ޕީޕީއެމް ސަރުކާރެއްގައި އިންޑިޔާއާ ގުޅުން ރަނގަޅު ކުރައްވާނަން - މައުމޫން

ޕީޕީއެމް ސަރުކާރެއް ޤާއިމު ކުރެވިއްޖެނަމަ އިންޑިޔާއާއި ދިވެހިރާއްޖެއާއި ދެމެދު މިހާރު އޮތް ވަރަށް ވުރެ ގުޅުން ރަނގަޅު ކުރައްވާނެ ކަމަށާއި، ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ބުރޫއަރާ ފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަލްއުސްތާޒް އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އިންޑިޔާގެ ޚާރިޖީ ވަޒީރު ، ޚޫރުޝިދުއާ ބައްދަލުކުރެވުމުން އިންޑިޔާގެ އިންވެސްޓަރުންނާއި ދޭތެރޭ ފަހަކަށް އައިސް ރާއްޖޭގައި ކަންތައް ކުރެވިފައިވާ ގޮތުން އިންޑިޔާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހިތްހަމަނުޖެހޭ ކަމަށާއި، އޭގެ ސަބަބުން އިންޑިޔާ ސަރުކާރަށް ވަރަށް ފާޑު ކިޔުން އަމާޒު ވެގެންދާތީ އެކަންތަކާ އިންޑިޔާ ސަރުކާރުގެ ކަންބޮޑުވުން ހާމަކޮށް، އެކަން ހައްލު ކުރެއްވުމަށް ރައީސް މައުމޫން މަސައްކަތް ކޮށްދެއްވުމަށް ޚޫރުޝިދު އެދިވަޑައިގެންނެވުމާއި ގުޅިގެންނެވެ.
އިންޑިއާގެ އިންވެސްޓަރުންނާ ދޭތެރޭ ކަންތައްތައް ހިނގާފައިވާ ގޮތުން އުފެދިފައިވާ މައްސަލަ ހައްލުކުރުމުގައި ރައީސް މައުމޫނަށް އިސްދައުރެއް އަދާކުރެއްވިދާނެ ކަމަށް ވިދާޅުވެ އެކަމަށް މަސައްކަތް ކޮށްދެއްވުމަށް ސަލްމާން ވަނީ މައުމޫނު އަރިހުގައި ވިދާޅުވެފަ އެވެ.
''މިހާރުން މިހާރަށް ކޮށްދެވެން މާބޮޑު ކަމެއް އޮތް ކަމަކަށް ދެކެވަޑައިނުގަންނަވަން. އެހެން ނަމަވެސް އެކަމުގައި އެއްވެސް އަލިމަގެއް ފެނޭތޯ ބައްލަވައި ދެއްވާނަން. ޕީޕީއެމްގެ ސަރުކާރެއް ޤާއިމު ކުރެވިއްޖެނަމަ ގުޅުން މިހާރު އޮތް ވަރަށް ވުރެ ރަނގަޅު ކުރައްވާނަން'' ބައްދަލު ކުރެއްވުމާއި ގުޅޭގޮތުން ޕީޕީއެމް އިން ނެރުނު ބަޔާނުގައިވެ އެވެ.
ސަލްމާން ހޫރުޝީދުއާ އެކު ރައީސް މައުމޫނު މަޝްވަރާކުރެއްވި އިތުރު ކަންތައްތަކުގެ ތެރޭގައި އިންޑިއާ އިން ރާއްޖެއަށް ހިލަވެލި އެކްސްޕޯޓްކުރުން ހުއްޓާލާފައި އޮތް އޮތުމާއި ވިޒާ ލިބުން ދަތިވާ މައްސަލަ ހިމެނެ އެވެ.
ވިޒާގެ މައްސަލައާ ބެހޭ ގޮތުން ސަލްމާން ވިދާޅުވި ކަމަށް ވިޒާގެ މައްސަލައަށް އަދި ހައްލެއް ނުގެނެވިގެން އުޅެނީ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންނާ ދޭތެރޭ ކައްތައްތައް ކުރެވެނީ މުޅިން ރަނގަޅަށް ކަމަށް ނުވާތީ ކަމަށެވެ. އެމީހުން ތަމްސީލުކުރާ އިންޑިއާގެ ޕާލަމެންޓް މެމްބަރުން އެ މައްސަލައިގާ ސަރުކާރަށް ޝަކުވާ އުފުލަމުންދާ ކަމަށް ވެސް ސަލްމާން ވަނީ މައުމޫނަށް ދަންނަވާފަ އެވެ.
އަދި ހިލަވެލީގެ މައްސަލަ ހައްލު ނުވެގެން އުޅެނީ، ހިލަވެލި އެކްސްޕޯޓް ކުރުން ހުއްޓުވުމަށް އިންޑިއާގެ ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ފަރާތްތަކުން ވަރަށް ވަރުގަދައަށް މަސައްކަތް ކުރާތީ ކަމަށް ސަލްމާން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެކަމަށް އުސޫލުތަކެއް ހަމަޖެއްސޭތޯ ޗެންނާއީގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމަށް ވަރަށް އަވަހަށް އަލިމަގެއް ފެނިދާގެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް ޚޫރްޝިދު ރައީސް މައުމޫން އަރިހު ވިދާޅުވި ކަމަށް ޕީޕީއެމް އިން ބުންޏެވެ.
މީގެ އިތުރުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ރައީސް މައުނޫނު މިހާރު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.
ރައީސް މައުމޫން ވަނީ އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްމުށްފަހު އިއްޔެ އެނބުރި މެލޭޝިޔާއަށް ވަޑައިގެންންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ