ހަވީރު ސްޕޯޓްސް އެވޯޑްސް : ރާއްޖޭގެ ކުޅިވަރުގެ މިދިއަ އަހަރުގެ ގަދަ ތަރިން މިރޭ އެނގޭނެ

ހަވީރުގެ ސްޕޯޓްސް އެވޯޑްސްގައި ހިމެނޭ ހަތަރު ކުޅިވަރުގެ 16 މުބާރާތް މިދިއަ އަހަރު ބޭއްވި އިރު އެ މުބާރާތްތަކުގެ އެންމެ އަލިގަދަ ތަރިންތައް މިރޭ ދަރުބާރުގޭގައި ހަވީރު ސްޕޯޓްސް އެވޯޑްސްގެ ތެރެއިން އެނގޭނެ އެވެ. ރާއްޖޭގެ ކުޅިވަރުގައި އެންމެ ގިނަ އެވޯޑް އެއް ސްޓޭޖެއްގައި ދޭ މި ހަފުލާގައި ހަތަރު ކުޅިވަރަކުން ޖުމްލަ 11 އެވޯޑް 11 ކުޅުންތެރިޔަކަށް ލިބޭނެ އެވެ.
ހަވީރު ސްޕޯޓްސް އެވޯޑްސް 2009 ގެ ނިންމުން ދަރުބާރުގޭގައި އޮންނަ އިރު މިފަހަރުގެ ޝޯ ވެސް ވަރަށް ހާއްސަ ވާނެ ކަމަށް ސްޕޯޓްސް އެވޯޑްސް އޮގަނައިޒިން ކޮމިޓީގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިފަހަރު އަސްލު ވަރަށް ބޮޑަށް ރާވައިގެން މިގެންދަނީ. ހާއްސަކޮށް ޓީވީއެމުން އަޅުގަނޑުމެންނަށް މިފަހަރު ލިބުނު އެހީތެރިކަމުގެ ސަބަބުން މި އެވޯޑްގެ މަޝްހޫރުކަން ބޮޑުވި،" އޮފިޝަލް ވިދާޅުވި އެވެ. "ޝޯގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އިންތިޒާމްކުރެވޭތޯ ހަވީރުން މިދަނީ މަސައްކަތްކުރަމުން. ވަރަށް ބޮޑަށް އުއްމީދުކުރަން މިފަހަރުގެ އެވޯޑް ނައިޓް ވެސް ވަރަށް ކާމިޔާބު ރެއަކަށް ހެދޭނެ ކަމަށް."
ހަވީރު ސްޕޯޓްސް އެވޯޑްސްގައި ނެޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި ވޮލީބޯޅައިގެ އަންހެން ފިރިހެން އަދި ބާސްކެޓްބޯޅައިގެ އަންހެން ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާ އާއި ފުޓްބޯޅައިގެ އެންމެ މޮޅު އަދި ދެ ވަނަ އާއި ތިން ވަނަ ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ރެފްރީ އާއި އެންމެ މޮޅު ކޯޗު ހޮވުން ހިމެނެ އެވެ. މިހުރިހާ އެވޯޑްތަކަކަށް ފައިސާގެ އިނާމުގެ ގޮތުން ދޮޅު ލައްކަ ރުފިޔާ ވަރު ހަވީރުން ހޭދަ ކުރެ އެވެ.
ހަވީރުގެ އޮފިޝަލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކުޅިވަރުގެ އެންމެ ބޮޑު އެވޯޑް ހަފުލާ މިހާ ކާމިޔާބުކަމާ އެކު ބޭއްވުމުގެ މައިގަނޑު ސިއްރަކީ މިފަހަރުގެ ތިން ޕާޓްނަރުން ކަމަށްވާ ދިރާގާއި ސިމްޑީ އަދި މޯލްޑިވިއަން އެވެ. މި ތިން ކުންފުނިން ވަނީ ސްޕޯޓްސް އެވޯޑްސް ކުރިއަށް ގެންދިއުމަށް ހަވީރަށް ބޮޑު އެހީތެރިކަމެއް ދީފަ އެވެ. އޭގެ އިތުރުން ސްޕޯޓްސް އެވޯޑްސް ހާސިލްކުރާ ފަރާތްތަކަށް ތަފާތު އެހެން ގޮތްގޮތުން ސޮނީ ސްޕޯޓްސް އާއި ޔޫރޯ މާކެޓިން އަދި ހެޕީ މާކެޓުން އެހީވެ އެވެ. މި ކުންފުނިތަކުން 3،000 ރުފިޔާ އާއި 5،000 ރުފިޔާގެ ވައުޗާ ހަވީރު ސްޕޯޓްސް ތަރިންނަށް ފޯރުކޮށްދެ އެވެ. އޭގެ އިތުރުން ހެޕީ މާކެޓުން ވަނީ އެ ކުންފުނީގެ ދަށުން ހިންގާ ރިސޯޓެއް ކަމަށްވާ ތުޅާގިރި އައިލެންޑް ރިސޯޓްގައި ހަވީރު ސްޕޯޓްސް އެވޯޑްސް ހާސިލްކުރާ ކޮންމެ ތަރިއަކަށާއި އެމީހުންގެ އާއިލާ އަށް ދެ ދުވަހުގެ ދަތުރެއް ދީފަ އެވެ.
"ހަވީރު ސްޕޯޓްސް އެވޯޑްސްގެ ދިރުމަކީ ޕާޓްނަރުންނާއި ކޯ ސްޕޮންސަރުން ހަގީގަތުގައި،" ހަވީރުގެ އޮފިޝަލް ވިދާޅުވި އެވެ. "އެ ކުންފުނިތަކުން އަސްލު ކުޅުންތެރިންނަށް ވަރަށް ބޮޑު އެހީއެއް އެ ވަނީ. އެކަމަށްޓަކައި ކުންފުނިތަކަށް ހަވީރުން ޝުކުރު އަދާކުރަން."
ހަވީރު ސްޕޯޓްސް އެވޯޑްސް ނައިޓްގެ ސްޓޭޖާއި ލައިޓިން އަދި ސައުންޑުގެ ހުރިހާ ކަމެއް މިފަހަރު ކުރަނީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި އެކަން ކުރަމުން އަންނަ ހަބުގެ ފަރާތުންނެވެ. ހަބުން ވަނީ މިރޭގެ ހަފުލާ ތެރޭގައި ލޭޒާ އައިޓަމެއް ހުށަހަޅާ ގޮތަށް ވެސް ހަމަޖައްސައިފަ އެވެ. އޭގެ އިތުރުން މުނިފޫހިފިލުވުމުގެ އެތައް އައިޓަމެއް ވެސް ޝޯގައި ހިމެނެ އެވެ. މި ޝޯ ޓީވީއެމުން ވަގުތުން ދައްކަން ފަށާނީ މިރޭ 00: 9 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ