މިދިޔަ ބުދަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 ޕަސެންޓަށް ވުރެ ގިނައިން ލިބިވަޑައިނުގަތުމުން އިންތިހާބުގެ ދެވަނަ ބުރު މި މަހު 29 ގައި ކުރިއަށް ގެންދާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ހަ ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބުގެ ރަސްމީ ނަތީޖާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިއުލާން ކުރެއްވުމަށް ފަހު، އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު އިބްރާހީމް ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އޮކްޓޯބަރު 29 ވާ ބުދަ ދުވަހުގެ ހެނދުނު 00: 9 އިން ރޭގަނޑު 00: 8 އަށް ކަމަށެވެ.
ވާދަވެރި މި އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އެވެ.
ފުރަތަމަ ބުރުން ކުރި ހޯއްދެވި މައުމޫނަށް ލިބިވަޑައިގެންފައި ވަނީ 71،731 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 40.63 ޕަސެންޓެވެ. އަންނިއަށް ލިބިވަޑައިގަތީ 44،293 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 25.09 ޕަސެންޓެވެ. ފުރަތަމަ ބުރުން ތިންވަނަ ލިބިވަޑައިގެންނެވީ އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދަށެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 29،633 ވޯޓެވެ. އެއީ 16.78 ޕަސެންޓެވެ. ހަތަރުވަނަ ލިބިވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ވޯޓު ދީފައި ވަނީ 27،056 މީހުންނެވެ. އެއީ 15.32 ޕަސެންޓެވެ. އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރަށް ލިބިވަޑައިގެންނެވީ 2،472 ވޯޓެވެ. އެއީ 1.40 ޕަސެންޓެވެ. އިންތިހާބުގައި އެންމެ ފުލަށް ވަޑައިގެންނެވި އެސްއެލްޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް އިސްމާއީލް (އިބުރާ) އަށް ވޯޓު ދީފައި ވަނީ 1،382 މީހުންނެވެ. އެއީ 0.78 ޕަސެންޓެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ގޮތުގައި މި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، ވޯޓުލުމަށް ޝަރުތު ހަމަވާ 208،252 މީހުންގެ ތެރެއިން 177،802 މީހުން ވޯޓު ދީފައިވެ އެވެ. އެހެންކަމުން މި އިންތިހާބުގައި 85 ޕަސެންޓް މީހުން ވޯޓުލައި ވަނީ ރިކޯޑެއް ގާއިމް ކޮށްފަ އެވެ. މީގެ ކުރިން ރާއްޖޭގައި ބޭއްވި އެއްވެސް އިންތިހާބެއްގައި އެހާ ގިނަ އަދަދަކަށް މީހުން ވޯޓުލާފައިވާ ކަމަކަށް ރެކޯޑްތަކުން ނުދައްކަ އެވެ.
ސިޔާސީ ޕާޓީތައް ވާދަކުރި ފުރަތަމަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިއުލާން ކުރެއްވުމަށް ފަހު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފުރަތަމަ ބުރުގައި ރަޖިސްޓްރީގައި ދިމާވި މައްސަލަތައް ހައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ފުރަތަމަ ބުރުގެ ތަޖުރިބާތަކަށް ބެލުމަށް ފަހު ދެވަނަ ބުރުގެ ވޯޓުލުމުގެ އިންތިޒާމްތައް ރަނގަޅު ކުރައްވަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން އިންތިޒާމްތައް ރަނގަޅުކުރާނަން. ތިޔަ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މި ކޮމިޝަނާ ހަވާލުވީ 4 ސެޕްޓެމްބަރުގައި އެހެން ނޫންތޯ؟ އެހެންވީމަ އެ ލިބުނު ވަގުތުކޮޅު ތެރޭގައި އަޅުގަނޑުމެންނަށް ރާއްޖެތެރޭގެ ނުވަތަ އެހެން ތަންތަނަށް ގޮސް އަމިއްލަ ގޮތުން އެ ތަންތަން ދެނެގަނެގެން ޑިސިޝަން ނަގާކަށް ފުރުސަތެއް ނުލިބުނު. އެކަމަކު މިއަދު އަޅުގަނޑުމެން މިއޮތީ އެ ޑިސިޝަން ނަގާފައި. އަޅުގަނޑުމެން އެ ތަންތަނަށް ދާނަމޭ، އެ ތަންތަން ބަލާނަމޭ، ރޭގައި ދިމާވި ކަހަލަ ކަންތައްތައް ދިމާނުވާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން އަރުވަން،" މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނުގައި 10 ދުވަހުގެ ތެރޭގައި ދެވަނަ ބުރު ބާއްވަން ބުނެފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ދެވަނަ ބުރު ނުބާއްވަނީ ކީއްވެތޯ ދެންނެވުމުން ކޮމިޝަނުގެ ރައީސް ވިދާޅުވީ ރައްޔިތުންނަށް ވީހާ ވެސް ގިނަ މުއްދަތެއް ދޭން ގާނޫނު އަސާސީން އިހުތިޔާރު ދޭ ކަމަށް ގަބޫލު ކުރެއްވޭތީ އެގޮތަށް ނިންމެވީ ކަމަށެވެ. ގާނޫނު އަސާސީގައި ބުނެފައިވަނީ ދެވަނަ ބުރުގެ އިންތިހާބު ބާއްވަން ޖެހޭނީ ފުރަތަމަ ބުރުގެ އިންތިހާބު ބާއްވާތާ 21 ދުވަހުގެ ތެރޭގަ އެވެ.
" 21 ދުވަހަށް ވުރެ ކުރީގައި އެ ބޭއްވުމުގެ މަސައްކަތް (އިންތިހާބުގެ ދެވަނަ ބުރު) އެހެން ބަޔަކަށް ކުރެވޭ ނަމަ އެ ބަޔަކު އައިސް ކުރަންވީ. އަޅުގަނޑުމެންނަށް އެއަށް ވުރެ ކުރިއަކުން ނުކުރެވޭނެ،" ކޮމިޝަނުގެ މެމްބަރު އަލީ ފާއިޒް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު 2008: އިންތިހާބުގެ ދެވަނަ ބުރު މި މަހު 29 ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ