ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު އިބްރާހިމް އިސްމާއިލް (އިބްރާ) ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ވާހަކަތަކެއް ދައްކަވާފައިވާތީ އޭނާ އަށް ފިޔަވަޅު އަޅައިދިނުމަށް ސުޕްރީމް ކޯޓުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދެފި އެވެ.
އިބްރާ އަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާކަން ޕީޖީ އޮފީހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުން އެގޮތަށް އެދިފައި ވަނީ އާދިއްތަ ދުވަހު އެ އޮފީހަށް ފޮނުވި ލިޔުމެއްގައި ކަމަށެވެ. އަދި އެ ލިޔުމުގައި ބުނެފައި ވަނީ އިބްރާ ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެ އިބްރާ ވާހަކަ ދައްކަވާފައި ވަނީ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި މިދިޔަ ސެޕްޓެމްބަރު 29 ގަ އެވެ. އެ ޖަލްސާގައި އިބްރާ ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ ނިންމުންތަކާ ދެކޮޅަށް ވާހަކަ ދެއްކުމުން އެކަމާ ދެކޮޅަށް ސުޕްރީމް ކޯޓުން ނުކުތަސް މޭނުކަރާނެ ކަމަށެވެ.
އޭގެ ކުރިން ސެޕްޓެމްބަރު 2 ގައި ކ. ތުލުސްދޫގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވެފައި ވަނީ ފަނޑިޔާރުން ހުކުމްކުރައްވަމުން ގެންދަވަނީ ހިތުހުރި ގޮތަކަށް ކަމަށާއި އެ ބޭފުޅުން މައިތިރިކުރެވޭނީ ރައްޔިތުން ނުކުމެގެން ކަމަށެވެ.
ތުލުސްދޫގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އިބްރާ އަށް ރައްދު ދީ ސުޕްރީމް ކޯޓުން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. ސެޕްޓެމްބަރު 5 ގައި ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިބްރާ ދެއްކެވި ވާހަކަތަކަކީ ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓުމަށް މަގުފަހިކޮށްދޭ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ކޯޓުތަކާއި ފަނޑިޔާރުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައިސިއްޔަތާއި ގަދަރަށް އިހާނާތްތެރިކަން ރައްދުވާ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ބަޔާނާ ގުޅިގެން އިބްރާ ވަނީ ސުޕްރީމް ކޯޓާ ދެކޮޅަށް އަބުރުގެ ދައުވާއެއް ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަނެ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރުމުން އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް ވަނީ އަންގައިފަ އެވެ.
ސިވިލް ކޯޓުން ބުނީ ސުޕްރީމް ކޯޓުން އެ ކޯޓަށް އަމުރުކޮށްފައި ވަނީ އިބްރާ ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ ހުރިހާ ޑޮކިއުމެންޓުތަކެއް ސުޕްރީމް ކޯޓަށް ފޮނުވުމަށް ވެސް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ބުނެ އެވެ.
އިބްރާއަށް ފިޔަވަޅު އަޅައިދިނުމަށް ސުޕްރީމް ކޯޓުން ޕީޖީ އޮފީހުގައި އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ