ގަމުގެ ވައިގެ ބަނދަރަށް ޝައުގުވެރިވާ ތިން ކުންފުންޏަކުން އެއާޕޯޓް ބަލައިފި

ސ. ގަމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ވިޔަފާރި އުސޫލުން ހިންގާނެ ބަޔަކު ހޯދުމަށް ސަރުކާރުން އިއުލާންކޮށްފައިވާ އިރު އެ އެއާޕޯޓް ހިންގަން މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ތިން ކުންފުންޏަކުން ގަމަށް ޒިޔާރަތްކޮށް އެއާޕޯޓް ބަލައިފައިވާ ކަމަށް ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދުދީދީ ވިދާޅުވީ ރާއްޖޭގެ ދެވަނަ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ޔޫރަޕުގެ ދެ ގައުމެއްގެ ދެ ކުންފުންޏަކުންނާއި ބަހުރެއިންގެ ކުންފުންޏަކުން ގަމަށް ޒިޔާރަތްކޮށް އެއާޕޯޓް ބަލައިފައި ވަނީ މިދިޔަ މަހާއި މި މަހުގެ ކުރީކޮޅު ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިތަކުގެ އިސް އޮފިޝަލުންތަކެއް ގަމުގެ ވައިގެ ބަނދަރު ބެލުމަށް ކުރި ދަތުރުގައި އެއާޕޯޓްގައި ހުރި ވަސީލަތްތަކާއި އެތަނުގެ އިންފްރާސްޓްރަކްޗާތައް ބަލައިފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ކުންފުނިތަކުގެ ދަތުރާ ބެހޭ ގޮތުން މާބޮޑު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
މުހައްމަދުދީދީ ވިދާޅުވީ ގަމުގެ ވައިގެ ބަނދަރު ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހިންގަމުން އަންނަނީ ރައީސުލްޖުމްހުރިއްޔާ މިދިޔަ ޖޫން މަހުގެ ތެރޭގައި އުފެއްދެވި ގަން އެއާޕޯޓް ކޮމްޕެނީގެ ދަށުން ކަމަށް ވެސް ވިޔަސް، އެއާޕޯޓް
ޕްރައިވެޓައިޒް ކުރުމާ ގުޅޭ ހުރިހާ ކަމެއް ކުރަމުން ގެންދަނީ އިންވެސްޓް މޯލްޑިވްސްގެ ފަރާތުން ކަމަށެވެ.
"އެއާޕޯޓް މި ކުންފުނީގެ ދަށުން ހިންގަމުން ދިޔަ ކަމަށް ވިޔަސް މިތަން ޕްރައިވެޓައިޒް ކުރުމުގެ އެންމެހާ ކަމެއް ކުރިއަށް ގެންދަނީ އިންވެސްޓް މޯލްޑިވްސްގެ ފަރާތުން،" ގަން އެއާޕޯޓް ކޮމްޕެނީ ހިންގުމަށް ރައީސް އެކުލަވާލެއްވި ބޯޑުގެ އެމްޑީ
ވިދާޅުވި އެވެ. "އެހެންނަމަވެސް އެއާޕޯޓްގެ ކަންތައްތަކާ ގުޅޭ ގޮތުން ކުންފުނީގެ ފަރާތުން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން މި އަންނަނީ. އަޅުގަނޑުމެން އުންމީދު ކުރަނީ މި އެއާޕޯޓް ހިންގާނެ ބަޔަކާ ކުރިއަށް އޮތް ހަ މަހެއްހާ ދުވަހުގެތެރޭގައި ހަވާލު ކުރެވޭނެ ކަމަށް."
މިދިޔަ އަހަރުގެ އޮގަސްޓް މަހު ޕްރައިވެޓައިޒޭޝަން ކޮމިޓީގެ ޗެއާމަން މަހުމޫދު ރާޒީ ވިދާޅުވެފައި ވަނީ ގަމުގެ ވައިގެ ބަނދަރު ވިޔަފާރި އުސޫލުން ހިންގާނެ ބަޔަކު ހޯދުމަށް އިއުލާން ކުރުމާ ގުޅިގެން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ބަހުރެއިންގެ
އެޑެކްސް ކިޔާ ކުންފުންޏަކުންނާއި އިންޑިޔާގެ ޖީއެމްއާރް ކުންފުނިން ކަމަށެވެ.
އެހެންނަމަވެސް މުހައްމަދުދީދީ ވިދާޅުވީ އެ އެއާޕޯޓް ހިންގަން ޝައުގުވެރިވާ ފަރާތްތަކުގެ ތެރޭގައި މިހާރު އިންޑިޔާގެ ކުންފުނި ނުހިމެނޭ ކަމަށެވެ. އަދި މިހާރު އޭގެތެރޭގައި ހިމެނެނީ ބަހުރެއިންގެ ކުންފުންޏަކާއި ޔޫރަޕުގެ ދެ ގައުމެއްގެ ދެ
ކުންފުނި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އެއީ ކޮން ކުންފުނިތަކެއް ކަމަށް އޭނާ ވިދާޅެއް ނުވެ އެވެ.
އިންވެސްޓް މޯލްޑިވްސް އިން މި މަހުގެ 11 ވަނަ ދުވަހު އެ ކުންފުނީގެ ވެބް ސައިޓްގައި އާންމުކޮށްފައިވާ ރިކްއެސްޓް ފޯ ޕްރޮޕޯސަލް ޑޮކިއުމެންޓުގައި ބުނެފައިވާ ގޮތުގައި ގަމުގެ ވައިގެ ބަނދަރު ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ