަކަށް އަހަރު ވަންދެން ހިނގި ހޫނު ބަހުސްތަކަކަށް ފަހު ފާސްކުރި އާ ގާނޫނު އަސާސީ ތަސްދީގުކުރެއްވުމުގެ ތާރީހީ މުނާސަބަތުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، އެ ގާނޫނު އަސާސީން ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް ވެސް ބައްލަވާލެއްވި އެވެ. ރައީސް ވިދާޅުވީ އާ ގާނޫނު އަސާސީގެ ދަށުން ދިވެހިންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދޭނެ ކަމަށެވެ. އެގޮތުން ސިޔާސީ ހައްގުތަކާއި މަދަނީ ހައްގުތަކާއި އިގުތިސޯދީ ހައްގުތަކާއި އިޖުތިމާއީ ހައްގުތަކާއި ސަގާފީ ހައްގުތައް، ދުނިޔޭގެ މިންގަނޑުތަކާ އެއްގޮތަށް އެކަށައަޅައި ރައްކާތެރިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއިން ހައްގަކަށް ހަނިކުރުމެއް ގެނެވޭނެ ފުރުސަތު އޮންނާނީ ހަމައެކަނި ދުނިޔޭގެ ޑިމޮކްރެސީތަކުގައި އެކަން ކޮށްއުޅޭ މިންވަރަށް. ދައުލަތް ހިންގުމުގެ ތިންބާރު ކަމަށްވާ، ގާނޫނު ހެދުމުގެ ބާރާއި ސަރުކާރު ހިންގުމުގެ ބާރާއި ގާނޫނާ އެއްގޮތަށް ނިޔާ ކަނޑައެޅުމުގެ ބާރުގެ މެދުގައި އިންފާރުތައް ލެވި، އެއްބާރު އަނެއް ބާރާ ވަކިން އިންތިޒާމްކުރެވި، އެއް ބާރު އަނެއް ބާރުގެ މައްޗަށް ބިނާވެ އޮންނާނެ ގޮތް ތައާރަފު ކުރެވިގެންދާނެ. މިނިވަން މުއައްސަސާތަކާއި މަގާމުތައް އުފެދި، އެކިއެކި މުއައްސަސާތަކުގެ ދައުރު އެކަށައެޅި، ހަމައެކަނި އެއް މުއައްސަސާއަކުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް އޮތް ފުރުސަތު ނެތިގެންދާނެ. ދިވެހި ސަރުކާރު ހިންގަން ތިބޭ އެކި ފެންވަރުގެ މީހުން، އަބަދުމެ ރައްޔިތުންނަށް ޖަވާބުދާރީވެ، ޖަވާބުދާރީ ކުރުވޭނެ ގޮތްތައް އެކަށައެޅިގެންދާނެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުންގެ މައްޗަށް އެކަނި އެކުލެވިގެންވާ މަޖިލީހަކަށް ބަދަލުވުމަށް މަގުފަހިވެގެންދާނެ. އަދުލު އިންސާފުގެ ނިޒާމަކީ މިނިވަން، ހަމަހަމަ އުސޫލަކުން ހިންގާ، ރައްޔިތުންނަށް ސީދާ ޖަވާބުދާރީވާ، ގާނޫނުގެ ރައްކާތެރިކަން ލިބި، ހިމާޔަތްކުރެވިގެންވާ ބާރަކަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ގާނޫނު އަސާސީ ތަސްދީގުކުރުމުގެ އިހުތިފާލަކީ ވަކި މީހެއްގެ، ނުވަތަ ވަކި ބައެއްގެ ނުވަތަ ވަކި ޕާޓީއެއްގެ ކާމިޔާބީއެއް ނޫން ކަމަށާއި އެ އިހުތިފާލަކީ ދިވެހިންގެ މި ގައުމުގެ ކުރިއެރުމާއި މި ގައުމުގެ ކާމިޔާބީ ކަމަށެވެ.
"މިއަދު އަޅުގަނޑުގަނޑުމެން ގަބޫލުކުރަންވީ ހަގީގަތަކީ އިންސާނެއްގެ މިނިވަންކަމާއި ފުދުންތެރިކަމަކީ، ވަކި މީހެއްގެ ނުވަތަ ވަކި ސަރުކާރެއްގެ ނުވަތަ ވަކި ދައުލަތެއްގެ އޯގާތެރިކަމުން ލިބިދޭ ކަންކަމެއް ނޫން ކަމުގައި. އަދި ކީއްތޯ؟ ގަދަ ކީރިތި ވަންތަ މާތް ﷲ މިންވަރުފުޅާއި ރަހުމަތުން ލިބިދޭ މިނިވަންކަމާއި ފުރުސަތެއް ކަމުގައި. އަޅުގަނޑުމެންގެ މަސްއޫލިއްޔަތުތަކަށް މިއަދު ވާންވާނީ، އެ މިނިވަންކަމާއި ހައްގުތައް ހެޔޮގޮތުގައި ދިފާއުކޮށް، ރައްކާތެރިކޮށް، އޭގެ ހެޔޮ މަންފާ އާއި ފައިދާ ހަމަ ކޮންމެ ރައްޔިތަކަށް މެ، ހަމަހަމަކަމާއެކު ލިބޭނެ ގޮތް ހަދައިދިނުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ އެތެރޭގެ މައްސަލަތަކަށް އަޅުގަނޑުމެންގެ އެތެރެއިން ހައްލެއް ހޯދަން ޖެހިފައިވާ ކަމަށާއި ދުނިޔޭގެ ކަންކަމާ މެދު ވިސްނާ ފަދައިން ގައުމާ މެދު ވެސް ފިކުރުކުރަން ޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަޅުގަނޑުމެން އެކަކު އަނެކެއްގެ ކިބައިން އެއްޗެއް ދަސްވާނީ އެކަކު ދައްކާ ވާހަކަ އަނެކަކު އަޑުއަހައިގެން ކަމަށެވެ.
"އެކަކު އަނެކެއްގެ ކިބައިން ކަންކަން ދަސްކޮށް އެކަކު އަނެކެއްގެ އަޑުއަހައި، އެކަކު އަނެކަކަށް އިހުތިރާމްކޮށް، އެކަކު އަނެކެއްގެ އިހުސާސްތަކަށް ސަމާލުވެގެން ނޫނީ، ކިތަންމެ މޮޅު ގާނޫނު އަސާސީއެއް ހެދި ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ގައުމުގައި ފުރިހަމަ ޑިމޮކްރެސީއެއް ގާއިމް ނުވާނެކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ހާއްސަ ދަރުބާރުގައި ރައީސުލްޖުމްހޫރިއްޔާ އާ ގާނޫނު އަސާސީ ތަސްދީގު ކުރެއްވީ ގައުމާ މުހާތަބު ކުރެއްވުމަށް ފަހު ހެނދުނު 33: 10 ގަ އެވެ. މި ދަރުބާރުގައި ސަރުކާރުގެ ކުރިއަށް ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެމްބަރުންނާއި މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެން އުފާފާޅުކޮށް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް މަރުހަބާ ވިދާޅުވަމުން ގެންދެވި އެވެ. މި ރަސްމީޔާތު ހިންގަމުންދިޔައިރު ދަރުބާރުގެ ވަށައިގެންވާ ސަރަހައްދު ވަނީ ހަތިޔާރު އެޅި ސިފައިންގެ ފުރިހަމަ ބެލުމުގެ ދަށުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ