މައުމޫނުގެ އަބުރާ ބެހުނު މައްސަލަ: އަފީފުގެ މައްޗަށް ޖިނާއީ ދައުވާކުރައްވަން މައުމޫން ނިންމަވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމުގެ އަބުރާ ބެހުނުކަން، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ތ. މެމްބަރު އަދި މިހާރު ރައީސް އޮފީހުގެ އެޑްވައިޒަ އޮން ޕޮލިޓިކަލް އެފެއާޒްގެ މަގާމުގައި ހުންނެވި ހަސަން އަފީފުގެ މައްޗަށް ސާބިތުވުމާ ގުޅިގެން، އޭނާގެ މައްޗަށް ޖިނާއީ ދައުވާކުރައްވަން މައުމޫން ނިންމަވައިފި އެވެ.
ރޭ ހަވީރަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ ރާއްޖޭގެ ގާނޫނުގައި އަދިވެސް އޮތީ އަބުރާ ބެހުމަކީ ޖިނާއީ ކުށެއްކަމަށް ވާތީ، އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ލަފާގެ މަތިން އަފީފުގެ މައްޗަށް ޖިނާއީ ދައުވާކުރައްވަން ނިންމެވީ ކަމަށެވެ.
"މަދަނީ ކޯޓުން މި ނިންމި ނިންމުމަކީ ވަރަށް ސާބިތު ހެއްކެއް. މިކަން ދާންޖެހެނީ ފުރަތަމަ ފުލުސް އޮފީހުން ތަހުގީގުކޮށްގެން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ގޮސްގެން. ޖިނާއީ ކުށްތަކުގެ ދައުވާކުރައްވާނީ ދައުލަތުގެ ފަރާތުން. މިފަދަ ދައުވާތައް ]ރާއްޖޭގައި[ މިހާރު ވެސް ހިނގަމުން އެބަދޭ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ކުރީގެ ރައީސް ހަސަން އަފީފުގެ މައްޗަށް ޖިނާއީ ދައުވާކުރެއްވުން، ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދަވަން ގަސްދުކުރައްވާ ކަމަށެވެ.
މަދަނީ ކޯޓުން ނިންމާފައިވަނީ، ސުނާމީއާ ގުޅިގެން ބޭރުގެ އެކި ގައުމުތަކުން ރާއްޖެ އަށް ދިން 80 މިލިއަން ޑޮލަރަށް މައުމޫން ހިޔާނާތްތެރިވެފައިވާ ކަމަށް އަފީފު ވިދާޅުވެފައިވުމުގެ އިތުރުން، ގަތަރު އަމީރު ދެއްވި 40 މިލިއަން ޑޮލަރު ވީނުވީއެއް ނޭނގުނު ކަމަށް އެމްޑީޕީގެ ޖަލްސާއެއްގައި ސެޕްޓެމްބަރު ،19 2008 ގައި އަފީފް ވިދާޅުވެފައިވާކަން ހުށަހެޅި ހެކިން ސާފުކޮށް އެނގޭ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތްކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ޝަރީއަތުގެ މަޖިލީހަށް އަފީފު ހުށަހަޅުއްވާފައިނުވާ ކަމަށް މަދަނީ ކޯޓުގެ ގާޒީ ވިދާޅުވެފައިވެ އެވެ. އަބުރާ ބެހުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން އަފީފް 30 ދުވަހުގެ ތެރޭގައި 4،500ރ. މައުމޫނަށް ދައްކަވަންޖެހެ އެވެ. އޭގެ އިތުރުން އަބުރާ ބެހުމުގެ ސަބަބުން މައުމޫނަށް ލިބޭ ގެއްލުމުގެ ބަދަލު ވެސް އަފީފް ދައްކަވަންޖެހޭނެ ކަމަށް މަދަނީ ކޯޓުން ނިންމާފައިވެ އެވެ.
މައުމޫން ރޭ ވިދާޅުވީ އަބުރާ ބެހިގެން ލިބޭ ގެއްލުން ވަޒަންކުރުމަކީ ވަރަށް ދަތިކަމެއް ކަމަށާއި އެކަމާ މެދު އަދި ގޮތަކަށް ނުނިންމަވާ ކަމަށެވެ.
"އަޅުގަނޑަށް 4،500ރ. ލިބޭ ގޮތަށް އަފީފުގެ މައްޗަށް ޖޫރިމަނާއެއް މި ކުރެއްވީ. އަޅުގަނޑު މި އުޅެނީ އެ ފައިސާގެ ބޭނުމެއްގައެއް ނޫން. އެ ފައިސާ އަޅުގަނޑު އިރާދަކުރެއްވިއްޔާ ލިބުނުހާ އަވަހަކަށް ކޮންމެވެސް ކަހަލަ ޗެރިޓީއަކަށް އަޅުގަނޑު ހަދިޔާކުރާނަން. އަޅުގަނޑު ބޭނުމެއް ނޫން އެ ފައިސާއެއް،" މައުމޫން ވިދާޅުވި އެވެ. "ނަމަވެސް މި ކަމުގައި މިއަށްވުރެ މާ ބޮޑު ޑެމޭޖަސް އެބަހުރި. އެކަމާ ވިސްނާފައި އަޅުގަނޑު ގޮތެއް ނިންމާނީ."
މައުމޫން ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައި އަފީފު ކަނޑައެޅިގެން ބޮޑު އިތުރުފުޅެއް ހެއްދެވި ކަމަށް ޝަރީއަތަށް ސާބިތުވުމުން، ދެން މަގާމުގައި ހުންނެވުމުގެ ހައިސިއްޔަތެއް އަފީފަށް ނޯންނާނެ ކަމަށެވެ.
" 80 މިލިއަން ޑޮލަރު އަޅުގަނޑުގެ އަމިއްލަ އެކައުންޓުގައި ހުއްޓޭ ކިޔާފައި ވިދާޅުވީ. އޭގެ ސަބަބުން ބައިވަރު ނުބައިތައް އުފެދުނީ. އިންތިހާބުން ]ރިޔާސީ އިންތިހާބު[ ނާކާމިޔާބުވުމުގެ އެއް ސަބަބަކަށް އެ ސަބަބު ވެސް ވާނެ. މި ހުރިހާ ދޮގު ވާހަކަތައް ފެތުރީ. އެ ވަރުގެ ދޮގެއް ރައްޔިތުންގެ ކުރިމަތީގައި ހަދާފައި ހުރި މީހަކު ސަރުކާރުގެ މަތީ މަގާމެއް ފުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވެގެންވާނެ ކަމެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތުގައިވާ ގޮތުން އަބުރާ ބެހުމުގެ ކުށުގެ އަދަބަކީ، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ނުވަތަ 3،000ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ