ޖީއެމްއާރުގެ ވެރިޔާއާ ބައްދަލުކޮށް ކަންބޮޑުވުން ފާޅުކުރިން - މައުމޫން

ޖީއެމްއާރަށް ފަންސަވީސް އަހަރަށް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ދީފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ވަންހަނާ ގޮތެއްގައިކަމަށް، ޖީއެމްއާރުގެ ވެރިޔާ ޖީ.އެމް ރާއޯ އާ ބައްދަލުކޮށް ވިދާޅުވެފައިވާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް މައުމޫން ވިދާޅުވީ، ރާއޯ އާ އެމަނިކުފާން ބައްދަލުކުރެއްވީ އަނބިކަނބަލުން ނަސްރީނާގެ ބޭސްވަރުވާއަށް، ވަޑައިގެން ހުންނެވި ހޮޓަލަށް އޭނާ ވަޑައިގެން ބައްދަލުކުރަން އެދުމުންކަމަށާއި އެބައްދަލުވުމުގައި ޖީއެމްއާރުން އެއާޕޯޓު ހިންގުމާބެހޭގޮތުން އޭނާ ވާހަކަދެއްކި ކަމަށެވެ.
މައުމޫން ވިދާޅުވީ ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދުވެސް އަދި ޖީއެމްއާރާ މެދު ނުވަތަ އެހެން ކުންފުންޏަކާ މެދުވެސް އެއްވެސް މައްސަލައެއް ނެތްކަމަށާއި، މައްސަލައަކީ ރާއްޖޭގެ ކުރީގެ ސަރުކާރުން ޖީއެމްއާރާއެކު ހެދި އެއްބަސްވުމަކީ ޤާނޫނާ ޚިލާފަށް ކުރިކަމެއްކަމަށް ވުންކަމުގައެވެ.
މިދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގާ ވެސް މައުމޫން ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ރާއްޖެ އަށް އިންޑިއާ އިން ދެމުން އަންނަ އެހީތަކަށް ޝުކުރުއަދާކުރެއްވި ކަމަށާއި އަދި އެ ގުޅުން ހަރުދަނާކުރުމަށް ޕީޕީއެމުން ބޭނުންވާ ކަމަށް ދެންނެވި ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ. އަދި ޖީއެމްއާރަށް އެއާޕޯޓް ދީފައިވާ މައްސަލައާ ބެހޭގޮތުންވެސް މަންމޯހަން ސިންހާ އެކު ވާހަކަ ދެކެވުނު ކަމަށާއި އެ އެގްރިމަންޓުގައި ހުރި ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އެއީ ކުރީގެ ސަރުކާރުން ވަރަށް ސިއްރިޔާތުގައި ރާއްޖޭގެ ރައްޔިތުންނާއި ރައްޔތުންގެ މަޖިލީހަށްވެސް ނާންގައި ކުރިކަމެއް ކަމަށް ދެންނެވި ކަމަށް މައުމޫން ވިދާޅުވިއެވެ.
ޖީއެމްއާރަށް އެއާޕޯޓު ދިން މައްސަލަ އަނެއްކާވެސް ހޫނުވެފައިވާ މިދަނޑިވަޅުގައި މައުމޫން އެކުންފުނީގެ ވެރިޔާއާއި ބައްދަލުކުރެއްވުމުން ޕީޕީއެމް އާ ވާދަވެރި ޑީއާރުޕީން ވަނީ ވަރަށްބޮޑަށް ފާޑުކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ