ކުޑަކުދިންގެ ހިޔަލުގެ މުވައްޒަފަކު ކުއްޖެއްގެ ގައިގައި ޖެހި މައްސަލައެއް ބަލަނީ

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔަލުން ބަލަމުން ގެންދާ ކުއްޖެއްގެ ގައިގައި އެ ތަނުގެ މުވައްޒަފަކު ޖެހި މައްސަލައެއް ބަލަމުންދާ ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސް އިން ބުނެފި އެވެ.
ހެލްތު އެންޑް ފެމިލީ މިނިސްޓަރުގެ ނާއިބު މާރިއާ އަލީ ބުރާސްފަތި ދުވަހު ވިދާޅުވީ ކުޑަކުދިންގެ ހިޔަލުގެ މުވައްޒަފަކު އެ ތަނުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ ގައިގައި ޖެހި ކަމުގެ މައުލޫމާތު އެ މިނިސްޓްރީ އަށް ލިބުމުން އެ މައްސަލަ ހުށައެޅީ ސިވިލް ސާވިސް ކޮމިޝަނަށް ކަމަށެވެ.
"އެ މައްސަލައިގައި ސްޓޭޓްމެންޓް ނަގާފައި ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވާފައި ވާނީ،" ހަވީރުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިއާ ވިދާޅުވި އެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސްގެ ޑިރެކްޓަރު ފާތުމަތު ޔުމްނާ ވިދާޅުވީ ކުޑަކުދިންގެ ހިޔަލުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ ގައިގައި އެ ތަނުގެ މުވައްޒަފަކު ޖެހި މައްސަލައެއް ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވީ މިދިޔަ މަހު ކަމަށެވެ. އެ ކުއްޖާގެ ގައިގައި ޖެހީ ކޮންއިރަކު ކަމެއް ޔުމްނާ ވިދާޅެއް ނުވެ އެވެ. އެކަމަކު އޭނާ ވިދާޅުވީ ޖެހި ކުއްޖާ އަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
"އެ ކުއްޖާ އަށް އަނިޔާއެއް ނުލިބޭ. ތަނެއް ހަލާކުވެ އެކަހަލަ ކަންތައްތަކެއް ނުވޭ،" ޔުމްނާ ވިދާޅުވި އެވެ. "[އެކަމަކު] އެތާ ގެންގުޅެނީ ކޮންމެވެސް އަނިޔާއެއް ލިބިފައިވާ ކުދިން. އެހެން ވީމާ އެކަހަލަ ކުއްޖަކަށް މިސާލަކަށް ހަރުކަށިކޮށް ބަހެއް ބުންޏަސް، ކޮއްޕާލިޔަސް އެއީ ކުށަކަށް ވާނީ."
ޔުމްނާ ވިދާޅުވީ އެ މައްސަލަ ސިވިލް ސާވިސް ކޮމިޝަނަށް ހުށައެޅީ އިދާރީގޮތުން ފިޔަވަޅު އެޅޭނެ ފަރާތަކީ އެ ކޮމިޝަން ކަމަށް ވާތީ ކަމަށެވެ.
"ވަޒީފާގެ ގާނޫނުގައި އޮންނަ ގޮތުން ޓަސް ލާފައި ވަޒީފާއިން ވަތްކެއް ނުކުރެވޭނެ. ވަކި މުއްދަތެއް ވަންދެން އޭނާ އަށް ނޯޓިސް ދީ، ނޫނިއްޔާ އެކަހަލަ ކަންތައް ކުރަން ޖެހޭތާ؟" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ބަލާފައި ސިވިލް ސާވިސް [ކޮމިޝަން] އަށް ހުށަހެޅީމަ ސިވިލް ސާވިސްއިން އެދިފައި އޮތީ ސްޓޭޓްމެންޓެއް އެ ކޮޅަށް ފޮނުވައި ދޭށޭ. އެހެން ވީމާ އެ ކަންތައް ކޮށްފައި މިހާރު އޮތީ."
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ކުޑަކުދިންގެ ހިޔަލުގެ މުވައްޒަފަކު އެތަނުގެ ބެލުމުގެ ދަށުގައިވާ ކުއްޖެއްގެ ގައިގައި ޖެހި މައްސަލައެއް އެ ކޮމިޝަނުން ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް ފަހުމީ ވިދާޅުވީ މިއަދަކީ ބަންދު ދުވަހަކަށް ވުމުން އެ މައްސަލަ އޮތް ހިސާބެއް މިއަދު ސާފުވާން ނެތް ކަމަށެވެ.
އަޅާލާނެ ބަޔަކު ނެތިގެން، ނިކަމެތިވެ ހާލުގައި ޖެހިފައިވާ ކުދިން ބެލުމަށް މީގެ ތިން އަހަރު ކުރިން، 2006 ވަނަ އަހަރުގެ މޭ މަހު ސަރުކާރުން ހުޅުވި ކުޑަކުދިންގެ ހިޔާ ހިންގުމުގެ ގަވާއިދެއް މިހާރު ހަދާފައިވާ ކަމަށާއި މި ފެށޭ ހަފްތާގެ ތެރޭގައި އެ ގަވާއިދަށް އަމަލުކުރަން ފަށާނެ ކަމަށް ހެލްތު އެންޑް ފެމިލީ މިނިސްޓްރީން މިދިޔަ ހަފްތާގައި ބުނެފައިވެ އެވެ. އެ މިނިސްޓްރީގެ ނިއުސް ކޮންފަރެންސެއްގައި ޕާމަނެންޓް ސެކްރެޓަރީ މަޒީނާ ޖަމީލް ވިދާޅުވީ ކުދިން ބެލުމުގައި ކުޑަކުދިންގެ ހިޔަލުގެ މުވައްޒަފުން އަމަލު ކުރަން ޖެހޭނެ ގޮތްތައް އެ ގަވާއިދުގައި ކަނޑައަޅާފައި ވާނެ ކަމަށެވެ. އަދި މުވައްޒަފަކު އިހުމާލު ވެއްޖެ ނަމަ އެކަން ތަހުގިގުކުރަން އެ ގަވާއިދު އެހީވެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭރުން ވާނެ ގޮތަކީ މަރުކަޒެއްގައި ހުރި އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިއްޖެ ކަމަށް ވެއްޖެއްޔާ އެކަމެއް ތަހުގީގު ކުރަން ފަސޭހަ ވާނެ،" އަންގާރަ ދުވަހު ފަންސަވީހުގައި ވާހަކަ ދައްކަވަމުން މަޒީނާ ވިދާޅުވި އެވެ. "ސަބަބަކީ އެއިން އެނގޭނެ އެ ގަވާއިދާ އެއްގޮތަށް ކަންތައް ކޮށްފައި ވަނިކޮށްތޯ އެކަމެއް ދިމާވީ. ނޫނީ އެ ކަމެއް ދިމާވާން މެދުވެރިވީ އެ ގަވާއިދާ ޚިލާފު ވެގެންތޯ ނޫނީ އެ ގަވާއިދަށް ދޭންވާ ވަރަށް ސަމާލުކަން ނުދެވިގެންތޯ. ހަމައެހެންމެ ޚިދުމަތް ދޭން ޖެހޭ ފަރާތްތަކަށް އެނގިގެން ދާނެ ކޮން ފެންވަރަކަށް ކަން ތިމަންނަމެން ޚިދުމަތް ދޭން މި ޖެހެނީ. ކުދިންނަށް އަޅާލާން ޖެހެނީ ކޮން ފެންވަރަކަށް ކިހާ މިންވަރަކަށްތޯ."
ކުޑަކުދިންގެ ހިޔަލުގައި މުވައްޒަފުން މަދުވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އަދި ޗައިލް އެންޑް ފެމިލީ މަރުކަޒުތަކަށް ފަންނީ މީހުން ލިބުން ދަތިވެފައިވާ އިރު އެ ތަންތަނަށް ބޭނުންވާ މީހުން ތަމްރީން ކުރެވެން ނެތް ކަން ވެސް އެ މިނިސްޓްރީން މިދިޔަ ހަފްތާގައި ފާހަގަ ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ