ސްކޫލް ފެށުނުއިރު ފޮތްތައް ނުލިބުމަކީ ކަންބޮޑުވާ ކަމެއް: ޑީއާރުޕީ

ދިރާސީ އަހަރުގެ ކިޔެވުން އިއްޔެ ފެށުނުއިރު، ކިޔަވާ ކުދިންނަށް ފޮތްތައް ނުލިބުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ޑީއާރުޕީން އިއްޔެ ބުނެފި އެވެ.
ޑީއާރުޕީ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޕާޓީގެ ކައުންސިލް މެމްބަރު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެއްވެސް ސްކޫލެއްގައި ފޮތްތައް ހަމަވިކަމެއް ޔަގީން ނުވާ ކަމަށާއި ސްކޫލްތަކަށް، ފޮތްތައް ހަމަވާނެ ދުވަހެއް ބެލެނިވެރިންނަށް ވެސް އަދި ސާފުވެފައި ނެތް ކަމަށެވެ. އަތޮޅުތަކުގެ ގިނަ ސްކޫލްތަކަށް ފޮތްތައް ނުލިބިގެން އެ ޕާޓީ އަށް ވެސް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި އައްޑު އަތޮޅާއި ނ. މަނަދު އާއި ތ. މަޑިފުށި ފަދަ ބައެއް ރަށްތައް ހިމެނޭ ކަމަށް ޑީއާރުޕީން ބުނެ އެވެ.
"އަޅުގަނޑުމެން އެދެން ވީހާވެސް އަވަހަކަށް ދަރިވަރުންނަށް ފޮތްތައް ލިބޭނެ ގޮތެއް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިދެއްވުމަށް. އެއީ ކޮންމެ ގޮތެއްވިއަސް ސްކޫލް ކުދިންނަށް ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ ޒިންމާއެއް،" ރޮޒައިނާ ވިދާޅުވި އެވެ.
ފޮތްތައް ހަމައަށް ފޯރުކޮށްނުދެވޭ ނަމަ ބުކްޝޮޕްތަކުން ވެސް ފޮތްތައް ގަތުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ކިޔެވުން ފެށުނުއިރު އެހެން އަހަރުތަކާ ހިލާފަށް ފޮތް ފިހާރަތަކުގެ ބަދަލުގައި މި އަހަރު ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ހަވާލުކޮށްފައި ވަނީ ސްކޫލްތަކާ އެވެ.
އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ޑރ. ނަޒީރު އިއްޔެ ވިދާޅުވި ގޮތުގައި ޓެކްސްޓް ފޮތްތައް ޖުމްލަކޮށް ހުރިހާ ސްކޫލްތަކަށް މިހާރު ވާނީ ފޯރުކޮށްދީފަ އެވެ. ނަމަވެސް ބައެއް ފޮތްތައް އިއްޔެ ހުރިހާ ކުދިންގެ އަތަށް ނުލިބި ހުރެދާނެކަން ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަށްރަށުގެ ސްކޫލްތަކުގެ ބައެއް ފޮތްތައް އިއްޔެ ވެސް ފޮނުވާފައިވާ ކަމަށާއި ފޮތްތައް ހަމައަށް ނުލިބު ނަމަވެސް އާދައިގެމަތިން ފިލާވަޅުތައް ނަގައި ކްލާސްތައް ހިނގާނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ